އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ނަތަންޔާހޫ ދިރިއުޅޭ ގެއަށް، އިސްރާއީލާ ދެކޮޅަށް ލުބުނާނުގައި ހަނގުރާމަކުރަމުން ގެންދާ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިން ވަރުގަދަ ހަމަލާއެއް ދީފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނެފައިވަނީ، މި ޑްރޯން ހަމަލާ އަމާޒުކޮށްފައި ވަނީ އިސްރާއީލްގެ ސިޒޭރިއާގައި ހުންނަ ނަތަންޔާހޫ ދިރިއުޅޭ ގެއަށެވެ.
އިސްރާއީލުން ވެސް ބުނެފައިވަނީ ހިޒްބުﷲއިން ދިން ޑްރޯން ހަމަލާއެއް ބިލްޑިންގަކަށް އަރާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބިލްޑިންއެއްކަމެއް، އަދި ލިބިފައިވަނީ ކިހާ ވަރެއްގެ ގެއްލުމެއް ކަމެއް ބުނެފައެއް ނުވެއެވެ. އަދި އިތުރު ދެ ޑްރޯން ހަމަލާދީ ވައްޓާލެވުނު ކަމަށްވެސް ބުނެފައިވެއެވެ.
ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ، ހަމާސް ޖަމާއަތާއި، ލުބްނާންގެ މުޖާހިދުންގެ ޖަމާއަތް ހިޒްބުﷲ ދޭ ހަމަލާތަކުގައި، އިސްރާއީލުން ގެންދަނީ އެ ޖަމާއަތްތަކުގެ ލީޑަރުންނަށް އަމާޒުކޮށް ހަމަލާދީ ޝަހީދު ކޮށްލަމުންނެވެ.

އެގޮތުން ހިޒްބުﷲއެ ޖަމާއަތުގެ އެންމެ އިސް ވެރިޔާގެ ގޮތުގައި ހުންންވި، އަލް-ސައްޔިދް ހަސަން ނަސްރުالله ވަނީ މިދިޔަ މަހު ޝަހީދު ކޮށްލައިފައެވެ. އަދި މިދިޔަ ހަފްތާގައި ދިން ކަމަލާއެއްގައި، ހަމަސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ ޔަހްޔާ އަލް-ސިންވާރް ޝަހީދު ކޮށްލާފައިވާނެ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.
ސިންވާރު ކުރިން ފުރުއްވަމުން ގެންދެވީ ހަމާސްގެ އަސްކަރީ ގޮފީގެ އިސް ކޮމާންޑަރުގެ މަގާމެވެ. އެ ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާގެ މަގާމާ އޭނާ ހަވާލުވެ ވަޑައިގަތީ, އެ މަގާމު ކުރިން ހުންނެވި އިސްމާއީލް ހަނިއްޔާ ޝަހީދު ކޮށްލުމާ ގުޅިގެންނެވެ. އިސްރާއީލުން ހަނިއްޔާ ޝަހީދު ކޮށްލާފައި ވަނީ ޔަހޫދީ ފައުޖުން އިރާނުގެ ވެރިރަށް ތެހެރާނަށް ޖުލައި 31ވަނަ ދުވަހު ދިން ހަމަލާއެއްގައެވެ.
މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން އެކަންތައްތަކުގެ ބަދަލު ހިފުމުގެ ގޮތުން، ހިޒްބުﷲ އިން ނަތަންހޫ ދިރިއުޅޭ ގެއަށް މިއަދު ހަމަލާ ދިން އިރު އެ ދެމަފިރިންވެސް ގެއަކު ނޫޅުއްވައެވެ.






