ޣައްޒާގައި ހިންގަމުން ގެންދާ ހޮލޮކޯސްޓް ހުއްޓާލުމަށް ޓްރަމްޕް އެންގުމުންވެސް ޔަހޫދީ ޓެރަރިސްޓު ސަރުކާރުން އެކަމަށް އިޖާބައެއް ނުދިނެވެ. ޣައްޒާއަށް ބޮން އެޅުން ވަގުތުން ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލެއްވި ނަމަވެސް، އަދި ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ޙަމާސްއިން ހަނގުރާމަ ހުއްޓާލުމަށް އއެއްބަސްވި ނަމަވެސް، ޔަހޫދީންގެ ޓެރަރިސްޓް ސިފައިން މިއަދުވެސް ވަނީ ޣައްޒާގެ ބައެއް ސަރަހައްދުތަކަށް ވައިގެ މަގުންނާއި ބޮޑު ބަޑިން އާޓިލަރީ ހަމަލަތައް ދީފައެވެ.
ވައިގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ޣައްޒާ ސިޓީގެ ބައެއް އަވަށްތަކާއި ދެކުނުގެ ޚާން ޔޫނިސް އަށެވެ.
ޔަހޫދީ ޓެރަރިސްޓުން ޣައްޒާ ހުސްކުރުމަށް އެންގިނަމަވެސް އާންމުން ވަނީ އެކަން ނުކުރާނެ ކަމަށް ބުނެފައެވެ.
މެޑިކަލް މަސްދަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަދު ފަތިހުން ފެށިގެން ޔަހޫދީ ޓެރަރިސްޓުން ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ 19 މީހަކު ޝަހީދު ވެފައި ވެއެވެ. އޭގެ ތެރެއިން 18 މީހުން ޝަހީދު ވެފައި ވަނީ ޣައްޒާ ސިޓީގައެވެ.
ހަމައެއާއެކު ޔަހޫދީ ޓެރަރިސްޓް ސިފައިން ވަނީ ޣައްޒާ ސިޓީއާއި ޣައްޒާގެ އުތުރުގެ ރައްޔިތުން އެމީހުންގެ ސަރަހައްދުތަކަށް އެނބުރި ނުދިއުމަށް ވެސް އިންޒާރުދީފައެވެ.
އެކްސް ޕްލެޓްފޯމްގައި ޔަހޫދީ ޓެރަރިސްޓް ސިފައިން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ޣައްޒާގެ އުތުރުން އޮންނަ ސަރަހައްދަކީ ފަލަސްޠީނު މީހުންނަށް ބަންދު ސަރަހައްދެއް ކަމަށެވެ.
ޔަހޫދީ ޓެރަރިސްޓުން ވަނީ ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ އަލް ޝިފާ ކޮމްޕްލެކްސްގެ ވަށައިގެންވާ ސަރަހައްދަށް ވައިގެ މަގުން ލީފްލެޓްތައް އަޅައި ރައްޔިތުން އެތަނުން ބޭރުވުމަށް އިންޒާރު ދީފައެވެ.






