އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ ދައުރުގައި އެމެރިކާއާއި ޗައިނާގެ ވިޔަފާރީގެ ހަނގުރާމަ ވަރުގަދަވެއްޖެނަމަ ޗައިނާގެ އިގްތިސާދީ ކުރިއެރުން ދެ ޕަސެންޓް ޕޮއިންޓަށް ދަށްވެދާނެ ކަމަށް މެކުއަރީ ގްރޫޕުން ނެރުނު ރިޕޯޓެއްގައިވެ އެވެ. ޗައިނާގެ މުދަލުން ނަގާ ޓެރިފް %60 އަށް އިތުރުކުރުމަށް ޓްރަމްޕް ކެމްޕޭން ވައުދުވުމުން ކުރިއަށް އޮތް އަހަރު ތެރޭގައި ޗައިނާގެ އެކްސްޕޯޓް %8 ދަށްވެ، ވިޔަފާރީގެ އިތުބާރު ގެއްލި ކެޕިޓަލް ހަރަދުތަކަށް އަސަރު ފޯރާފާނެ ކަމަށް އެރިޕޯޓުގައި ބުނެފއި ވެއެވެ.
މެކުއަރީގެ އިގްތިސާދީ މާހިރުން ކަމަށްވާ ލެރީ ހޫ އާއި ޔޫކްސިއާއޯ ޒާންގް ލަފާކުރާ ގޮތުގައި ޓްރަމްޕް ތައާރަފް ކުރާ މިފަދަ ޓެރިފްތަކުގެ ސަބަބުން އިގްތިސާދީ ގެއްލުން ފޫބައްދަން ހަ ޓްރިލިއަން ޔުއާން (ގާތްގަނޑަކަށް 1.1 ޓްރިލިއަން ސިންގަޕޫރު ޑޮލަރު) ގެ ބޮޑު ސްޓިމިއުލަސް ޕެކޭޖެއް ތައާރަފް ކުރަން ޗައިނާއަށް މަޖުބޫރު ވެދާނެ އެވެ. މި އަދަދުގެ ދެބައިކުޅަ އެއްބައި ބޭނުންވާނީ އެކްސްޕޯޓް އާމްދަނީ ދަށްވުމާ ދެކޮޅަށް ފިޔަވަޅުތައް އެޅުމަށެވެ. އަނެއް ބައި ބޭނުންވާނީ ޑޮމެސްޓިކް ޑިމާންޑް ބަލިކަށިވުމުން އިގްތިސާދަށް ދިރުމެއް ދިނުމަށެވެ.
އިގްތިސާދީ މާހިރުން ލަފާކުރާ ގޮތުގައި ވިޔަފާރީގެ ކޯޅުން ބޮޑުވުމުން ޗައިނާ މިހާރު ހިންގާ އެކްސްޕޯޓަށް ބަރޯސާވާ އިގްތިސާދީ ތަރައްގީގެ މޮޑެލްއާ ދުރަށް ދާން މަޖުބޫރުވެދާނެ އެވެ. އޭގެ ބަދަލުގައި 2010 ގެ އަހަރުތަކުގައި ބޭނުންކުރި ސްޓްރެޓެޖީއާ އެއްގޮތަށް، ގައުމުގެ އަސާސީ އިގްތިސާދީ ބާރަކީ، އެތެރޭގެ ޑޮމެސްޓިކް ކޮންސިއުމަރުންކަމަށް ބަލައި އެފަރާތްތަކަށް ފޯކަސް ކުރަން އަލުން މަޖުބުރު ވެދާނެއެވެ.