އަލުވި: ޝައިޠާނާގެ އާފަލު!

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
ޖުލައި 7, 2026

މިއަދު ގޭގޭގެ ބަދިގޭގައި، އަލުވި ނެތް ނަމަ، ޕެޓީސްއެއް، ކަޓްލަޓްސްއެއް، ފްރެންޗް ފްރައިސްއެއް، އަދި އަލުވި ރިހައެއް ނުހުންނާނެއެވެ. އެހެންކަމަށްވާނަމަ، އަހުރެމެންގެ ކެއްކުމުގެ ވައްޓަފާޅިއާއި، ރެސިޕީތަކާއި، އަދި ކެއިން ބުއިމަށް ކުރާނީ ކޮން ކަހަލަ އަސަރުތަކެއް ހެއްޔެވެ؟ ހަމަގައިމުވެސް އަލުއްވާ ނުލައި، ކާމޭޒުމަތި އަސްލު ފުރިހަމައެއް ނުވާނެއެވެ.

އެނގޭހެއްޔެވެ؟ ވިލާތުގައި އަލުވި ހެއްދުމަކީ ކުށަކަށް ވެގެން ދިޔަ ދުވަސްވަރެއް ވެސް ދިޔައެވެ. އެއީ، މީލާދީން 1500 ގެ އަހަރުތަކުގައެވެ. ސްޕޭނުގެ ނެވިން، އެ ތަފާތު ތަރުކާރީ، ވިލާތަށް އެންމެ ފުރަތަމަ ގެނައީ ދެކުނު އެމެރިކާއިންނެވެ. އަދި އެއާއެކު، ބިރުވެރިކަމާއި ނާމާންކަމުގެ އަޑުތަކުގެ ޠޫފާނެއް ވިލާތުގައި އުފެދުނެވެ.

ފާދިރީން ބުނެފައިވަނީ، އެއީ އިންޖީލުގައި ބަޔާން ކުރައްވާފައިވާ އެއްޗެއް ނޫން ކަމުގައެވެ. އަދި، އެއީ މާތްރަސްކަލާނގެ އިންސާނުންނަށްޓަކާ އުފައްދަވާފައިވާ އެއްޗެއް ނޫން ކަމުގައެވެ.

މާހިރުން ބުނެފައިވަނީ، އެއީ ވިހަ ނައިޓްޝޭޑް ޢާއިލާގެ ގަހެއް ކަމަށެވެ. އަދި، އެއީ ޝައިޠާނީ ބާރުތަކާ ގުޅިފައިވާ ގަހެއް ކަމަށެވެ. އަދި އަލުއްވަކީ ”ޝައިޠާނާގެ އާފަލު“ ކަމަށެވެ.

ޙަކީމުން ބުނެފައިވަނީ، އެއީ ޖުޒާމްބަލި ޖެހިފައިވާ މީހުންގެ އިނގިލިތަކުގެ ބައްޓަމަށް އުފެދިފައިވާ އެއްޗެއް ކަމުން، އަލުވި ކެއުމުން ޖުޒާމްބަލި ޖެހޭނެ ކަމަށެވެ.

މި އަޑުތައް ފެތުރިގެން ދިޔުމާއެކު، މީލާދީން 1748 ވަނަ އަހަރު ފަރަންސޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުން، އަލުވި އިންދާ ހެއްދުން ޤާނޫނަކުން ރަސްމީކޮށް މަނާކުރިއެވެ.

ހަނގުރާމައިގެ އަސީރެއްގެ ގޮތުގައި އެންޓޮއިން ޕާމެންޓިއާ ކިޔާ ފަރަންޖީއަކު، ޕްރޫޝިޔާގައި ބަންދުކޮށްފައި ހުއްޓެވެ. އަހަރުތަކެއް ވަންދެން އެތަނުގެ ޖަލުގައި، އޭނާއަށް ހަމައެކަނި ކާންދިނީ އަލުއްވެވެ. އަދި، އޭނާ ފެނުނީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުއްޓައެވެ. އޭނާ މިނިވަން ވުމަށްފަހު، އެނބުރި ފަރަންސޭސިވިލާތަށް އައިސް، އޭނާ ނިންމީ އެ ތަރުކާރީ މުޅި ފަރަންސޭސިވިލާތަށް ތަޢާރަފް ކުރުމަށެވެ. އެގޮތުން، ދަނޑު ހައްދާނޭ ބިމެއް ހޯދައި، އެ ދަނޑުގައި އަލުވި މުޑުވައްކޮށް، ދަނޑުގެ ވަށައިގެން ދުވާލު ހަތިޔާރު އެޅި ގާޑުން ބެއިތިއްބިއެވެ. އަދި ރޭނގަނޑު އެއްވެސް ގާޑަކު ނުބަހައްޓައެވެ. ކޮންމެއަކަސް އެހާ ރައްކާތެރިކަމާއެކު، ބަލަހައްޓާ އެއްޗަކީ އަގެއް ހުރި އެއްޗަކަށް ވާންޖެހޭނެ ކަމަށް މީހުން ހީކުރިއެވެ. އެހެންކަމުން، މީހުން ރޭގަނޑު ދަންވަރު ސިއްރުން އެ ދަނޑަށް ވަދެ އަލުވި ވަގަށް ނަގަން ފެށިއެވެ.

މަދު މޫސުންތަކެއްގެ ފަހުން މުޅި ފަރަންސޭސިވިލާތުގައި އަލުވި ފެތުރި ފުޅާވެގެން ދިޔައެވެ. އަދި، އަލުވި މަނާކޮށްފައި އޮތް އޮތުން، 1772 ވަނަ އަހަރު އުވާލިއެވެ. މިއަދު، އެ ”ޝައިޠާނީ ގަހުން“ އުފައްދާ އަލުއްވަކީ، ދުނިޔޭގައި ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ކާން ބޭނުންކުރާ އެއް ބާވަތެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *