ރިޕަބްލިކް އޮފް އެސްޓޯނިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މާލޭ ވަޑައިގެންފިއެވެ. މިއީ އެސްޓޯނިއާގެ ރައީސް، ޑޮކްޓަރ އަލާރް ކަރިސްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
މިއީ ދިވެހިރާއްޖޭގެ ރައީސަކު އެސްޓޯނީއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މިދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުން ވަނީ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަނީ އެސްޓޯނިއާގެ ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ވަޒީރުންނާއި، ޓާރްޓޫގެ މޭޔަރާއި، ތައުލީމީ ދާއިރާގެ މަންދޫބުންނާއި، ފާހަގަކޮށްލެވޭ އެހެނިހެން މުއައްސަސާތަކުގެ އިސްވެރިންނާ އެކު ބިނާކުރަނިވި މަޝްވަރާތަކެއް ކުރައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. މި ބައްދަލުކުރެއްވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައި ވަނީ ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތައް ދެނެގަތުމުގެ މައްޗަށެވެ. އެސްޓޯނިއާގެ ސަރުކާރާއި އެޤައުމުގެ މުއައްސަސާތަކުން ވަނީ ރާއްޖެއަށް އެއްބާރުލުން ދީ، ރާއްޖެއާ ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައި ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
މި ދަތުރުފުޅުގައި، ތިން ފަހުމުނާމާއެއްގައި ވަނީ ސޮއިކުރައްވާފައެވެ. އޭގެތެރޭގައި ހިމެނެނީ ދިވެހި ސަރުކާރާއި އެސްޓޯނިއާގެ ސަރުކާރާ ދެމެދު މައުލޫމާތު ބަދަލުކުރުމާއި، މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމަށް ސޮއި ކުރެއްވި ފަހުމުނާމާއާއި، ދެގައުމުގެ މެދުގައި ޕޮލިޓިކަލް ކޮންސަލްޓޭޝަން ފެށުމަށް ސޮއި ކުރެއްވި ފަހުމުނާމާ އެވެ. އޭގެ އިތުރުން ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއަރޒްއާ ދެމެދު ސޮއިކުރެއްވި ފަހުމުނާމާ ހިމެނެއެވެ.
ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރު ޙަޤީޤަތަކަށް ހެއްދެވުމަށް، މި ދަތުރުފުޅުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ވަނީ ލިބިފައި ކަމަށް ރައީސް އޮފީހުންވަނީ ވިދާޅުވެފައެވެ.






