މިފަހަރު ޖަމިއްޔާ ތަކަށް ވެސް ކަދުރު ބަހަނީ

މުހައްމަދު އަލީ
ޖެނުއަރީ 20, 2025

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބަހާއިރު މިފަހަރު ޖަމްޢިއްޔާ ޖަމާޢަތްތަކަށް ވެސް ދޭން ނިންމާފައިވާ ކަމަށް އިލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެމިނިސްޓްރީން ވިދާޅުވެފައިވަނީ ކަދުރު ދޭނީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ތެރެއިން ރަމަޟާން މަހުގެ އިފްތާރު ޕްރޮގުރާމަށް ނުވަތަ ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖައްސައިދޭ ޖަމްޢިއްޔާ ޖަމާޢަތްތަކަށެވެ.

އެހެންކަމުން ކަދުރު ބޭނުންވާ މިފަދަ ޖަމްޢިއްޔާ ޖަމާޢަތްތަކުން އިސްލާމިކް މިނިސްޓްރީގައި ނަންނޯޓު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާފައި ކަމަށް އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ސަޢުދީ ސަރުކާރުން އަންނަނީ ރާއްޖެއަށް ކަދުރު ހަދިޔާކުރަމުންނެވެ. މިއަހަރު ސަޢުދީ ޢަރަބިއްޔާއިން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވެއެވެ.

ކަދުރުތައް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާ ޙަވާލުކޮށްފައިވަނީ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހުއެވެ. ވުޒާރާގެ ފަރާތުން ރަސްމީކޮށް ކަދުރާއި ހަވާލުވެލެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

 

މި ލިޔުމާ ގުޅޭ