އޯޓީޕީ ހޯދައިގެން އެކައުންޓްތައް ލޫޓުވަނީ ސަމާލުވޭ!

މުހައްމަދު އަލީ
ނޮވެމްބަރ 27, 2025

އޯޓީޕީ ހޯދައިގެން އެކައުންޓް ”ކޮންޕްރޮމައިޒް“ ކޮށްގެން ހިންގާ ސްކޭމްތައް އަނެއްކާވެސް އިތުރުވަމުންއަންނަ ކަމަށާއި އެހެން ކަމުން އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ މިމަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 100 އަށްވުރެ ގިނަ މައްސަލަ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަތަކުގައި ޖުމްލަ 1,051,290.33 ރުފިޔާ ފޭރިގަނެފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ ސްކޭމް ކޯލެއް އަތުވެއްޖެނަމަ ފޯން ކަނޑާލުމަށް ފަހު އެ ނަންބަރު ބްލޮކް ކޮށްލުމަށެވެ. އަދި ފޯނަށް އަންނަ އޯޓީޕީ އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ވެސް އެދިވަޑައިގެންފައިވެއެވެ. ސްކޭމަރުން އަންނަނީ ކުރިން ބޭނުންކުރި ނަންބަރެއް ކަމަށް ބުނެ ފޯނަށް އޯޓީޕީ ފޮނުވައިގެން އެކައުންޓްތަކަށް އެކްސެސް ވަމުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިއީ ވަރަށްބޮޑަށް  ސަމާލުވާން ޖެހޭ ކަމެކެވެ.

ފުލުހުންއާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޯންކޯލާއި، އައިބޭ އާއި އޮންލައިންކޮށް މެސެޖު ކުރެވޭ މަންސަތަކާއި ފިޝިންގ ލިންކުތަކާއި، ފޭސްބުކް މާކެޓް ޕްލޭސްއެވެ.

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

އަދި ސްކޭމަރުން ކާމިޔާބުވަނީ މިފަދަ މައްސަލަތަކުގައި ހަނުތިބުމުން ކަމަށާއި، އޭގެ ބަދަލުގައި މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނޭ ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.

މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވައި، ނުވަތަ reportscam@police.gov.mvއަށް އީމެއިލް ކުރުމުން އެހީތެރިކަން ލިބިގެންދާނެއެވެ.

 

މި ލިޔުމާ ގުޅޭ