މިސްރުގެ ބާރުގަދަ މީހާ އަބްދުލްފައްތާޙު އައްސީސީގެ ވެރިކަމުގައި 2015 ން އިން 2025 އަށް މިސްރުގެ ޝަރުޢީ ކޯޓުތަކުން 2300 މައްސަލައެއްގައި މީހުން ދަންޖައްސަން ޙުކުމް، އެމައްސަލައިގައި އެންމެ ފަހުގެ ރައުޔު ހޯދުމަށް މުފްތީގެ ލަފައަށް ފޮނުވާފައިވާކަމަށް ހައްގަށް މަސައްކަތް ކުރާ މީހުން ބުނެފިއެވެ.
މަރުގެ އަދަބު ދޭން އުޅޭ ސަރުކާރުތަކާ ދެކޮޅަށް ބޭއްވޭ ދުނިޔޭގެ ދުވަހާ ދިމާކޮށް އަލްޝިހާބު ހިއުމަން ރައިޓްސް ސެންޓަރުން ފަށާފައިވާ ކެމްޕެއިން ގައި ބުނަނީ ދަން ޖައްސަން ހުކުމް ކޮށްފައިޥާ ގިނަ މައްސަލަތަކުގައި ޤާނޫނީ ވަކީލުންގެ ވާހަކަ ބަލައިނުގަތުމާއި، ދިފާޢީ ހެކިން ހުށަހެޅުމުގެ ފުރުސަތު ނުދިނުމާއި، އަޑު އެހުމަށް ހުރަސްއެޅޭ ގޮތަށް ބިއްލޫރި ގޮޅިއެއްގެ ތެރެއިން މައްސަލަތައް ކުރިއަށް ގެންދިއުން ހިމެނޭ ކަމަށެވެ. އަދި މީގެ އިތުރުން ޓެރަރިޒަމްގެ މައްސަލަތަކާއި ކުއްލި ނުރައްކަލުގެ ޙާލަތުގެ ކޯޓުތަކުގައި މައްސަލަތައް ބެލުމަކީވެސް ޤާނޫނު އަސާސީއާ ޚިލާފު ކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ނޫސްވެރިޔާ ސަފާ އަލްކުރުބީޖީ ދެވަނަ ފަހަރަށް ހައްޔަރުކޮށް، 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައިވާ ކަމަށާއި އޭނާއާ ދެކޮޅަށް ދޮގު ޚަބަރު ފެތުރުމާއި ޓެރަރިސްޓް ޖަމާޢަތަކާ ގުޅުން ބޭއްވުމުގެ ތުހުމަތުތައް ކޯށްފައިވާތި އެކަމާ ދެކޮޅަށްވެސް އަޑު އުފުލާފައި ވެއެވެ.
އަދި ކުރީގެ ސަފީރު މުޙައްމަދު ރިފާޢާ އަލްޠަހްޠާވީ (75 އަހަރު) އެއްވެސް ޝަރީއަތަކާ ނުލައި ވޭތުވެދިޔަ 12 އަހަރު ވާނުވާގައި ބަހައްޓާފައި ވާތީ އޭނާ ދޫކޮށްލުމަށް ވެސް ގޮވާލާފައި ވެއެވެ.
އަދި އޭނާގެ އުމުރަށް ބެލުމެއް ނެތި ބަންދުގައި ގެންގުޅޭ ކަމަށާއި އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ނުލިބި 7 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
މިކަމަކީ ސީސީގެ ނިޒާމުގައިވެސް އިންސާނީ ޙައްޤުތަކުގެ ނަޒަރުން ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ.






