މުސްލިމުންނާ ދެކޮޅަށް ކާފަރުންގެ އެހީތެރިކަން ހޯދުން

އިބްރާހީމްް ސަމީރު
ނޮވެމްބަރ 14, 2025

ސަޢޫދީ އަރަބިއްޔާ އިން އިރާޤާ ދެކޮޅަށް އެމެރިކާގެ އެހީ ހޯދިކަމަށް މޮރޮކޯގެ ދީނީ ޢިލްމުވެރިއަކު ތުހުމަތުކުރުމުން ޚިޔާލު ތަފާތުވުމެއް އުފެދިއްޖެއެވެ. މޮރޮކޯގެ ދީނީ ޢިލްމުވެރިއެއް ކަމަށްވާ އަލްޙަސަން ބިން ޢަލީ އަލްކައްތާނީ، ސަޢޫދީ އަރަބިއްޔާ އިން ކުރީގެ ރައީސް ސައްދާމް ޙުސައިންގެ ވެރިކަމާއި އިރާޤާ ދެކޮޅަށް އެމެރިކާގެ އެހީތެރިކަމަށް އެދުނު ކަމަށް ބުނެ ކުރި ޕޯސްޓަކާ ގުޅިގެން ސޯޝަލް މީޑިއާގައި ހޫނު ބަޙުޘެއް ފެށިއްޖެއެވެ. އަލްކައްތާނީގެ މި ތުހުމަތުތަކަކީ ދީނީ އަދި ފިޤުހީ ގޮތުން ގިނަ ބަޔަކު ޚިޔާލު ތަފާތުވި މައްސަލައަކަށް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަލްކައްތާނީ، ’އެކްސް‘ ޕްލެޓްފޯމް މެދުވެރިކޮށް ކުރި ޕޯސްޓުގައި، ސައްދާމް ޙުސައިންގެ ވެރިކަމުގައި ސަޢޫދީން އެމެރިކާގެ ކޯލިޝަންގެ އެހީ ހޯދިކަމީ އޭރުވެސް އިސްލާމީ އުއްމަތުގެ ތެރޭގައި ބޮޑު ބައިބައިވުމެއް އައިސްފައިވާ ކަމެއްކަން ފާހަގަކުރިއެވެ.

އަލްކައްތާނީގެ ތުހުމަތުތަކަށް ރައްދު ދެއްވުމުގެ ގޮތުން، ސަޢޫދީގެ އެކަޑަމީގެ ޢިލްމުވެރިއެއް ކަމަށްވާ ޢަބްދުﷲ އަލްޖުދައި ވަނީ ޓުވީޓެއް ކުރައްވައި، މި މައްސަލައިގެ ފިޤުހީ ބައިތަކަށް އަލިއަޅުވާލައްވާފައެވެ. އަލްޖުދައި ވިދާޅުވީ، އިމާމަކު ބާޣީންނާ ދެކޮޅަށް ޣައިރު މުސްލިމުންގެ އެހީ ހޯދުމަކީ ފިޤުހުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލައެއް ކަމަށާއި، އެއީ އިސްލާމްދީނުން ބޭރުވާ ކަމެއް ނޫން ކަމަށެވެ.

އަލްޖުދައި ވަނީ މިކަމުގެ ހެކިތައް ދެއްކެވުމަށް، ޞަޙާބީ ޙާޠިބު ބިން އަބީ ބަލްތަޢާގެ ވާހަކަ އާއި، އިބްނު ޤުދާމާގެ ’އަލްމުޣްނީ‘ ފަދަ ފިޤުހު ފޮތްތަކުން ނައްޞުތައް ގެންނަވާފައެވެ. އޭނާ ވިދާޅުވީ، ވަކި ޙާލަތްތަކެއްގައި ޣައިރު މުސްލިމުންގެ އެހީ ހޯދުމަކީ އިސްލާމްދީނުން ބޭރުވުމެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ފާފައަކަށް އަރައިގަތުމުގެ ދަރަޖައިގައި ބެލެވޭ ކަމެއް ކަމަށެވެ.

މި ލިޔުމާ ގުޅޭ