ބްލެކްމެއިލްކޮށްގެން ތިންލައްކައަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައަކާއި، މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ / ލިލީގަސްދޮށުގެ، މުޙައްމަދު ފަވާޒު ލުޠުފީ (32އ) އާއި، މާލެ / މއ. ޔެލޯޑައިމަންޑް، އާމިނަތު ފައިނާޒް (33އ) ކަމަށެވެ. މި ދެ މީހުން ވެސް ހައްޔަރުކޮށްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ.
މި ދެ މީހުންގެ ތެރެއިން، މުޙައްމަދު ފަވާޒު ލުޠުފީ ހައްޔަރުކޮށްފައިވަނީ ބްލެކްމެއިލްކޮށް ބިރުދައްކައި ފައިސާ ހޯދި މައްސަލައާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ. އާމިނަތު ފައިނާޒް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
އޮރިޔާންކާޑު ހުރިކަމަށް ބުނެ ދިވެހި ފިރިހެނަކަށް ބިރުދައްކައި ބްލެކްމެއިލްކޮށް އެ މީހާގެ އަތުން އެކި ދުވަސްމަތިން ތިންލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ މައްސަލަ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގުގެ ތެރެއިން ގިނަ މައުލޫމާތުތަކެއް އެއްކޮށް ގިނަ ކަންކަން ބަލާފައިވެއެވެ. އަދި މައްސަލާގައި ތުހުމަތުކުރެވޭ މުޙައްމަދު ފަވާޒް ލުޠުފީ ހުޅުމާލޭގައި ދިރިއުޅޭ ކަަމަށް ބެލެވޭ އެޕާޓްމަންޓު ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު ސިމްކާޑުތަކަކާއި މޯބައިލް ފޯނުތަކަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރުޕެކެޓަކާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް، އާމިނަތު ފައިނާޒް ލައިގެންހުރި އަންނައުނު ތެރެއިން ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ހަތްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ބްލެކްމެއިލްކޮށްގެން ފައިސާ ހޯދާފައިވާ މައްސަލައާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.






