ބަންގްލަދޭޝްގެ ސިފައިން ވަނީ ކޮކްސް ބަޒާރުގެ ކޭމްޕްތަކުގައި ތިބި އެއް މިލިއަނަށްވުރެ ގިނަ ރޮހިންގާ ރެފިއުޖީން އަނބުރާ ފޮނުވާލުމަށްޓަކައި ގައުމީ ސަލާމަތީ ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެ މަސައްކަތް ފަށާފައެވެ. ނަމަވެސް އެކަމަށް ހުރަސް އެޅިފައި ވަނީ އެތެރޭގައި ބައބައި ވުމެއްގެ ސަބަބުންނެވެ.
މި މައްސަލައިގެ ސަބަބުން ސިފައިން ގެ ޚިޔާލު ކަފިވެފައިވާ ކަން ފާހަގަކުރެވެއެވެ. އަދި ބަންގްލަދޭޝް-މިޔަންމާ ބޯޑަރުގައި ގައުމީ ސަލާމަތާއި ޖިއޯޕޮލިޓިކަލް މައްސަލަތަކާ ގުޅޭގޮތުން ތަފާތު ޚިޔާލުތައް ހުރިކަން ހާމަވެގެން ގޮސްފައިވެއެވެ.
އެއް ފަރާތަކުން، ސިފައިންނާއި ސިފައިންގެ ޖާސޫސީ އިދާރާ، ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ފޯސަސް އިންޓެލިޖެންސް ގެ އިސްނެގުމުގެ ދަށުން، ބޯޑަރު ސަރަހައްދު މިލިޓަރީ އޮޕަރޭޝަންސް ޒޯނެއްގެ ގޮތުގައި ސަރަހައްދެއް އިޢުލާންކުރުމަށް އެއް ބަޔަކު ގޮވާލައެވެ. އިސް އޮފިސަރުންގެ މެދުގައި ދައުރުކުރެވުނު ޕޮލިސީ ބްރީފެއްގައި ބުނެފައިވަނީ މިކަމުގެ ސަބަބުން ސިފައިނަށް ބޯޑަރު ސަރަހައްދު ރައްކާތެރިކޮށް، ބެލެހެއްޓުމަށް އަދި އެ ސަރަހައްދުގައި ހަމެޖެހުން ގާއިމް ކުރުމަށާއި އަދި ސަރަހައްދު ބަލަހައްޓާ ބޯޑަރ ގާޑް ބަންގްލަދޭޝްއަށް ކުރިމަތިވެފައިވާ ބުރަ ލުއިކުރުމަށް މަގުފަހިވާނެ ކަމަށެވެ. މި ބްރީފްގައި ރޮހިންގާ މީހުންގެ އަރަކާން އާމީގެ މީހުން ބޯޑަރު ހުރަސްކޮށް ހިންގާ ހަރަކާތްތަކަކީ އެ ސަރަހައްދު ހަމަނުޖެހުމަށް މަގުފަހިކުރާ ކަމެއްގެ ގޮތުގައި ވެސް ފާހަގަކޮށްފައިވެއެވެ. އަދި އެކަމަށް ހައްލެއްގެ ގޮތުން ޚާއްސަ ޔުނިޓްތަކާއި، ޑްރޯން ސަރވެއިލަންސް އަދި ދުޝްމަން ގްރޫޕްތަކާ ދެކޮޅަށް ”ފެނުމާއެކު ބަޑިޖެހުމުގެ“ ސިޔާސަތެއް ގެންގުޅުމަށް ވެސް ހުށަހަޅާފައިވެއެވެ.
ސިފައިންގެ އެއް ބަޔަކު ދެކޭގޮތުގައި ރެފިއުޖީންގެ މައްސަލައަކީ ބަނގްލަދޭޝްގެ ބޯޑަރު ބަލަހައްޓާ މީހުންނަށް ބޮޑު ބުރައަކަށްވެ، އިންޑިއާ ބޯޑަރު މޮނިޓަރކުރުން ފަދަ މުހިންމު މަސައްކަތްތަކުން ހަތިޔާރާއި ވަސީލަތްތައް އެހެން ދިމާލަކަށް ބަދަލުކުރަން ޖެހިފައިވާ ކަމެކެވެ.
އަނެއްކޮޅުން، ޖެނެރަލް ވަގާރުއްޒަމާން އާއި އެތައް ކޮމާންޑިންގ ޖެނެރަލް އޮފިސަރުން ދަނީ ސަރަހައްދީ ނުރައްކާތަކާ މެދު އިންޒާރުދެމުންނެވެ.