ބުދަ ދުވަހު ކެމިސްޓްރީގެ ދާއިރާއިން ނޯބެލް އިނާމު ލިބުނު އުމަރު ޔަޣީއަކީ ތިމަންނަމެންގެ މީހެއްގެ ގޮތުގައި އަރަބި ތިން ގައުމަކުން ބުނެފިއެވެ. އެ ތިން ގައުމަކީ ފަލަސްޠީނާއި ޖޯޑަންއާއި ސައޫދީ އަރަބިއްޔާއެވެ.
އުމަރު ޔަޣީ އަކީ ފަލަސްޠީނު މީހެކެވެ. އުފަންވީ ފަލަސްޠީނުގެ ނަސްލަކުން ފަލަސްޠީނަށެވެ. އުމުރުން 15 އަހަރުގައި އެމެރިކާއަށް އުނގެނުމަށް ހިޖުރަ ކުރީއެވެ. ޕީއެޗްޑި ހާސިލް ކުރީއެވެ. ޖޯޑަންގެ ރަށްވެހިކަން ލިބުނީ ޣައްޒާގެ ފަލަސްޠީނު ދަރިކޮޅުގެ ރެފިއުޖީ ޢާއިލާއަކަށް ޖޯޑަންގައި އުފަންވުމުންނެވެ. ފަހުން 2021 ގައި ސައޫދީ ރަސްގެފާނުގެ ގަރާރަކުން އޭނާއަށް ސައޫދީ ރަށްވެހިކަން ދިނީއެވެ.
އުމަރު ޔަޣީ ވަނީ ކުރިން އޭނާ އިސްރާއީލުގެ އިނާމެއް ބަލައިގަތުމާ ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑު ކިޔުންވެސް އަމާޒު ވެފައެވެ.
ސުސުމު ކިޓަގަވާ އަދި ރިޗަޑް ރޮބްސަންއާއެކު މިއަހަރުގެ ނޯބެލްގެ އިނާމު ޔަޣީއަށް ލިބިފައި ވެއެވެ.
އޭނާއަށް މި އިނާމު ލިބިފައިވަނީ މެޓަލް-އޯގަނިކް ފްރޭމްވޯކްސް އުފެއްދުމުގެ ދާއިރާއިން ކުރި މަސައްކަތަށެވެ. މި އުފެއްދުމަކީ ހެރީ ޕޮޓަރ ސިލްސިލާގައި ހަރމަޔަނީ ގްރޭންޖަރގެ ޖާދޫ ދަބަހާ އެއްފަދަ އެއްޗެއްކަމަށް މާހިރުން ވަނީ ބުނެފައެވެ.
1989 އިން ފެށިގެން މި ތިން ސައިންޓިސްޓުން ވަކިވަކިން ކުރި މަސައްކަތުން، ގެއެއްގެ ތަނބުތަކާ އެއްފަދަ، ބޭރުން ކުޑަ ނަމަވެސް އެތެރެއިން ބޮޑު ޖާގައެއް ހުންނަ މޮލެކިއުލަރ އާކިޓެކްޗަރއެއް އުފައްދާފައިވެއެވެ.
މިހާރު 60 އަހަރުގެ ޔަޣީއަކީ ޔުނިވަރސިޓީ އޮފް ކެލިފޯނިއާ، ބާރކްލޭގައި މަސައްކަތްކުރާ، ތިން ޤައުމެއްގެ ރައްޔިތެކެވެ.






