ގައުމަށް ލިބިފައިވާ "ޖަވާހިރެއް": ފާލާޙު

އިބްރާހީމްް ސަމީރު
ނޮވެމްބަރ 19, 2025

ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމަށް ޚިދުމަތް ކުރައްވަމުން ގެންދަވަނީ އުންމީދު ކުރެއްވި ވަރަށް ވުރެ ވެސް މާ ފުރިހަމައަށް ކަމަށާއި، އެމަނިކުފާނަކީ ގައުމަށް ލިބިފައިވާ ”ޖަވާހިރެއް“ ކަމަށެވެ. މި ވާހަކަފުޅު އެމަނިކުފާނު ދެއްކެވީ ޕީއެންސީގެ ސަރުކާރަށް 104 ހަފްތާ ފުރުން ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައެވެ.

ފަލާހް ވިދާޅުވީ ރައީސް މުއިއްޒުގެ ޒައާމަތުގައި މިދިޔަ ދެ އަހަރު ކުރެއްވި ޚިދުމަތްތަކާއި، ބާކީ އޮތް ތިން އަހަރުގެ ތަސައްވަރާއި، ގައުމަށް ބޭނުންވާ މުހިންމު ކަންތައްތަކާއި، ކޮށްދެއްވަން ބޭނުންފުޅުވާ ވަރަށް ގިނަ ކަންކަން ރައީސްގެ ދެ ގަޑިއިރުގެ ވާހަކަފުޅުގައި ހާމަކޮށްދެއްވި ކަމަށެވެ. އަދި ރައީސްގެ ވާހަކަފުޅުގައި ”އަތްލެވެން“ ނެތް އެތައް ކަމެއް ފުރިހަމަ ކޮށްދެއްވިކަން ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލިސް މިހާރު ހިނގަމުން ދަނީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި މަޖިލިސް ހިނގަން ޖެހޭ އެންމެ ފުރިހަމައަށް ކަމަށް ފަލާހް ވިދާޅުވިއެވެ. އަދި މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް ނަމަވެސް، މަޖިލިހުން ފާސްކުރާ ބައެއް ބިލްތައް ރައީސް ތަސްދީގު ނުކުރައްވައި ރައީސް މުޢިއްޒު މަޖިލިހަށް ފޮނުއްވާފައިވާ ކަމަށާއި، އެކަމުން އެމަނިކުފާނުގެ ނުފޫޒާއި ބާރުގެ ”ޒައްރެއްގެ މިންވަރު“ ވެސް ބޭނުން ނުކުރައްވާކަން ސާފުވާ ކަމަށް ފަލާހް ވިދާޅުވިއެވެ.

އޭނާ އިޝާރާތް ކުރެއްވި ގޮތުގައި މީގެކުރިން ރައްޔިތުންގެ މަޖިލިސް، ޖުޑިޝަރީ އަދި ފަނޑިޔާރުގެ ހިނގަމުން ދިޔައީ އޭރުގެ ސަރުކާރުގެ ބާރާއި ނުފޫޒު އެ ތަންތަނަށް ފޯރުވައިގެންނެވެ. ނަމަވެސް މި ސަރުކާރުގެ ދެ އަހަރުވީއިރު، ރާއްޖޭގެ އެއްވެސް ޖަލެއްގައި ސިޔާސީ ވެރިއަކު ނެތް ކަމަށާއި، ހުރިހާ ސިޔާސީ ބޭފުޅުންނަށް ވެސް އެ ބޭފުޅަކު ބޭނުން އެއްޗެއް ވިދާޅުވުމުގެ ފުރުސަތު އޮތް ކަމަށް ފަލާހް ވިދާޅުވިއެވެ.

ފަލާހް ފާހަގަ ކުރެއްވި ގޮތުގައި މިދިޔަ ހުކުރު ދުވަހުރޭ މާލޭގައި ބޭއްވި ޖަލްސާއަކީ ރާއްޖޭގައި ބޭއްވި ސިޔާސީ އެއްވުންތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބައިވެރިވި އެއްވުމެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު، ޕީއެންސީގައި ތިބީ އެންމެ 3،000 މެމްބަރުން ކަމަށާއި، ނަމަވެސް މިހާރު ޕީއެންސީއަކީ 65،000 އަށް ވުރެ ގިނަ މެމްބަރުން ތިބި، ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުން ވެސް ރައީސް މުއިއްޒުގެ ސަރުކާރާއި ސިޔާސަތާ މެދު ރައްޔިތުން ރުހިގެން ތިބިކަން ފެންނަ ކަމަށް ފަލާހް ވިދާޅުވިއެވެ.

އަދި ރައީސް މުއިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ރިޔާސީ ވައުދުތަކުގެ ބޭރުން ވެސް އެތައް ކަމެއް ކުރެއްވުމަށް ނިންމަވައި އެކަންކަން ފައްޓަވާފައިވާ ކަމަށާއި، އެމަނިކުފާނަކީ ތަފާތު ވެރިއެއް ކަމަށް ފަލާހް ވިދާޅުވިއެވެ. ނޮވެމްބަރު 14 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި 13،000 އަށް ވުރެ ގިނަ މީހުން ބައިވެރިވިކަން ރައީސް ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

މި ލިޔުމާ ގުޅޭ