ހުޅުމާލޭގައި މޫދަށްއެރި އުޅެނިކޮށް އޮޔާދިޔަ މީހަކު އެމްޓީސީސީގެ ފެރިއަކަށް ނަގައިފިއެވެ. ފުލުހުން ވިދާޅުވީ މޫދަށް އެރިއުޅެނިކޮށް މީހަކު އޮޔާދިޔަ ކަމުގެ މައުލޫމާތު މިއަދު 15:55 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ.
”އެމީހާ ވަނީ އެމްޓީސީސީ ފެރީއަކަށް ނަގައިފައި“ ފުލުހުން ވިދާޅުވިއެވެ. އޮޔާ ދިޔައީ ދިވެއްސެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެމީހާއަށް ފަރުވާ ދިނުމަށްފަހު އިތުރުފަރުވާ ބޭނުންވާތީ ވަނީ މާލެ ގެންގޮސްފައެވެ. އެމީހާގެ ހާލަތު ރަނގަޅު ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުންވަނީ ވިދާޅުވެފައެވެ. މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުންދަނީ ބަލަމުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އޮޔާދިޔަ މީހާ ސަލާމަތް ކުރުމަށް އެހެން ބަޔަކުވެސް ވަނީ މަސައްކަތް ކޮށްފައެވެ. އެމީހާ ސަލާމަތް ކުރަން ދިޔަ މީހުންވަނީ މެރިން ޕޮލިސް ލޯންޗަށް ނަގާފައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެއީ ކިތައް މީހުން ކަމެއް ފުލުހުން ވިދާޅު ނުވެއެވެ.






