ޑިސެމްބަރ 23, 2024 09:07

ހުކުރު ނަމާދަކީ ޤިޔާމަތް ދުވަސް ހަނދާންކޮށްދޭ ރިހާސަލްއެއް

އަޙްމަދު ފަޔާޟު ޙަސަން
އޮކްޓޯބަރ 11, 2024

ސޫރަތުލް ޖުމުޢާއިން ލިބިދޭ މެސެޖުތައް (2)

އަލްޤުއްދޫސް މިބަހުގެ އަސްލަކީ ޤާފު ދާލު ސީނު ޤުދުސް އެވެ. މިބަހުގެ މާނަޔަކީ ޠޯހިރުކަމާއި ސާފުކަމާއި މާތްކަމެވެ. ޤައްދަސަ މިބަހުގެ މާނަޔަކީ ޠޯހިރުކުރުމެވެ. މިބަހުގެ އަސްލަށް ބަލާއިރު ޤައްދާސްއަކީ ގަދީމީ އަރަބީން ބޭނުންކުރި ހިލައެކެވެ. މިހިލައަކީ ވަޅެއްފަދަ އެއްޗެއްގައި ހުންނަ ފެން ކިލަނބުވިޔަނުދޭން އޭގެތެރެއަށް އެމީހުން އަޅާ ހިލައެވެ. މިގޮތަށް އަޅާ ހިލައިން ކޮށްދޭ ކަމަކީ ފެންގަނޑު ސާފުކޮށް ބެހެއްޓުމެވެ. ޤާދިސްއަކީވެސް ގަދީމީ އަރަބީން ބޭނުންކުރި ހިލައެކެވެ. ޤާދިސްއަކީ ޖަމަލު ފެންބޯ ކަންވާރުގައި ހުންނަ ފެން، މައްޗަށް އަރުވަން ކަންވާރުގެ ތެރެއަށް އަޅާ ހިލަކޮޅުތަކެވެ. މިގޮތަށް ހިލައަޅަނީ ކަންވާރުގެ އެންމެ އެތެރެއަށް ޖަމަލުގެ ބޯ ނުވަންނަ ހާލަތުގައެވެ. މިގޮތަށް ހިލަކޮޅުތަކުން ފެންފޮދު މައްޗަށް އެރުވުމުން ޖަމަލަށް ފަސޭހައިން ފެންބޮވެއެވެ. ޤަދަސްއަކީ ގަދީމީ އަރަބީން އަތްދޮވުމަށް ބޭނުންވާ ފެން އަޅާ ކަންވާރުއެވެ. މިއީ ތަށްޓެއް ނުވަތަ ބޯތަށްޓެއްފަދަ ކަންވާރެކެވެ. ޤަދީސްއަކީ އަގުހުރި ނުވަތަ މާތްކަމުގެ ހިލައެވެ. މިފަދަ ހިލަ ބޭނުންކުރަނީ މީހުން ބޭނުންކުރާ ގަހަނާތަކުގައެވެ. ޤުދާސްއަކީ ފައްޗަކަށް އަމުނާފައިހުންނަ އޮށެވެ. މިސާލަކަށް ތަސްބީހަ ފަތީގައި ހުންނަ އޮށަކީ ޤުދާސްއެވެ. އިސްލާމް ދީން އައުމުގެ ކުރިން ގެފުޅަށް އަރަބީން ބޭނުންކުރި އެއް ނަމަކީ ޤާދިސްއެވެ.

ތަސްބީޙައިން ކުރާ ކަމަކީ ﷲ ގެ މަތިވެރިކަމާއި ފުރިހަމަކަމާ އެކަށީގެންނުވާ އަދި ޠޯހިރުނޫން ހުރިހާ ކަމަކުން ﷲ ބަރީއަކުރުމެވެ. ތަޤުދީސުން ކުރާ ކަމަކީ މާތްކަމެއްނުވާ އަދި ނުބައި ހުރިހާ ސިފަތަކުން ﷲ ގެ ނަންފުޅު ބަރީއަކުރުމެވެ. ކީރިތި ޤުރްއާން ބާވައިލެއްވުމުގެ ކުރިން މި ދެބަހަކީ ޔަހޫދީންނާއި ނަޞާރާއިންވެސް ކަލާނގެއަށް ނިސްބަތްކޮށް ބޭނުންކުރި ބަސްތަކެވެ. ރަސޫލުﷲ މިބަސްފުޅުތައް ބަޔާންކުރެއްވުމުން އެމީހުންނަށް ހައިރާންކަން ލިބުނެވެ. ސަބަބަކީ ޢިލްމުވެރިކަމުގައި އަރާހުރި މީހަކަށް މެނުވީ އެފަދަ ބަހެއް ނޭގެނެތީއެވެ.

