ޓްރަމްޕްގެ ނަފްރަތު މަމްދާނީއަށް

އިބްރާހީމްް ސަމީރު
ޖޫން 28, 2025

ނިއުޔޯކުގެ މޭޔަރުގެ ޕްރައިމަރީ ކާމިޔާބު ކޮށްފައިވާ ޒަހްރާން މަމްދާނީއާ ދެކޮޅަށް ޓްރަމްޕާއި ޓްރަމްޕްގެ ސަޕޯޓަރުން ދަނީ އޭނާ އެމެރިކާއިން ޑިޕޯޓް ކުރުމަށް ގޮވާލަމުންނެވެ.

ނިއުޔޯކް ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވައި ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި، ޔޫގަންޑާއަށް އުފަން އެމެރިކާގެ ރަށްވެއްސެއްކަމަށްވާ މުސްލިމު ޒަހްރާން މަމްދާނީ ނިއުޔޯކުގެ މޭޔަރުގެ މަގާމު ކާމިޔާބު ކޮށްފާނެ ކަމަށް މިހާރު ވަނީ ޔަގީން ކުރެވިފައެވެ.

މަމްދާނީއަކީ ޓްރަމްޕަށް ވުރެން ރީއްޗަށް އިނގިރޭސިން ވާހަކަ ދައްކާ އަދި ޓްރަމްޕްގެ ދަނބިދަރިއަށް ވުރެން ބަލާލުމަށްވެސް ރީތި މީހެކެވެ. ނަމަވެސް ޓްރަމްޕް ވަނީ އޭނާއަށް މަލާމާތް ކޮށްފައެވެ. މިހިނދު ޓްރަމްޕަކީ، އަނގަޔަށް ކުޅު ގިނަކޮށް އޮލަކޮށް ވާހަކަ ދައްކާ މީހެކެވެ. އެއާ ޚިލާފަށް މަމްދާނީ އަކީ އުދަގޫ މައްސަލަތައް ސާދާބަހުން މީހުންނަށް ތިލަކޮށްދޭ އިބާރާތް ފަށުއި މީހެކެވެ.

އެމެރިކާގއި އިސްލާމޮފޯބިކް ހަމަލާތަކާއި ސިޔާސީ ގޮތުން ފާޑުކިޔުންތަކާ ކުރިމަތި ލުމަކީ މަމްދާނީ ބުނާ ގޮތުން އޭނާއަށް އައު ކަމެއް ނޫނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިމިގްރޭޝަންގެ އިދާރާގެ ވެރިޔާ  ޓޮމް ހޯމަން ވަނީ ނިއުޔޯކު ފަދަ ސިޓީތަކުގައި އިމިގްރޭޝަން ގާނޫނުތައް ހަރުކަށި ކުރާނެ ކަމަށް ބުނެފައެވެ.

މަމްދާނީގެ މައްސަލައަކީ ޕްރައިމަރީގެ ޑިބޭޓްގައި މަގާމަށް ހޮވިގެން އިޒްރޭލަށް ދަތުރު ކުރާނަންތޯ އެހުމުން ނިއުޔޯކުގައި ހުންނާނީ ކަމަށް ބުނުމެވެ. އޭނާ ނޫން އެންމެން ބުނެފައި ވަނީ އިޒްރޭލަށް ދަތުރު ދާނެ ކަމަށެވެ. މިކަމުގައި، ނިއުޔޯކުގެ މޭޔަރާއި އިޒްރޭލާ އޮތް ގުޅުމާއި އިޒްރޭލަށް ދަތުރު ކުރަން ޖެހޭ ސަބަބަކީ ކޮބައިތޯ މީހުން ސުއާލު ކުރެއެވެ.

ރައީސް ޓްރަމްޕްގެ ހަރުކަށި އިސްލާމޯފޯބިކް ސިޔާސަތަށް ސަޕޯޓު ކުރާ މީހުން ބުނަނީ މަމްދާނީ މޭޔަރަކަށް ވެއްޖެނަމަ ”އަނެއް ކާވެސް ސެޕްޓެމްބަރު 11“ އެއް އެމެރިކާއަށް އައިސްފާނެ ކަމަށެވެ. ސެޕްޓެމްބަރު 11 ގައި އެމެރިކާގެ ދެ ޓަވަރު ގޮއްވާލީ އިޒްރޭލުގެ ޖާސޫސީ އިދާރާ އަޑީގައި އޮވެގެން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ޓްރަމްޕްގެ ބައެއް ސަޕޯޓަރުން ދަނީ އޮންލައިންކޮށް މަމްދާނީއަކީ ”ޖިހާދީ ޓެރަރިސްޓެއް“ ކަމަށްވެސް ލޭބަލް ކުރަމުންނެވެ. އަދި އެހެން ބަޔަކު އޭނާއަކީ، ”ހަމާސް އަށް ހަމްދަރްދީވާ މީހެއް“ގެ ގޮތުގައި ވެސް ސިފަކުރަމުން ދެއެވެ.

ޓްރަމްޕްގެ ހަގު ދަރި ޓްރަމްޕް ޖޫނިއަރު ބުނަނީ ނިއުޔޯކް ސިޓީ ވަނީ ދަށު ދަރަޖައަކަށް ވެއްޓިފައި ކަމަށެވެ.

ކޮންގްރެސްގެ މެމްބަރު އަދި ޓްރަމްޕް ސަޕޯޓަރު ޓޭލަރ ގްރީން ވަނީ ބުރުގާ އަޅައިގެން ހުރި ސްޓެޗޫ އޮފް ލިބަރޓީގެ ހަދާފައިވާ ފޮޓޯއެއް މީސްމީޑިއާގައި ހިއްސާކޮށް އެއީ އެމެރިކާއަށް ވާން އުޅޭ ގޮތް ކަމަށް ބުނެފައެވެ.

ނިއުޔޯކްގެ މޭޔަރު އެރިކް އެޑަމްސް ވަނީ މަމްދާނީއަކީ މީހުންނަށް އޮޅުވާލައިގެން އުޅޭ މީހެއް ކަމަށް ބުނެ އޭނާއާ ދެކޮޅަށް ކެމްޕޭނެއް ފަށާފައެވެ.

މަމްދާނީ އެމެރިކާގެ ރައްޔިތަކަށް ވެފައިވަނީ 2018 ވަނަ އަހަރުގައެވެ. މަޢްމްދާނީ އުފަންވެފައި ވަނީ ޔޫގަންޑާއަށެވެ. އޭނާގެ އާއިލާ ނިއުޔޯކަށް އައީ  އޭނާގެ އުމުރުން ހަތް އަހަރުގައެވެ. އޭނާގެ ބައްޕައަކީ ކޮލަމްބިއާ ޔުނިވަރސިޓީގެ އެންތްރޮޕޮލޮޖީ ޕްރޮފެސަރެކެވެ. މަންމައަކީ މަޝްހޫރު ފިލްމު ޑައިރެކްޓަރ މީރާ ނައްޔަރުއެވެ. އިންޑިއާގެ ހިންދޫ ހަރުކަށި މީހުންނަށްވެސް މަމްދާނީގެ ކާމިޔާބީ ހަޖަމެއް ނުވިއެވެ. އިންޑިއާ މީހުން ވެސް އޭނާއަށް މަލާމާތް ކުރެއެވެ.

މި ލިޔުމާ ގުޅޭ