- 1956 ވަނަ އަހަރު އިނގިރޭސިވިލާތުން، ސުއޭޒް ކެނަލް އަނބުރާ އަތުލުމަށް ނިންމިއެވެ. އެކަމުގައި، އިނގިރޭސިން އެމެރިކާގެ ހުއްދައަކަށް ނޭދެއެވެ. އޭރު އިނގިރޭސިންނަކީ މުޅި ދުނިޔެ އިސްތިޢުމާރުކޮށްގެން ތިބި ދުނިޔޭގެ ސްޕަރ ޕަވަރެވެ. ބުނެވޭގޮތުގައި އޭރު، އިނގިރޭސި ދިދައަކަށް އިރެއް ނުއޮއްސެއެވެ. އެކަމަކު، ސުއޭޒް ކެނަލް އަތުލުމަށް ނިންމި ނިންމުމަކީ އިނގިރޭސިންނަށް ހެދުނު އެންމެބޮޑު އެއް ގޯހެވެ. އަދި، އެއީ އިނގިރޭސިންނަށް ގޯސް ހެދުނު އެންމެ ފަހު ފަހަރުވެސް މެއެވެ.
މިސްރުގެ ރައީސް ޖަމާލު ޢަބުދުއް ނާސިރު ވަނީ، އިނގިރޭސިވިލާތުގެ ބިޔަ އަމްބަރާޠޫރިއްޔަތު ކަނޑުމަގުން ގުޅުވައިދޭ ފެންމަގު ކަމަށްވާ، ސުއޭޒު ކެނަލް ޤައުމީ ކޮށްފައެވެ. އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތުން ސުއޭޒު ކެނަލް އަތުލުމަށްޓަކާ ހަނގުރާމަމަތީ މަނަވަރުތައް ފޮނުވިއެވެ. އެމީހުން ހަތިޔާރާއި ސިފައިންވެސް ފޮނުވިއެވެ. އެމީހުން ދިޔައީ މަދު ދުވަސްތަކެއްގެ ތެރޭގައި އަސްކަރީ ގޮތުން ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ.
އެ ޚުޠޫރަތްތެރި ދަނޑިވަޅު، އެމެރިކާގެ ރައީސް އައިޒަންހޯވަރ، އިނގިރޭސި ބޮޑުވަޒީރަށް ފޯނުކޯލެއް ކުރެއްވިއެވެ. ހަނގުރާމައިގެ އިންޒާރެއް ނުދެއްވައެވެ. އެމެރިކާ ސިފައިންނެއްވެސް ނުފޮނުއްވަވައެވެ. ދެއްވީ އެންމެ އިންޒާރެކެވެ. އިނގިރޭސި ޕައުންޑް ހަލާކުކޮށްލާނެ ކަމުގެ ބިރުވެރި އިންޒާރެވެ.
އެމެރިކާގެ ބޭންކުތަކުގައި، އިނގިރޭސި ފައިސާގެ ބޮޑު ރިޒާވެއް ހުއްޓެވެ. އައިޒަންހޯވާ އެއް ކަމެއް ސާފުކޮށް ދެއްވިއެވެ. އިނގިރޭސިވިލާތުގެ އަސްކަރީ ސިފައިންނާއި، ހަތިޔާރުތައް، ވަގުތުން މިސްރުން ނުނިކުމެއްޖެނަމަ، އެމެރިކާއިން އިނގިރޭސި ޕައުންޑުގެ ރިޒާވް އެއްކޮށް ހުޅުވާލެވިފައިވާ ބާޒާރެއްގައި ވިއްކައި ހުސްކޮށްލާނެ ކަމުގެ އިންޒާރެވެ.
އެންމެ ރެއެއްގެ ތެރޭގައި ޕައުންޑުގެ އަގު ވެއްޓިގެން ހިނގައި ދާނެއެވެ. ދެވަނަ ބޮޑު ހަނގުރާމައަށް ފަހު، ފާއިތުވި ދިހަ އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުން، އެ ޤައުމު އަލުން އާރާސްތުކުރުމުގެ މަސައްކަތް ނިންމިތާ އޭރު އަދި މާގިނަ ދުވަހެއް ނުވެއެވެ. އިތުރު ކާރިސާއަކުން އިޤުތިޞާދު ސަލާމަތް ކުރެވޭނެހާ ހިތްވަރެއް އިނގިރޭސިންގެ ކިބަޔަކު ނެތެވެ.
އިނގިރޭސިވިލާތުން 48 ގަޑިއިރުގެ ތެރޭގައި، މިސްރު ދޫކޮށް ދިޔައެވެ. ހަނގުރާމައިގެ މައިދާނުގައި ބަލިވެގެނެއް ނޫނެވެ. އެމީހުން ދިޔައީ މޮޅުވަމުންނެވެ. އިނގިރޭސިންނަށް ސުއޭޒު ކެނަލް ގެއްލުނީ މޭޒު ދޮށުންނެވެ. އެންމެ ފޯނުކޯލަކުންނެވެ. ފައިސާގެ ބިރު ދައްކައިގެންނެވެ. އޭގެ ފަހުން ފަރަންސޭސިން ވެސް މިސްރު ދޫކޮށް ދިޔައެވެ. އެ ހިސާބުން ހަނގުރާމަ ނިމުނީއެވެ.
އިނގިރޭސި ބޮޑުވަޒީރު އެންތޮނީ އީޑަން ބަލިވެވަޑައިގެން ހަފްތާތަކެއްގެ ތެރޭގައި މަޤާމުން އިސްތިޢުފާ ދެއްވިއެވެ. އޭގެފަހުން ދުވަހަކުވެސް ސިޔާސީ މަޤާމެއް އަދާކުރައްވާފައި ނުވެއެވެ.
އެވަގުތު ކޮޅަކީ، އިނގިރޭސި އަމްބަރާޠޫރިއްޔަތުގެ ނިމުންކަން ދުނިޔެއަށް އެނގިގެން ދިޔައެވެ. ވާދަވެރި ލަޝްކަރެއްގެ ބާރަކުން ނޫނެވެ. އިންޤިލާބަކުންވެސް ނޫނެވެ. އިނގިރޭސިވިލާތުގެ އެންމެ ގާތް އެކުވެރިޔާ ހަތިޔާރެއްގެ ގޮތުގައި އިނގިރޭސި ފައިސާ ކަމަށްވާ ޕައުންޑް ބޭނުންކޮށްގެންނެވެ.
އިނގިރޭސި އަމްބަރާޠޫރިއްޔަތަށް އިރު އޮއްސުނެވެ. އެކަމަށް ހަމައެކަނި ބޭނުންކުރީ އެމެރިކާގެ މަރުކަޒީ ބޭންކުގެ ބޮކިތަކެވެ. އެބޮކިތައް ނިއްވާލުމާއެކު، އިނގިރޭސި އަމްބަރާޠޫރިއްޔަތަށް އަލުން ދުވަހަކުވެސް އަލިކަމެއް ދުށުމުގެ ނަސީބެއް ނުލިބުނެވެ.
ތިބާ ދެކޭގޮތުގައި، އިނގިރޭސިވިލާތް ހުއްޓުވުން އެއީ އެމެރިކާއިން ކުރި ރަނގަޅު ކަމެއް ހެއްޔެވެ؟ ނުވަތަ އެމެރިކާއިން، އެ ޤައުމުގެ އެންމެ ގާތް އެކުވެރިޔާއަށް ޚިޔާނާތްތެރިވީ ހެއްޔެވެ؟






