އެމްޑީޕީގެ ލީގަލް ޑިރެކްޓަރ މަހުފޫޒު ސައީދު/ފޮޓޯ އެމްޑީޕީ

ޕާޓީ ބަދަލުކުރުމުގެ ތިން ހާހަށްވުރެ ގިނަ ޝަކުވާ މިހާތަނަށް ލިބިއްޖެ: އެމްޑީޕީ

މުހައްމަދު އަލީ
ޖެނުއަރީ 19, 2025

އަމިއްލަ މީހައަށް އެނގުމަކާ ނުލައި ޕީއެންސީއަށް ވައްދާފައިވާ މައްސަލައާ ގުޅުންހުރި ތިންހާހަށްވުރެ ގިނަ ޝަކުވާ މިހާތަނަށް އެމްޑީޕީއަށް ހުށަހަޅާފައިވާކަމަށް އެޕާޓީން ބުނެފިއެވެ.

”މީގެ ތެރޭގައި ކުރީގެ އައިޑީ ކާޑުގައި ހުރި ފޮޓޯ ބޭނުންކުރުމާއި، ސޮއި ފޯޖު ކުރުމާއި، ފިންގަރޕްރިންޓް ފޯޖުކޮށްފައި ހުރުން ހިމެނޭ،“ އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ މެމްބަރު އިބްރާހީމް ޝިޔާމް މިއަދު ވިދާޅުވިއެވެ.

އެމްޑީޕީގެ އެތައް ބަޔަކަށް ނޭނގި އެ ޕާޓީން ވަކިކޮށް ޕީއެންސީއަށް ވައްދަމުންދާ މައްސަލައާ ގުޅިގެން އެތައް ޝަކުވާއެއް ލިބެމުންދާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އެކަން އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށް ވެސް އެތައްބަޔެއްގެ ނަމުގައި ވަގުފޯމް ހުށަހަޅައިގެންވަނީ ޕީއެންސީއަށް ވައްދަފައި ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ލީގަލް ޑިރެކްޓަރ މަހުފޫޒު ސައިދު މިއަދު ވިދާޅުވީ ކޮންމެ މީހެއްގެ ވެސް ޒާތީ ދިރިއުޅުމާއި މައުލޫމާތު ރައްކާތެރި ކުރެވެންޖެހޭ ކަމަށެވެ. އެއީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޕީއެންސީއަށް މީހުން އިތުރުކުރުމަށް ވަގު ފޯމު ފުރައި ޒާތީ މައުލޫމާތު ސަރުކާރު ފަޅީން ބޭނުން ކުރުމަކީ އަސާސީ ހައްގަކަށް އަރައިގަތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއާއެކު ހިނގައިދިޔަ ބައިވަރު ޖިނާއީ ކުށްތައް ތަހުގީގު ކުރުމަށް އެކި އިދާރާތަކުގައި އެދިފައިވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން ތުހުމަތު ކުރާގޮތުގައި ވަގު ފޯމު ފުރައިގެން ޕީއެންސީއަށް މީހުން ވެއްދުމުގެ މަސައްކަތް ކޮށްފައިވަނީ ދައުލަތުގެ އިދާރާއެއް ކަމަށްވާ ޑީއެންއާރު ތެރޭގައި ކަމަށެވެ. އެހެން ކަމުން އެއީ ބޮޑު ޖަރީމާއެއް ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

މިފަދަ ޖަރީމާއެއް ހިންގާފައިވާކަން ހާމަކުރަމުންދާ ނުވަތަ މިކަމުގެ ސައްހަ މައުލޫމާތު އެނގޭ މީހުންނަށް ސަރުކާރުގެ ނުފޫޒާއި ފިއްތުންތައް ދަނީ ކުރިމަތިކުރުވަމުން ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އެހެންނަމަވެސް އެފަދަ ސައްހަ މައުލޫތު ލިބޭވަރަކަށް ހިއްސާކޮށް ދެއްވުމަށް އެމްޑީޕީން ވަނީ އެދިފައެވެ. އެފަދަ ބޭފުޅުންގެ އެފަދަ ބޭފުޅުންގެ ހިމާޔަތުގައި ގާނޫނީ ހަމަތަކުގެ މަތީން މަސައްކަތް ކޮށްދެއްވާނޭ ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ މެންބަރު މުހައްމަދު ނިޝާން ވަނީ ވިދާޅުވެފައެވެ.

ގާނޫނީ ކޮމިޓީގެ މެންބަރު އައިކު އަހުމަދު އީސާ ވިދާޅުވެފައިވެއެވެ. ފޯމުތައް ފުރުމުގެ ވަރަށް ގިނަ މަސައްކަތްތަކެއް ކުރިއަށްދިޔައީ ޑީއެންއާރު ތެރޭގައި. ދައުލަތުގެ ކޮމްޕިއުޓަރުތަކާއި ޕްރިންޓަރުތައް ބޭނުންކޮށްގެން. އެއީ ސީދާ ކޮރަޕްޝަން. ދައުލަތުގެ އެސެޓެއް ބޭނުމެއް ނުކުރެވޭނެ ސިޔާސީ ޕާޓީއެއްގެ އެއްވެސް ބޭނުމަކަށް،“

 

މި ލިޔުމާ ގުޅޭ