ޤުއްދޫސަކީ ސާފުޠޯހިރު ނުވަތަ މާތް މީހާއެވެ. ދުނިޔޭގެ ތަފާތު ދީންތަކުގައި، މިސާލަކަށް ބުދު ދީން، ހިންދީ ދީން، ޔަހޫދީ ދީން ނުވަތަ ނަޞާރާ ދީނުގައި ޠޯހިރު ނުވަތަ މާތް މީހުން އުޅުނެވެ. އެފަދަ މީހުންނަކީ އެމީހުންގެ ދީނުގެ އެންމެ ސާފުޠޯހިރު މީހުންނެވެ. އަލްޤުއްދޫސް މިނަންފުޅުން އަންގައިދެނީ ﷲ ގެ ޠޯހިރުވަންތަކަމާއި ﷲ ގެ ރަސްކަމުގެ މަތިވެރިކަމާއި ފުރިހަމަކަމެވެ.

މިއާޔަތުގައި ﷲ ބަޔާންކުރައްވާ ދެވަނަ ނަންފުޅަކީ ޢަޒީޒްއެވެ. މިއީ ކީރިތި ޤުރްއާނުގައި ﷲ އަށް ނިސްބަތްކުރެވޭ ވަރަށް އާންމު ނަންފުޅެކެވެ. ޢަޒީޒް މިބަހުގެ އަސްލު ގުޅިފައިވަނީ ބިންގަނޑާއެވެ. ޢައްޒާ، ޢަޒާޒާ، ޢަޒާޒް، މަޢުޒޫޒާ މިބަސްތައް ބޭނުންކުރަނީ ވަރުގަދަ ނުވަތަ ހަރު ބިންގަނޑަށެވެ. ހަރުކޮށް ނުވަތަ ގަލުން ހުންނަ ވަރުގަދަ ބިންގަނޑަކީ ޢަޒާޒްއެވެ. ހަރުކޮށް އޮންނަ ނުވަތަ ގަލުގެ ބިންގަނޑަކީ މަޢޫޒޫޒްއެވެ. ފިސާރި ވަރުގަދަ އަހަށް ބޭނުންކުރެވުނު އެއް ނަމަކީ މަޢުތައްޒާއެވެ. ހަށިގަނޑުގެ މަސްގަނޑު ހަރުކޮށް އޮންނަ ޖަމަލަށް ކިޔާ ނަމަކީ ނާގަތު ޢަޒޫޒްއެވެ. ޢިއްޒު މިބަހުގެ މާނަޔަކީ ހުރި މަގާމުން އެއައަށްވުރެ މަތީ މަގާމަކަށް ދިއުމެވެ. ޢައްޒަޒަ މިބަހުގެ މާނަޔަކީ ވަރުގަދަކުރުން ނުވަތަ ބާރުވެރިކުރުމެވެ. ޢައްޒަ މިބަހުގެ މާނަޔަކީ ބިރުދެއްކުން ނުވަތަ ބާރުނައްތާލުމެވެ.

އަލްޢަޒީޒް މިބަސް ﷲ އަށް ނިސްބަތްކޮށް 89 ފަހަރު ކީރިތި ޤުރްއާނުގައި ﷲ ބަޔާންކުރައްވައެވެ. މީގެތެރެއިން 47 ފަހަރު މިނަންފުޅާއެކުގައި އަލްޙަކީމް އާދެއެވެ. ޢަޒީޒް މިބަސް އެހެން ފަރާތްތަކަށް ނިސްބަތްކުރައްވައި، ކީރިތި ޤުރްއާނުގައި 10 ފަހަރު ބަޔާންކުރައްވައެވެ.

އަލްޢަޒީޒް މިބަހުގައި ބާރާއި އިޙުތިރާމް އެކުލެވެއެވެ. ޔޫސުފް ސޫރަތުން އެނގޭގޮތުގައި ޔަޢުޤޫބް ޢަލައިހިއްސަލާމަށް އިޙުތިރާމް އޮތެވެ. އެކަމަކު އެކަލޭގެފާނުގެ އަތްޕުޅުގައި ބާރެއްނެތެވެ. ރާއްޖޭގެ ރައީސަކަށް ހުންނަ މީހެއްގެ އަތުގައި ބާރު އޮވެއެވެ. އެކަމަކު އޭނާއަކީ މީހުންގެ އިހުތިރާމް އޮތް މީހަކަށް ނުވެ ހިނގައިދާނެއެވެ. ހުރިހާގޮތަކުން އެންމެ މަތިވެރި ބާރާއި ހުރިހާ ޢިއްޒަތެއް ލިބިވޮޑިގެންވާ ހަމައެކަނި ފަރާތަކީ ﷲ އަލްޢަޒީޒްއެވެ. މީހުންނަށް ބާރާއި ޢިއްޒަތްދެއްވާ ފަރާތަކީވެސް ﷲ އެވެ.

