މާލޭގެ، ރަސްފަންނު މަރާމާތު ކުރުމަށް ފަހު އެ ތަން ވީރަނަވާން ދެން ދޫކޮށް ނުލައްވާނޭ ކަމަށް މާލޭސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. ޢާޒިމް ވިދާޅުވީ އެތަން މަރާމާތުކޮށް ރީތި ކުރުމަށްފަހު އެތަން ދެން ބަލަހައްޓާނީ މާލެ ސިޓީ ކައުންސިލުން ކަމަށެވެ.
އީގަލްސް ކޮމިއުނިޓީން-އެންމެން އެކުގައި ސާފްކުރުމުގެ ހަރަކާތް ފެށުމުގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ މަސައްކަތް ފަށާތާ ދެ ތިން މަސްތެރޭގައި ރަސްފަންނުގެ މަސައްކަތް ނިނޭނޭ ކަމަށެވެ. މަސައްކަތް ނިމޭއިރު ރަނގަޅު ފެންވަރެއްގައި ތަން ހެދި ބީޗާއި ހަޓުތައް ވެސް ރީތި ވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.
”އެކަމުގެ އުފާވެރި ޚަބަރު ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ދެން. މާލެ ސިޓީގެ ރައްޔިތުން ބޭނުންވާ ކަންކަން ކުރިއާ ލާ ދެނެގަނެ، އެ ކަންކަން ކޮށްދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން،“
ރަސްފަންނުގެ ވެލިގަނޑު ރަނގަޅުކުރުމަށް ބޭނުންވާ ތިމާވެށީގެ ހުއްދަ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ ދޫކޮށްފައި ކަމަށާއި މި މަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވާ ކޮންޓްރެކްޓަރ، މި ހަފްތާގެ ތެރޭގައި އެ ތަނުގެ ޗަކަ ނަގައި، މަސައްކަތް ފަށާނޭ ކަމަށް މޭޔަރު ވިދާޅުވިއެވެ.
ރަސްފަންނު މަރާމާތްކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތުން، އެ ކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށް ނުގެންދެވުމުގެ ސަބަބުން، އެ ފަރާތާއެކު ވެފައިވާ އެއްބަސްވުން މިހާރު ވަނީ ބާތިލްކޮށްފައެވެ. އެކަން މޭޔަރު ވަނީ ކަށަވަރު ކޮށްދީފައެވެ. ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ދެން ކުރިއަށް ގެންދާނީ، ސީދާ މާލެ ސިޓީ ކައުންސިލުން ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.