އާސަންދައިން ނާޖާއިޒު ފައިދާ ނަގަމުންދިޔަކަން ޔަގީން: ރައީސް

މުހައްމަދު އަލީ
ފެބްރުއަރީ 7, 2025

އާސަންދަ ނިޒާމުން ނާޖާއިޒު ގޮތުގައި ބަޔަކު ފައިދާ ނަގަމުންދިޔަކަން ސަރުކާރަށް ވަނީ ޔަގީންކުރެވިފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.

ނާޖާއިޒު ފައިދާ ނަގަމުންދާތީ އާސަންދައިގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ނިމިދިޔަ އަހަރު ވާނީ މުހިއްމު ފިޔަވަޅުތަކެއް އަޅުއްވާފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަމުން ރައީސް އިއްޔެ ވިދާޅުވެފައިވަނީ އާސަންދައިގެ ނިޒާމު ހަރުދަނާ ކުރުމަށް ބޭހުގެ ބަލްކް ޕްރޮކިއުމަންޓްގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް ގެންނަން ފެށްޓެވި ކަމަށެވެ.

”ބޭހުގެ ޒަމާންވީ ނަހަމަ ވިޔަފާރިއާއި، ނިޒާމީ އިސްރާފު ހުއްޓުވުމަށްޓަކައި 250 ބޭހެއްގެ އަގު ކޮންޓްރޯލް ކުރިން. މި ބަދަލާއެކު، ބައެއް ފަރާތްތަކުން ކަން ކުރަން ފެށި ގޮތުން، އާންމު ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާން ފެށި. ނަމަވެސް، އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހި، އެކަމުގައި އަޅުގަނޑުމެން ކުރިއަށް ފިޔަވަޅު އަޅަން ފަށައިފިން. އަދި މި އަހަރުގެ ތެރޭގައި، މިގޮތުން އަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރާނަން. އާސަންދައިން ބޭސް ހޯދުމުގައި، ރައްޔިތުންނަށް މާލީ ތަކުލީފެއް ކުރިމަތިނުވާނޭކަން އިރާދަކުރެއްވިއްޔާ ކަށަވަރުކުރާނަން. ރައްޔިތުންނަށް އެންމެ ފައިދާހުރި، އެންމެ އިންސާފުވެރި ގޮތް އަބަދުވެސް އިސްކުރާނަން،“ ރައީސް ވިދާޅުވިއެވެ.

މި މަސައްކަތް ފެށްޓެވިއިރު އެސްޓީއޯގެ ބޭސްފިހާރަތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ބޭހުގެ ނިސްބަތްހުރީ އެންމެ އެކަށީގެންވާ މިންވަރެއްގައެއް ނޫންކަމަށް ވެސް ރައީސްވިދާޅުވިއެވެ. މިކަން ރަނގަޅުކުރުމަށް މަސައްކަތް ކުރައްވާ ކަމަށާއި އެމަސައްކަތުގެ ތެރެއިން ރާއްޖޭގެ ކޮންމެ ރަށެއްގައި ހުންނަ މީހަކަށް ވެސް އިތުރު ޚަރަދެއް ނުވަތަ އިތުރު ދަތުރެއް ކުރަން ނުޖެހި، ފެންވަރު ރަނގަޅު ބޭސް ލިބޭކަން ކަށަވަރުކުރުމަށް މުހިންމު ޚިދުމަތްތަކެއް މި އަހަރު ތަޢާރުފު ކުރަން ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

”ހަމައެއާއެކު، އާސަންދަ ނިޒާމުގެ ނަން ފިލާގަނޑު ހުންނަ ކޮންމެ ބޭސްފިހާރަޔަކީ، ރައްޔިތުންގެ ދުޅަހެޔޮކަމަށް ޚިދުމަތްކުރާ ތަނަކަށްވާނެކަން ކަށަވަރުކުރާނަން. އާސަންދައިން ފޯރުކޮށްދޭ ބޭހަކީ، އެކި ފިހާރައިން އެކި އަގު ޖަހައިގެން، ނަހަމަ އަގުގައި އެއިން ވިޔަފާރިކޮށް، ވަކި ބަޔަކު މުއްސަނދިވާ ވަސީލަތެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، ހޭދަކުރެވޭ ކޮންމެ ރުފިޔާއަކީ، ދިވެހި ލޮބުވެތި ރައްޔިތެއްގެ ދުޅަހެޔޮކަމަށްޓަކައި ކުރެވޭ ހޭދައަކަށް އިރާދަކުރެއްވިއްޔާ ބަދަލުކުރާނަން،“ ރައީސް ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