ޢަޒީޒަކީ އެމީހަކާ ޖަދަލުނުކުރެވޭ ވަރަށް އެމީހެއްގެ އަތުގައި ބާރު އޮންނަ މީހާއެވެ. މަތިވެރި މީހާއެވެ. މިސާލަކަށް ތިމާ ފިހާރައަށް ދިޔައިރު ފިހާރަ ބަންދުކޮށްފިއެވެ. އެކަމަކު އޭރު ފިހާރަ ބަންދުކުރާ ގަޑިޖެހެން މިނެޓެއް އޮތެވެ. މިކަމާ ފިހާރައިގެ މުވައްޒަފަކަށް ޝަކުވާ އުފުލައި މިކަން މެނޭޖަރަށް އަންގާނަމޭ ބުނީމެވެ. ޖަވާބުގައި އެ މުވައްޒަފު މަލާމާތުގެ ރާގުގައި ބުނީ އޭނާއަކީ މެނޭޖަރު ކަމުގައެވެ. ކޮންމެއަކަސް އެވަގުތު ފިހާރަ ހުޅުވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. އެވަގުތު ފިހާރަ ބަންދުކުރި މުވައްޒަފަކީ ޢަޒީޒްއެވެ. އޭނާ އެކަންކުރީ އޭނާ އަތުގައި އެކަން ކުރުމުގެ އާރާއި ބާރުއޮވެގެންނެވެ. މެނޭޖަރަށް ގުޅިއަސް ދެން އެގަޑީގައި ފިހާރަ ހުޅުވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.

ﷲ ގެ ހަތަރުވަނަ ނަންފުޅަކަށް އޮތީ އަލްޙަކީމްއެވެ. މިބަހުގެ އަސްލަކީ ޙާ ކާފު މީމު ނުވަތަ ޙަކަމައެވެ. މިބަހުގެ ލަފުޒީ އެއް މާނަޔަކީ އިންސާނާގެ ދަތްދޮޅިއެވެ. ހަމައެގޮތަށް ކަންބަޅީގެ ދަތްދޮޅިއަކީވެސް ޙަކަމައެވެ. ނުވެއްޓޭގޮތަށް ވަރުގަދަކޮށް ހުރުމަކީވެސް ޙަކަމްއެވެ. ޙުކަމަކީ ނިންމާ ނިންމުމެއް ނުވަތަ އިއްވާ ނިޔާއެކެވެ. ޙިކުމަތަކީ މޮޅު ބުއްދިއެވެ. އެންމެ ފުރިހަމަ ޢިލްމާއި މައުލޫމާތާއި ބުއްދީގައި ނިންމާ ނިންމުމަކީ ޙިކުމަތެވެ. މިބަހުން އަންގައިދެނީ ﷲ އަކީ ނިންމުން ނިންމާ އެންމެ މަތިވެރި ފަރާތްކަމެވެ. ހަމައެގޮތަށް ﷲ އަކީ އެންމެ ފުރިހަމަ އަދި އެންމެ ޢަދުލުވެރި ނިޔާ އިއްވާ ފަރާތެވެ.

ޙަކީމަކީ ބުއްދިވެރި ހިކުމަތްތެރި މީހާއެވެ. މިސާލަކީ ބޭސްވެރިކަމުގެ ލަފާ ހޯދަން އަޅުގަނޑުމެން ދާނީ ޑޮކްޓަރެއް ކައިރިއަށެވެ. ހަމައެގޮތަށް ޤާނޫނީ ނުވަތަ ޝަރުޢީ ކަމެއްގައި ރައުޔެއް ހޯދަން އަޅުގަނޑުމެން ދާނީ ޤާނޫނީ ވަކީލެއް ކައިރިއަށެވެ. ކޮންމެވެސް ރޮނގަކުން ކިޔަވައިގެން ޢިލްމުގެ ތޮފި އަޅައިގެން ތިބޭ ހަކީމުން މިއަދު ވަރަށް ގިނައެވެ. އެމީހުން އެމީހުންގެ ފަންނުން މޮޅު ލަފަޔާއި ޚިޔާލާއި އިރުޝާދުދެއެވެ. މިފަދަ މީހުންނަކީ ހަކީމުންނެވެ.

ޢަލްމަލިކު، އަލްޤުއްދޫސް، އަލްޢަޒީޒް އަދި އަލްޙަކީމް މި ހަތަރު ނަންފުޅުން އަންގައިދެނީ ﷲ އަކީ ހުރިހާގޮތަކުން އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ރަސްކަލާނގެއަކީ އެކަލާނގެކަމެވެ. ހަމައެގޮތަށް ހުރިހާގޮތަކުން އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ރަސްކަންފުޅަކީ އެކަލާނގެ ރަސްކަންފުޅުކަމެވެ. (ނުނިމޭ)

ނޯޓު: ފަޔާޒަކީ އުނގެނުމަށް ޖޯޝާއި ފޯރި ހުންނަ ދަރިވަރެކެވެ. އޭނާއަކީ ވިލާ ކޮލެޖްގެ ދާރިސެކެވެ.

މި ލިޔުމާ ގުޅޭ