ގާނޫނު އަސާސީއަށް އިއްޔެ ގެނެވުނު އިސްލާހުތަކާ ގުޅިގެން މަޝްވަރާކުރަން ބޭނުންވި ކަމަށާއި އެހެންނަމަވެސް ކޮމިޓީމަރުހަލާގައިވެސް އެފުރުސަތު ނުލިބުނު ކަމަށް އެމްޑީޕީގެ ޕީޖީލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.
މި އިސްލާހު ގެނައުމަށް އެކިދާއިރާތަކުން ބަދަލު ގެންނަން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ބިމާއި ރާއްޖޭގައި ބޭރުގެ ސިފައިން ބޭތިއްބުން ފަދަ ބޮޑެތި ކަންކަން ހިމަނާފައިވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެބަދަލު ގެނެސްފައިވަނީ އެކަށީގެންވާ މަޝްވަރާތަކެއް ނުކުރެވި އަވަސް އަވަހަށް ކަންކަން ނިންމާލާ އުސޫލުން ކަމަށް ނާޒިލް ވިދާޅުވިއެވެ.
މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިލް ވިދާޅުވީ ގާނޫނު އަސާސީއަށް ގެނެވުނު ތިން އިސްލާހަކީ ވަރަށް ގިނަ މަޝްވަރާތަކެއް ކުރަންޖެހޭ ކަންކަން ކަމަށެވެ. އެހެން ނަމަވެސް އެންމެ ގަޑިއިރުގެ ބަހުސަކަށް ފަހު އެ އިސްލާހުތައް ފާސްކޮށްލުމަކީ ޑިމޮކްރަސީއަށް ދިން ލަގާއެކެވެ.
”މިއީ ވަރަށް ގިނަ މަޝްވަރާތަކެއް ކުރަންޖެހޭ ކަމެއް. ރައްޔިތުންނާ ގުޅުން ހުރި ކަންތައްތަކެއް. އެކަމަކު މަޝްވަރާ ކުރާކަށް ފުރުސަތެއް ނުލިބުނު. ކޮމިޓީ ބަހުސް ވެސް ގަޑިއެއްހާއިރު ތެރޭ ނިންމާލީ،“ ނާޒިލް ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވީ މިހާރު ގެނެވުނު އިސްލާހުތަކާ އެކު މަޖިލިސް މެންބަރުން ތަމްސީލު ކުރާނީ ރައްޔިތުންގެ ބަދަލުގައި ޕާޓީ ކަމަށެވެ. އަދި މެންބަރުން ހޮވާފައި ތިބި ދާއިރާތަކުގެ ރައްޔިތުންނަށް ގުޅުމުން ”ތިމަންނައަކަށް ނޫން، ޕާޓީއަށް ގުޅާށޭ“ ބުނެވޭނެ ހާލަތަށް ކަންކަން ބަދަލުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.






