ލަންޑަންގެ މެދުތެރޭ ސަރަހައްދުގައި ފަލަސްތީނަށް ތާއީދުކުރާ މުޒާހަރާއަކުން 175 މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މުޒާހަރާ ކުރިއަށް ގެންދިޔައީ ސަރުކާރުން މުޒާހަރާ ނުކުރުމަށް އެދި ގޮވާލި ގޮވާލުމަށް އިޖާބަ ނުދީއެވެ. މިދިޔަ ހަފްތާގައި ޔަހޫދީންގެ ފައްޅިއަކަށް ދިން ހަމަލާއަށް ފަހު، ސަރުކާރުން ވަނީ ޔަހޫދީންނާ އެކު ހަމްދަރްދީ ފާޅު ކުރުމަށްޓަކައި މުޒާހަރާ ނުކުރުމަށް ގޮވާލާފައެވެ.
މެންޗެސްޓަރ އަދި ލަންޑަންގައި މުޒާހަރާ ރާވާ ފަރާތްތަކަށާއި، މުޒާހަރާގައި ބައިވެރިވާ ފަރާތްތަކަށް، އިނގިރޭސި ޔަހޫދީންގެ ހިތާމައަށް ރިއާޔަތް ކުރުމަށް އިނގިރޭސި ބޮޑުވަޒީރު ވަނީ ގޮވާލާފައެވެ.
ހޮނިހިރު ދުވަހުގެ މެންދުރުފަހު 3:45 އާ ހަމައަށް ފުލުހުން ވަނީ 175 މީހުން ހައްޔަރުކޮށްފައެވެ. މި މީހުން ހައްޔަރުކުރީ މަނާކުރެވިފައިވާ ގްރޫޕަކަށް ތާއީދު ކުރުމުގެ ކުށުގައެވެ. އެގްރޫޕަކީ ފަލަސްޠީނުގެ މިނިވަންކަމަށް ތާއީދު ކުރާ ގްރޫޕެވެ.
ޖުލައި މަހުން ފެށިގެން ފަލަސްޠީނުގެ މިނިވަންކަމަށް ތާއީދު ކުރާ ގްރޫޕަށް ތާއީދު ކުރުމުގެ ކުށުގައި 1،400 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި 134 މީހުންގެ މައްޗަށް ވަނީ ދައުވާ ކޮށްފައެވެ. މީގެ އިތުރުން، މެންޗެސްޓަރގެ ފްރެންޑްސް އޮފް ފަލަސްތީން އިން ބޭއްވި ހިނގާލުން ވެސް ކުރިއަށް ގެންދިޔައެވެ.
ވެސްޓްމިންސްޓަރ ބްރިޖުގައި މުޒާހަރާކުރި ބަޔަކު ވަނީ ”އަޅުގަނޑުމެން ޖެނޮސައިޑްއާ ދެކޮޅު، އަޅުގަނޑުމެން ފަލަސްތީން ހަރަކާތަށް ތާއީދުކުރަން“ މިހެން ލިޔެފައިވާ ބެނާ ހަރުކޮށްފައެވެ.
އިސްތިއުމާރީ އިނގިރޭސިންނަކީ ފަލަސްޠީނު ފޭރިގަނެ ޔަހޫދީންނަށް އެތަން ހިބަ ކޮށްދިން މީހުންނެވެ. އަދި މިޙާރުވެސް އިނގިރޭސިން ދަނީ ޖެނޮސައިޑް ހިންގުމަށް ހަތިޔާރު ސަޕްލައި ކޮށްދެމުންނެވެ.









