މިދިޔަ އަހަރަށްވުރެ މިއަހަރުގެ އިގްތިސާދީ ކުރިއެރުން ހަލުއިވާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މި އަހަރު 6.4 އިންސައްތައިން ކުރިއަރާނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ރަސްމީ ރިޒާވްވެސް ވަނީ މިދިޔަ އަހަރު އިތުރުވެފައިކަމަށެވެ. އެ އަހަރު (2024) ނިމުމުއިރު ދައުލަތުގެ ރަސްމީ ރިޒަރވްގައި 673.2 މިލިއަން އެމެރިކާ ޑޮލަރު ހުއްޓެވެ. މިއީ، 2023 ވަނަ އަހަރު ނިމުނުއިރު ރިޒަރވްގައި ހުރި 590.5 މިލިއަން އެމެރިކާ ޑޮލަރަށްވުރެ 14 ޕަސެންޓު އިތުރު އަދަދެއް ކަމަށް ރައީސް ވިދާޅުވިއެވެ. ”އުންމީދީ އަންދާޒާއަކީ، އިރާދަކުރެއްވިއްޔާ މި އަހަރު ނިމޭއިރު، ދައުލަތުގެ ރަސްމީ ރިޒަރވް 705.1 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެގެން ދިޔުން،“
”އިގްތިޞާދީ މި އުފާވެރި ނަތީޖާއާއެކު، އަޅުގަނޑު ގަބޫލުކުރާގޮތުގައި، ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައި މިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަކީވެސް ދިވެހި ދައުލަތާއި، ދިވެހި ކޮންމެ ރައްޔިތެއްގެ ޙައްގުގައި ކޮންމެހެން ކުރަންޖެހޭ ކަމެއް. އެކަމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ އަހަރު ވާނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައި. ބޭރު ފައިސާއާބެހޭ ގާނޫނެއް އެކުލަވާލައި ތަންފީޒުކުރަން ފެށުމަކީ، މިގޮތުން އެޅުނު އެންމެ މުހިންމު ފިޔަވަޅު،“ ރައީސް ވިދާޅުވިއެވެ.
މިގެންނެވި ބަދަލުގެ މަންފާ ކައިރި މުސްތަގުބަލުގައި ދައުލަތުގެ ރިޒަރވަށް ކުރަން ފަށާނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް، ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމު ގާއިމުކުރެވޭނޭ ކަމަށެވެ. އޭގެ އިތުރުން ދެހާސް ސައްބީސްވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ދިވެހި ވިޔަފާރިވެރީން މުދާ އިމްޕޯޓް ކުރުމުގެ ގޮތުން، ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރެވިގެންދާނޭ ކަމަށް ވެސް ވިދާޅުވިއެވެ.
”ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ދެގުނަކޮށް، އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވިގެންދާނެ. އަދި 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި ކްރެޑިޓް ކާޑު ލިމިޓްތައް، 1400 ޑޮލަރަށް ބޮޑުކުރެވިގެންދާނެ. މިކަންކަމަކީ ގާނޫނު ތަންފީޒުވަމުންދާ މިންވަރަކުން ދިވެހި ރައްޔިތުންނަށް ސީދާ ފައިދާ ލިބި، ފުދުންތެރިކަން އިތުރުވުމަށް މަގުފަހިވާނެ ކަންކަން،“ ރައީސް ވިދާޅުވިއެވެ.
މި ގާނޫނު ތަންފީޒުކުރުމުގައި ރިޒޯޓުތަކާއި، ގެސްޓްހައުސްތަކާއި، ސިޓީހޮޓާތައް އަދި މި ގާނޫނުން ޑޮލަރު މާރުކުރަންޖެހޭ އެންމެހައި ވިޔަފާރިތަކުގެ ފުރިހަމަ އެއްބާރުލުން ދިނުމަކީ، ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.