ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ސަރުކާރުން ގާނޫނުއަސާސީއަށް އިއްޔެ ގެނައި ބަދަލުގެ ސަބަބުން ”ރާއްޖޭގެ ޑިމޮކްރަސީގެ އިރު އިއްޔެ އޮއްސިއްޖެ“ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް އެމްޑީޕީން މިއަދު ބޭއްވި ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ އިއްޔެ އޮއްސުނުއިރާއެކު ރާއްގެ ޑިމޮކްރަސީގެ އިރުވެސް އޮއްސުނީ ކަމަށެވެ.
އޭނާ ވިދާޅޫވީ ރައްޔިތުންނާ މަޝްވަރާ ނުކޮށް ގާނޫނުއަސާސީއަށް ބަދަލުގެނައުންފަދަ ބޮޑުކަމެއް ކޮށްގެންނުވާނޭ ކަމަށެވެ. ގާނޫނުއަސާސީގެ މުޅި މަފްހޫމަކީ ރައްޔިތުންނާ މަޝްވަރާ ކޮށްގެން ނިންމުން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
”ގާނޫނުއަސާސީއަށް ވޯޓުނަގާ އިއުލާން ކުރެއްވި ވަގުތު އިއްތިފާގުވެގެންދިޔައީ އިއްޔެގެ އިރުއޮއްސި މަޣުރިބު ނަމާދަށްގޮވި ވަގުތާ. އިރުއަޅުގަނޑަށް ސިފަކުރެވުނީ އޮއްސިގެން އެދިޔައީ ހަމައެކަނި އިއްޔެގެ އިރެއްނޫނޭ ރާއްޖެއަށް ރާއްޖޭގެ ޑިމޮކްރަސީގެ އިރުވެސް އިއްޔެ އެ އޮއްސިގެންދިޔައީއޭ،“ ޝާހިދު ވިދާޅުވިއެވެ.
ގާނޫނުއަސާސީއަށް އިއްޔެ ގެނައި ބަދަލުގެ ސަބަބުން ރާއްޖޭގައި ނުރައްކާތެރި ރަނގަބީލެއްވެސް ޖެހެން ފަށައިފިކަމަށް ޝާހިދު ވިދާޅުވިއެވެ. ރާއްޖޭގެ ގާނޫނުއަސާސީ ބައްޓަން ވެފައި އޮންނަނީ އެއަށް ބޮޑެތި ބަދަލު ގެންނަންޖެހޭ ކަމަށްވާނަމަ ރައްޔިތުންނާ މަޝްވަރާ ކުރަންޖެހޭ ގޮތަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންކަމުން ބަދަލާ ބެހޭގޮތުން ރައްޔިތުން ދެކޭގޮތް ހާމަކުރުމުގެ ފުރުސަތު މިހާރުވެސް ދޭންޖެހޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މަޖިލީހުން އިއްޔެ ފާސްކުރެއްވި ގާނޫނުއަސާސީގެ އިސްލާހު ތަކަކީ ޑިމޮކްރަޓިކް އެއްވެސް ހަމައަކުން ކަންކުރެވިގެންވާނޭ ގޮތެއްނޫން ކަމަސްވެސް ވިދާޅުވިއެވެ.






