އެޕަލް ކުންފުނީގެ ސީއީއޯގެ މުސްތަގްބަލާ މެދު ސުވާލު އުފެދޭ

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 6, 2025

އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކުކްއަށް އަންނަ މަހު 65 އަހަރު ފުރޭ އިރު އޭނާއަށް ފަހު ކުންފުނީގެ ސީއީއޯގެ މަޤާމަށް އަންނާނެ ފަރާތަކާ ގުޅޭގޮތުން މިހާރު ކުންފުނީގައި މަޝްވަރާތައް ކުރެވެމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެޕަލްގެ އިސް މަޤާމުތަކުގައި ތިބި ގިނަ އެގްޒެކެޓިވުން ވަނީ ކުންފުނިން ވަކިވެފައެވެ. މީގެ ތެރޭގައި 2019 ގައި ވަކިވި ކުންފުނީގެ ކުރީގެ ޑިޒައިން ޑިޕާޓްމެންޓުގެ ވެރިޔާ ޖޮނީ އައިވް އަދި ރީޓެއިލް ހެޑް އެންޖެލާ އަރެންޑްސް އާއި، ފާއިތުވި ދެ އަހަރު ތެރޭގައި ވަކިވި ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރ ލޫކާ މެސްޓްރީ އަދި ކުރީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޖެފް ވިލިއަމްސް ހިމެނެއެވެ.

ކުންފުނިން މި މަޤާމުތަކަށް އެހެން ބޭފުޅުން ހަމަޖައްސާފައިވީ ނަމަވެސް، މިހާރުގެ ސީއީއޯ ޓިމް ކުކްގެ މަޤާމަށް އަންނާނެ ކަމަށް ބެލެވޭ ފެންވަރުގެ ހަޤީޤީ ފަރާތެއް ނެތްކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ބްލޫމްބާގްގެ މާކް ގާމަންގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ކުރިން މި މަޤާމަށް ހަމަޖެހިފައި ހުރި ޖެފް ވިލިއަމްސް މިއަހަރު ރިޓަޔަރ ކުރުމަށް ނިންމުމާއެކު، އޭނާއަށް ފުރުސަތު ވަނީ ގެއްލިފައެވެ. އަދި އެޕަލްގެ ހާޑްވެއަރ ޑިވިޝަންއިން މި މަޤާމަށް މީހަކު ހޮވާނެ ކަމަށް ލަފާކުރެވެއެވެ.

ބްލޫމްބާގުން ބުނަނީ ކުއްލި ހާލަތެއް ދިމާވާ ހިނދު އެ ރޯލު ވަގުތީ ގޮތުން ފުރިހަމަ ކުރާނީ އާ ސީއޯއޯ ސާބިހް ޚާން ކަމަށެވެ. އަދި ދާއިމީ ފަރާތެއް ހަމަޖައްސާނަމަ އެމީހަކަށް ވާނީ ޖޯން ޓާނަމް ކަމަށެވެ. އޭނާއަކީ، އެޕަލްގެ ހާޑްވެއާ އިންޖިނިއަރިން ޑިޕާޓްމަންޓްގެ ނައިބު ރައީސްގެ މަގާމު މިހާރު ފުރަމުން ގެންދާ 50 އަހަރުގެ މީހެކެވެ. އަދި މިދިޔަ 24 އަހަރު އެ ކުންފުނީގައި މަސައްކަތް ކޮށްފައިވާތީ އޭނާގެ ތަޖުރިބާ ހުންނާނެ ކަމަށް ބަލާފައި ވެއެވެ.

މި ލިޔުމާ ގުޅޭ