މިސްރުގެ ނުސީދާ އިންޒާރު ޔޫއޭއީއަށް

އިބްރާހީމްް ސަމީރު
ޑިސެމްބަރ 19, 2025

ސޫދާންގައި އެއްވެސް ބޭރުގެ ފަރާތަކުން ހުރަސްކޮށްގެން ނުވާނެ ރަތް ރޮނގުތަކެއް ހުރިކަމަށް ބުނެ މިސްރުން ނުސީދާ އިންޒާރެއް ދީފިއެވެ. މިސްރުގެ އިންޒާރު އައިސްފައި ވަނީ ބުރާސްފަތި ދުވަހު މިސްރުގެ ރިއާސީ ގަނޑުވަރުން އިއުލާން ކުރި 6 ނުކުތާގެ ބަޔާނެއްގައެވެ. މިސްރުން މިބަޔާން ނެރެފައި ވަނީ ސޫދާންގެ އިންތިގާލީ މަޖިލީހުގެ ރައީސް ރަބްދުލްފައްތާޙު ބުރުހާން އާއި މިސްރުގެ ރައީސް އަބްދުލްފައްތާޙު ސީސީއާ ބައްދަލު ކުރެއްވުމަށްފަހުއެވެ.

މިސްރުން ތާއީދު ކުރަނީ ސޫދާންގެ ސިފައިންނަށެވެ. ސައޫދީ އަރަބިއްޔާއިންވެސް ތާއީދުކުރަނީ ސޫދާން ސިފައިންނަށެވެ. ނަމަވެސް ޔޫއޭއީން އެހީތެރިވެ ދެނީ، ސޫދާންގެ ބާޣީ ޖަމާއަތް ކަމަށްވާ ރެޕިޑް ފޯސް އަށެވެ.

މިސްރުން ދިން އިންޒާރުގައި ބުނެފައި ވަނީ، ސޫދާން ބައިވެރިވުމަށާއި ސޫދާންގެ މުއައްސަސާތައް ބައިބައިކޮށް ބަލިކަށި ކުރުމަށް މިސްރުން ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި އެފަދަ ކަމެއް މެދުވެރިވާއިރު މިސްރުން ބަލަންވެސް ނޯންނާނެ ކަމަށެވެ. އަދި ބައިނަލްއަގްވާމީ ގާނޫނުގެ ތަރަހައިން ލިބެން ހުރި ހުރިހައި ވަސީލަތެއް މިސްރުން ބޭނުން ކުރާނެ ކަމަށެވެ. އަދި ސޫދާނަކީ މިސްރުގެ ގައުމީ ސަލާމަތާ ގުޅިފައިވާ ގައުމެއް ކަމުގައި ބުނެފައި ވެއެވެ.

މިސްރުން ނެރުނު 6 ނުކުތާގެ ބަޔާން: (ޚުލާޞާ)

  1. ޓްރަމްޕްގެ ތަސައްވުރަށް ތާއީދުކުރުން: ދުނިޔޭގެ ހަމަނުޖެހުންތައް ހައްލުކުރުމުގެ ބައެއްގެ ގޮތުގައި ސޫދާނުގެ ހަމަޖެހުން ހައްލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސުލްހައިގެ އިސްނެގުމަށް މިސްރުން ތާއީދުކުރެއެވެ.
  2. އިންސާނީ ކަންބޮޑުވުން: ޚާއްޞަކޮށް އަލްފާޝިރުގައި އާންމުންނާ ދެކޮޅަށް ހިނގާ އަނިޔާވެރިކަމާއި، ޤަތުލުއާންމުތަކާއި، އިންސާނީ ހައްޤުތަކާ ޚިލާފުވުން އިތުރުވަމުންދާތީ ޤާހިރާއިން އެކަމާ މެދު ކަންބޮޑުވުން ފާޅުކުރެއެވެ.
  3. ރަތް ރޮނގު: ސޫދާނުގެ އެއްބައިވަންތަކަން ބުރޫއެރުން ނުވަތަ މުއައްސަސާތައް ރޫޅިގެން ދިއުމަކީ މިސްރުގެ ގައުމީ ސަލާމަތަށް ސީދާ ނުރައްކަލެއްގެ ގޮތުގައި މިސްރުން ދެކޭ ކަމެކެވެ.
  4. އެއްބައިވަންތަކަން: ވަކިވެގަތުން ނުވަތަ ސަރުކާރާ ވާދަ ކުރާ މުއައްސަސާ ނުވަތަ އިދާރާތައް ބަލައިގަތުމާ މިސްރުން ދެކޮޅު ހަދައެވެ. ސޫދާނުގެ ސަރަހައްދީ އެއްބައިވަންތަކަމާއި ވަސީލަތްތަކުގެ މައްޗަށް ސޫދާން ސަރުކާރުގެ ބާރާއި އިސްތިގުލާލަށް މިސްރުން ބާރުއަޅަ އެވެ.
  5. ދައުލަތުގެ މުއައްސަސާތައް: ސޫދާނުގެ މުއައްސަސާތައް ހިމާޔަތްކުރުމަކީ ކުރަން ޖެހޭ ކަމެކެވެ. މުއައްސަސާތައް ރޫޅާލުމަކީ ރަތް ރޮނގެކެވެ. ބައިނަލްއަޤްވާމީ ޤާނޫނުގެ ތަރަހައިގެ ތެރޭގައި އަދި ސޫދާނާއެކު ގުޅިފައިވާ ދިފާއީ މުއާހަދާއެއްގެ ދަށުން އަސްކަރީގޮތުން ހަރަކާތެރިވުމުގެ ހައްޤު މިޞްރަށް ލިބިގެންވެއެވެ.
  6. އިންސާނީ އެހީއަށް ހަނގުރާމަ ހުއްޓާލުން: ސޫދާނުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަނގުރާމަ ހުއްޓާލުމާއި، ރައްކާތެރި ތަންތަނާއި، އިންސާނީ ކޯރިޑޯތައް ހޯދުމަށް ބައިނަލްއަގްވާމީ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް މިސްރުން ވައުދުވެ އެވެ.

Sudan’s War Becomes a Proxy Battlefield, as Egypt Draws “Red Lines”

މި ލިޔުމާ ގުޅޭ