އިންޑިއާއިން 2036ގެ އޮލިމްޕިކް ބާއްވަން ޝައުޤުވެރިވާ ކަމަށް އިންޑިއާގެ ދާޚިލީ ވަޒީރު އަމިތު ޝާހު ވިދާޅުވެއެވެ. އުތުރާކާންދުގައި ބާއްވާފައިވާ 38 ވަނަ ނޭޝަނަލް ގޭމްސް ނިންމާ ޙަފްލާގައި ވާހަކަ ދައްކަވަމުން ޝާހު ވަނީ އިންޑިއާ އިން އެކަމަށް ކުރިމަތިލާނެ ކަން އިއުލާން ކުރައްވާފައެވެ. ޝާހު ވިދާޅުވީ ކުޅިވަރުގެ ދާއިރާއަށް މި ފަހުން ކޮށްފައިވާ އިންވެސްޓްމެންޓާއެކު ކުޅިވަރުގެ ދާއިރާއަށް އިންޑިއާގއި އުޖާލާ މުސްތަގުބަލެއް އޮތް ކަމަށެވެ.
”އިންޑިއާގައި އޮލިމްޕިކްސް ބާއްވާއިރު، އިންޑިއާގެ އެތުލީޓުން މެޑަލް ހޯދައި، އިންޑިއާ ދިދަ އުހަށް އުފުލައި ދޭނެ“ ޝާހު ވިދާޅުވި އެވެ.
2036 ވަނަ އަހަރު އޮލިމްޕިކްސް ބާއްވަން އިންޑިއާއިން ކުރާ ބިޑް އަދިވެސް އޮތީ ފުރަތަމަ މަރުހަލާގައެވެ. އެކަމާ މެދު އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން ގޮތެއް ނިންމާނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ.
އިންޑިއާގެ ނޭޝަނަލް ގޭމްސްގެ 2027 ވަނަ އަހަރުގެ އެޑިޝަން އޮންނާނީ މެގަލާޔާ ސްޓޭޓްގައެވެ.
އިންޑިއާ ސަރުކާރުން ވަނީ މިފަހަކަށް އައިސް ކުޅިވަރު ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއެއް ކޮށްފައެވެ. އެގޮތުން، 2014 ވަނަ އަހަރުން ފެށިގެން ބަޖެޓު އިތުރު ކޮށްފައި ވެއެވެ. ކުރިން 8 ބިލިއަން ރުޕީސްގައި އޮތް ކުޅިވަރު ބަޖެޓު މިހާރު ވަނީ 38 ބިލިއަން ރުޕީސްއަށް އިތުރުކޮށްފައެވެ.