ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ކާމިޔާބު ކަމަށް ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ޖަނަވަރީ 13 އިން 16 ރައީސް ކުރެއްވި މި ދަތުރުފުޅާ ބެހޭ ގޮތުން މިނިސްޓަރ ޑރ. ޚަލީލް ވިދާޅުވެފައިވަނީ ކާމިޔާބު ކަމާއެކު ރައީސްގެ ދަތުރުފުޅު މިހާރު ވަނީ ނިންމާލައްވައިފައި ކަމަށެވެ. ދެގައުމުގެ ގުޅުން ބަދަހި ކުރުމުގައި މުހިންމު ދައުރެއް ރައީސްގެ މިދަތުރުފުޅު އަދާކުރެއްވި ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ވަނީ މުހިންމު ތިން އެމްއޯޔޫއެއްގައި ސޮއިކުރައްވާފައި ކަމަށް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން އުފެއްދުންތެރި ގިނަ ބައްދަލުވުންތަކާއި އެންގޭޖްމަންޓްތައް ހިމެނުނު ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ރައީސްގެ މިދަތުރުފުޅަކީ ދެ ގައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ ބިންގާ އެޅިގެން ދިޔަ ދަތުރެވެ. މިފަދަ ދަތުރުފުޅެއްގައި ރައީސްގެ އަރިހުގައި ގެންދެވި ވަފުދުގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ލިބިވަޑައިގެންނެވުމަކީ ލިބުނު ޝަރަފެއް ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
”ކުރިއަށް ދިއުމަށްޓަކައި، އަޅުގަނޑުމެން ވައުދުވަނީ، މި ދުވެލި ދެމެހެއްޓުމަށާއި، އަޅުގަނޑުމެން ދެގައުމުގެ ރައްޔިތުންގެ ކުރިއެރުމާއި ތަނަވަސްކަމަށްޓަކައި އަޅުގަނޑުމެންގެ ޕާޓްނަރޝިޕް އިތުރަށް ވަރުގަދަކުރަން،“ ފޮރިން މިނިސްޓަރ ވިދާޅުވެފައިވެއެވެ.






