ދިވެހިރާއްޖެއާއި އިންޑީއަށް ފައިދާހުރި ކަންކަން ހާސިލް ކުރުމަށްޓަކައި ސަރުކާރާއެކު ގާތުން މަސައްކަތް ކުރައްވާނޭ ކަމުގެ ޔަގީންކަން އިންޑިއާއިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު ޖީ. ބަލަސުބްރަމަނިއަމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލާ މިއަދު ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ދެބޭފުޅުންވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް މިހާރު އައިސްފައިވާ ކުރިއެރުން ދަމަހައްޓައި އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޑރ. ޚަލީލް ވިދާޅުވީ ރާއްޖެއާއި އިންޑިއާ ދެމެދުގައި އޮތީ ޒާމާންވީ ގާތް ރަހްމަތްތެރި ގުޅުމެއް ކަމަށެވެ. އެ ގުޅުމުގެ ތެރެއިން އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެއްވާފައިވާ އެހީތަކާއި ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމަށް ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ފަރާތުން ޝުކުރު ދަންނަވާ ކަމަށް މިނިސްޓަރ ޚަލީލް ވިދާޅުވިއެވެ.






