ޖާފަރު އެކްސްޕްރެސްގެ ހަމަލައަށްފަހު ޕާކިސްތާނުގެ ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓް (ސީޓީޑީ) އިން ބަލޯޗީ އެކްޓިވިސްޓުންނާ ދެކޮޅަށް ފިޔަވަޅުތައް އެޅުން އިތުރު ކޮށްފިއެވެ. ސީޓީޑީން ވަނީ ކުއެޓާގައި ހިންގާ ބަލޫޗް ޔަކްޖެހްތީ ކޮމިޓީ (ބީވައިސީ) ގެ އެކްޓިވިސްޓް ބީބޯ ބަލޫޗްގެ ގެއަށް ރެއިޑްކޮށް އެތައް ބަޔަކު ހައްޔަރުކޮށްފައެވެ.
ސީޓީޑީން ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ބީބޯ ބަލޫޗްގެ ބައްޕަ މާމާ ޣަފާރު ޤަމްބަރާނީ ހިމެނެއެވެ. އޭނައަކީ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ މީހެކެވެ. ބަލޯޗީން ސިފަކުރި ގޮތުގައި މިއީ ގެއަށް ރެއިޑްކޮށް އެކްޓިވިސްޓުން ވަގަށް ނެގުމުގެ މަސައްކަތެކެވެ.
ބަލޯޗިސްތާންގައި ވަކިވެ ގަތުމުގެ ހަރަކާތުގައި އުޅޭ ފަރާތްތައް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދެއެވެ. އަދި ޓެރަރިޒަމާ ދެކޮލަށް ފިޔަވަޅު އެޅުމަށް އިތުރު ހަރަކާތްތައްވެސް ކުރިއަށް ގެންދެއެވެ. އެ ގޮތަށް ހިންގަމުންދާ އޮޕަރޭޝަންގެ ދަށުން، ބީބޯ ބަލޯޗާއި ބީވައިސީގެ ލީޑަރު ޑރ. މަހްރަންގް ބަލޫޗް ވަނީ ދެ ހަފްތާއަށް ހުއްދާ ޖަލުގައި ބަންދުކޮށްފައެވެ. އަދި އިތުރު އެހެން އެކްޓިވިސްޓެއް ކަމަށްވާ ޑރ. ސަބީހާ ބަލޫޗްގެ ބައްޕަ ވެސް ވަނީ ހައްޔަރުކޮށްފައެވެ.
ޕާކިސްތާނު ސަރުކާރުގެ ފަރާތްތަކުން ބަލޯޗް އެކްޓިވިސްޓުންނާއި އެމީހުންގެ އާއިލާތައް ޓާގެޓްކޮށް ދެމުންދާ ހަމަލަތައް ވަނީ ޖާފަރް އެކްސްޕްރެސްގެ ހަމަލައަށް ފަހު އިތުރުކޮށްފައެވެ. ފާޑުކިޔާ ފަރާތްތަކުން މިކަން ސިފަކުރަނީ ޚުދު މުޚުތާރު އަދި އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކެއްގެ ގޮތުގައެވެ.
މިކަންކަމާ ގުޅިގެން ސަރްދާރު އަޚްތަރު މެންގަލްގެ ލީޑަރުޝިޕްގެ ދަށުން ހިންގާ ބަލޫޗިސްތާން ނޭޝަނަލް ޕާޓީ-މެންގަލް (ބީއެންޕީ-އެމް) އިން ވަނީ ކުއެޓާއަށް ދިއުމަށް ބޮޑު ހިނގާލުމެއް ބާއްވާފައެވެ. މި ހިނގާލުން ސިފައިން ވަނީ ލަކްޕާސްގައި ހުއްޓުވާފައެވެ. އަދި އެކަމާ ގުޅިގެން މުޅި ސަރަހައްދު ހިމެނޭ ގޮތަށް ހުރިހައި ހިސާބެއްގައި އިހުތިޖާޖު ކުރަން ފަށާފައި ވެއެވެ. ބީއެންޕީ-އެމް އިން ވަނީ ވިޔަފާރިތައް ބަންދުކުރުމާއި ދުއްވާ އެއްޗެހީގެ ހަރަކާތްތައް ހުއްޓުވައި ހަޅުތާލަކަށް ގޮވާލާފައެވެ.
ބަލޫޗިސްތާނުގެ އެކި ސަރަޙައްދުތަކުގައި އިށީދެގެން ހިމޭން ހަޅުތާލުތައް ބޭއްވުމަށްވެސް ގޮވާލާފައި ވެއެވެ. މި ކަންކަން ހުއްޓުވުމަށް ފުލުހުން ވަނީ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައެވެ. އަދި އިހުތިޖާޖު ކުރާ ސަރަޙައްދުތަކުގައި ސަލާމަތީ ބާރުތައް އިތުރު ކުރުމުން އަނިޔާވެރި ގޮތްތައް އެފަރާތްތަކުން ގެންގުޅޭ ކަމަށްވެސް ބަލޯޗީން ވަނީ ތުހުމަތު ކޮށްފައެވެ.
ބަލޯޗް ޔެކްޖިހަތީ ކޮމިޓީން ސިފަކުރާ ގޮތުގައި ސަރުކަރުގެ މި އަމަލު ތަކަކީ ”ދައުލަތުގެ ޓެރަރިޒަމް“ ގެ އަމަލުތަކެކެވެ. އެފަރާތްތަކުން ބުނަނީ، ޙައްޤުތަކާއި މިނިވަންކަން ހޯދުމަށް ގޮވާލަން ކުރާ މަސައްކަތަށް ސަރުކާރުން ހުރަސް އަޅައި މަގުތައް ބަންދު ކުރާ ކަމަށެވެ.