މަސްތުވާ ތަކެއްޗާބެހޭ ގާނޫނު އިސްލާހު ކުރަން ރައީސް ނިންމަވައިފި

މުހައްމަދު އަލީ
ނޮވެމްބަރ 26, 2024

މަސްތުވާ ތަކެއްޗާބެހޭ ގާނޫނު އިސްލާހު ކުރަން މިހަފްތާތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި ގައުމު ސަލާމަތްކުރުމަށް ދައުލަތުގެ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ހުރި ބައެއް އުނިކަންކަން ކަމަށެވެ.

”އެހެންކަމުން، މަސްތުވާތަކެތީގެ މައްސަލަތައް ތަގްގީގުކޮށް، ދައުވާކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި، ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުގެ މަޝްވަރާއާއެކު މަސްތުވާތަކެއްޗާބެހޭ ގާނޫނު ރިވިއު ކުރުމަށްފަހު، އެ ގާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް މި ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ،“ ކަމަށެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ގޭންގު ކުށްތަކުގެ މައްސަލައިން ގައުމު ރައްކާތެރިކޮށް ސަލާމަތްކުރުމަށްޓަކައި، މިހާރު އަމަލު ކުރަމުން އަންނަ ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނުގެ ބަދަލުގައި، އަލަށް އެކުލަވާލަމުންދާ ގޭންގު ހަދައިގެން ކުރާ ކުށްތައް މަނާކުރުމުގެ ބިލު ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

”މި ފަދަ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް ކުރަމުން މިދާ މަސައްކަތްތަކަށް ދިވެހި ލޮބުވެތި ރައްޔިތުން ދެއްވާ އެއްބާރުލެއްވުމަށް ނުހަނު ޝުކުރު ދަންނަވަން،“ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

މި ލިޔުމާ ގުޅޭ