ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ މަތިވެރި އަސްކަރީ ޚިދުމަތް

ޢަބްދުﷲ ސަޢީދު
މެއި 18, 2026

ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ (ސނ: 6029)، ސިފައިންގެ ޚިދުމަތާ ގުޅިލެއްވީ 2005 ޑިސެންބަރު 19 ވަނަ ދުވަހުއެވެ. ދިވެހި އަސްކަރިއްޔާގެ ކޯސްޓްގާޑުގެ ތަފާތު ޑިޕާޓްމަންޓްތަކުގައި ޚިދުމަތް ކުރައްވާފައިވާ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ވަނީ އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު 20 އަހަރާއި 4 މަހާއި 27 ދުވަހު ދިވެހި ޤައުމަށް އިޚްލާސްތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކޮށްދެއްވާފައެވެ. މި ދިގު މުއްދަތުގެ ތެރޭގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގައި ހުނަވެރި ރެސްކިޔު ޑައިވަރެއްގެ ގޮތުގައެވެ. ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ވަނީ، ކަނޑުމަތީގައި ހިނގާ ހިތާމަވެރި ހާދިސާތަކާ ގުޅިގެން ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ހިރާސް ބޮޑު ގިނަ އޮޕަރޭޝަންތަކެއްގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި ހިތްވަރުގަދަ މަސައްކަތްތަކެއް ކުރައްވާފައެވެ. މިގޮތުން ޕްރޮފެޝަނަލް ޑައިވަރެއްގެ ގޮތުގައި ދިވެހި އަސްކަރިއްޔާގައި 5200 އަށްވުރެ ގިނަ ޑައިވް ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ވަނީ ކުރައްވާފައެވެ.

ޑައިވިން އާއި ކަނޑުމަތީގެ ސަލާމަތާ ގުޅުންހުރި ފަންނީ ދާއިރާއިން ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ، ރާއްޖެއާއި ރާއްޖެއިން ބޭރުން ފުރިހަމަކުރައްވާފައިވާ ކޯސްތަކާއި ތަމްރީނުތަކުގެ ތެރޭގައި ޕަޑީގެ ޑައިވްމާސްޓަރ ކޯހާއި، ޗައިނާގެ ނޭވަލް ސަބްމެރިން އެކެޑަމީން ފުރިހަމަ ކުރެއްވި ރެސްކިއު އެންޑް ސެލްވޭޖް ކޮމާންޑް ކޯހާއި، އިންޑިއާގެ އައިއެންއެސް ޑްރޮނާޗަރިޔާގައި ފުރިހަމަކުރެއްވި ވިޒިޓް، ބޯޑް، ސަރޗް އެންޑް ސެއިޒް (ވީބީއެސްއެސް) އަދި މެރިޓައިމް އިންޓަޑިކްޝަން އޮޕަރޭޝަންސް (އެމްއައިއޯ) ކޯހާއި، އިންޑިއާގެ ނޭވަލް އިސްޓިޓިއުޓް އޮފް އެޑިއުކޭޝަން އެންޑް ޓްރޭނިންގ ޓެކްނޮލޮޖީއިން ފުރިހަމަކުރެއްވި ޓްރޭނިންގ ޓެކްނޮލޮޖީ ސެއިލާސް ކޯސް ފާހަގަ ކުރެވެއެވެ. ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީއަކީ، ޚާއްޞަކޮށް ފުން ސަރަޙައްދުތަކުގައި އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގަން ޖެހޭ ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކާއި، ސަރޗް އެންޑް ރިކަވަރީ އޮޕަރޭޝަންތަކަށް އަމާޒުކޮށްގެން ޓެކްނިކަލް ޑައިވަރުން އުފެއްދުމަށް ކުރިއަށް ގެންދާ ޑީޕްޑައިވަރ ކޯހުގައި ބައިވެރިވެ، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމުގައި އަދާކުރަންޖެހޭ ޤައުމީ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމަށް ހުރި ޝައުޤުވެރިކަމާއި، އިންސާނިއްޔަތަށް ޓަކައި ހިތުގައި އޮތް މަތިވެރި ލޯބި ސާބިތުކޮށްދީފައިވާ ނަމޫނާ ޚިދުމަތްތެރިއެކެވެ.

ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ އަކީ، ޑައިވިންގެ ދާއިރާއިން ދިވެހި އަސްކަރިއްޔާގައި އިންސާނީ ވަސީލަތް ބިނާކުރެއްވުމަށް މުދަރިއްބެއްގެ ގޮތުގައި ވެސް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭކަލެކެވެ. މިގޮތުން އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގަމުންގެންދާ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯހުގެ މުދައްރިބެއްގެ ގޮތުގައި ތިން ކޯހެއްގައި މަސައްކަތް ކުރައްވާފައިވެއެވެ. އަދި އެމްއެންޑީއެފް ޔުނިޓްތަކުގެ ރިކްއަރމަންޓަށް ކޯސްޓްގާޑުން ހިންގާފައިވާ އޯޕަން ވޯޓަރ ޑައިވިންގ ކޯސްތައް ހިންގުމުގައި ޢަމަލީ ގޮތުން ބައިވެރިވެ ދިވެހި އަސްކަރިއްޔާއަށް އެތައް ޑައިވަރުންނެއް ނެރެދެއްވާފައިވެއެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ވީއައިޕީންނަށާއި ޚާއްޞަ ޑެލިގޭޝަންތަކަށް ދިވެހި އަސްކަރިއްޔާއިން ހިންގާފައިވާ ޑައިވިންގ އަދި ސްނޯކްލީން ޕްރޮގްރާމްތަކުގައި ފަންނީ ތަޖުރިބާކާރެއްގެ ގޮތުން ބައިވެރިވެލައްވާފައިވާއިރު، ވީއައިޕީންގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ހިންގާފައިވާ 355 ވީއައިޕީ އަންޑަރވޯޓަރ ކްލިއަރެންސް އޮޕަރޭޝަނެއްގައި ޢަމަލީގޮތުން ހަރަކާތްތެރިވެލައްވާފައިވެއެވެ.

ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ދިވެހި އަސްކަރިއްޔާގައި ފާހަގަ ކުރެވިފައި ވަނީ އަޚުލާޤާއި ސުލޫކު ވަރަށް ރަނގަޅު ބޭކަލެއްގެ ގޮތުގައެވެ. އަބަދުވެސް ޤައުމީ ވާޖިބަށް އިސްކަންދެއްވައިގެން ޢަޒުމާއެކު މަސައްކަތްކުރައްވާ ހިތްވަރުގަދަ، ޖެހިލުންކުޑަ އަދި ހުނަރުވެރި، ޤާބިލު ޑައިވަރެއްގެ ގޮތުގައެވެ. ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކާ ގުޅިގެން މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގާފައިވާ ގިނަގުނަ ސަރޗް އެންޑް ރެސްކިޔު އަދި ސެލްވޭޖް އޮޕަރޭޝަންތަކެއްގައި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ފާހަގަ ކުރެވެނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފުނަން ފީނާ ހުނަރުވެރި ޑައިވަރެއްގެ ގޮތުގައެވެ. މިގޮތުން 2015 ވަނަ އަހަރު މާލެއިން ފުރައިގެން އދ. މާމިގިއްޔަށް ދަތުރުކުރި ”ސަން ފެރީ“ ބަންޑުންޖަހާލި ހާދިސާގައި އެ ފެރީން ދަތުރުކުރި 81 މީހުން ސަލާމަތްކޮށް، ކަނޑުގެ އަޑިން އެ ފެރީ ފެންމަތިކުރުމަށް ހިންގި ޚާއްޞަ އޮޕަރޭޝަނާއި، 2022 ވަނަ އަހަރު ފުވައްމުލަކު ޓައިގަރ ޝާކް ޕޮއިންޓަށް ޑައިވިނަށްދިޔަ ޑައިވަރަކު ގެއްލިގެން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަންގައި ވަރަށް ފުނަށް ފީނައިގެން ކުރެއްވި މަސައްކަތްތައް ފާހަގަ ކުރެވެއެވެ. މީގެއިތުރުން އދ. މިރިހި އައިލެންޑް ރިސޯޓުގެ ބޭރުގައި އަޅާފައިވާ ”ނޯތު 7“ ސަފާރީން ކަނޑަށް ވެއްޓި ގެއްލުނު ދިވެއްސަކު ހޯދުމަށް ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ސަރޗް އެންޑް ރިކަވަރީ އޮޕަރޭޝަންގައި ވެސް ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ވަނީ ޑައިވަރެއްގެ ގޮތުގައި މަސައްކަތްކޮށް ގެއްލުނު މީހާގެ ހަށިގަނޑު ކަނޑުގެ އަޑިން ނެގުމުގައި ހަރަކާތްތެރިވެފައެވެ. އަދި 2025 ވަނަ އަހަރު ކާށިދޫ ކަނޑަށް ސިވެކް ލޭންޑިންގ ކްރާފުޓް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި ވޮރަންޓް އޮފިސަރ 2 ޙާމިދު ޢަލީ ނަގާފައި ވަނީ ވެސް އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަންގައި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީއެވެ.

ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ، ދިވެހި އަސްކަރިއްޔާގައި ކުރައްވާފައިވާ އިތުރު ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި ކޯސްޓްގާޑް މެރިޓައިމް ސޭފްޓީ އެންޑް ސެކިއުރިޓީ ސްކޮޑްރަން ހުޅުމާލެ ކަލާސީނު ކޮށީގައި ޤާއިމުކޮށް، ތަރައްޤީކުރުމަށް ކުރެވުނު އުމްރާނީ މަސައްކަތްތަކުގައި ޢަމަލީގޮތުން ކުރެއްވި ބުރަ މަސައްކަތްތައް ފާހަގަ ކުރެވެއެވެ. މީގެއިތުރުން ސުނާމީ ކާރިސާގައި ގއ. މާމެންދޫން ދާއިމީ ބޯހިޔާވަހިކަން ނުލިބި ތިބި ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 2014 ވަނަ އަހަރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ހިންގި ”އޮޕަރޭޝަން ހިޔާވަހި – 2014“ ގައި ކުރެއްވި މަސައްކަތާއި، ކޮވިޑް19 އާ ގުޅިގެން ސިފައިން ހިންގި ޚާއްޞަ އޮޕަރޭޝަންގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގައި އޮންނަ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގައި ކުރެއްވި އިޚްލާޞްތެރި މަސައްކަތްތައް ފާހަގަ ކުރެވެއެވެ.

ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ދިވެހި އަސްކަރިއްޔާގައި ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތައް އަދި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަޚްލާޤުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 4 މެޑެއްޔާއި 10 ކުލައެއް ލިބިލައްވާފައިވެއެވެ. މިގޮތުން ހާސިލުކުރައްވާފައިވާ މެޑެލި ތަކަކީ އިންސާނީ ޚިދުމަތުގެ މެޑެލި – ކޮވިޑް 19، 17 ވަނަ ސާކު ސަމިޓް މެޑެލި، މިނިވަން 50ގެ މެޑެލި އަދި ޖުމްހޫރީ 50ގެ މެޑެއްޔެވެ. ޝަރަފުގެ ނިޝާނުގެ ކުލައިގެ ގޮތުގައި ހާސިލުކުރައްވާފައި ވަނީ ހިތްވަރުގަދަކަމުގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ، ކާމިޔާބުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ، ދިގުމުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، އަދި އަޚްލާޤީ ކުލަ އެއްވަނަ ފަހަރަށާއި ދެވަނަ ފަހަރަށާއި ތިންވަނަ ފަހަރަށެވެ.

ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީއަކީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ ރެސްކިއު ޑައިވަރެއްގެ އިތުރުން ގިނަ ކުޅިވަރުތަކެއް މޮޅަށް ކުޅޭ އަދި ފާހަގަކޮށްލެވޭ ހުނަރުވެރި އެތުލީޓެކެވެ. މިގޮތުން ބާސްކެޓާއި، ވޮލީއާއި، ހޭންޑްބޯޅައާއި އެތުލެޓިކްސްގައި ދިވެހި އަސްކަރިއްޔާއަށާއި އެމްއެންޑީއެފް ކޯސްޓްގާޑަށް ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ވަނީ ރަންވަނަތަކާއި ރީތި ނަންތަކެއް ހޯއްދަވައިދެއްވާފައެވެ.

ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ މި ދުނިޔެ ދޫކުރެއްވީ، ވ. އަތޮޅުގައި ޑައިވިނަށް ގޮސްއުޅުނު އިޓަލީވިލާތުގެ ހަތަރު ފަތުރުވެރިއަކު ގެއްލިގެން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގަމުން ދިޔަ ޚާއްޞަ އޮޕަރޭޝަނެއްގައި ހާލު ދެރަވެގެން މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، 2026 މޭ 16 ވަނަ ދުވަހުއެވެ. މިފަދަ އޮޕަރޭޝަނެއްގައި އަޅަން ޖެހޭ ހުރިހާ ސަލާމަތީ ފިޔަވަޅުތަކެއް އަޅައިގެން ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ކުރިއަށް ގެންދިޔަ ސަރޗް އެންޑް ރިކަވަރީ އޮޕަރޭޝަންގައި ހަރަކާތްތެރިވަމުން ދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އެންމެ ހުނަރުވެރި އަދި އެންމެ ޤާބިލު އެއް ޑައިވަރުކަމުގައިވާ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވުމަކީ އޭނާގެ ލޮބުވެތި ޢާއިލާގެ އިތުރުން އެންމެހައި ސިފައިންނަށާއި ދިވެހި ޤައުމަށް ވެސް ލިބިގެން ދިޔަ ވަރަށް ބޮޑު ފުން ހިތާމައެކެވެ. މި ބޮޑު ފުން ހިތާމައިގައި ދިވެހި ސިފައިންގެ ދިދަ ބައިދަނޑިއަށް ތިރިކުރައްވައި، ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީއަށް ސްޓާފް ސާޖަންޓްގެ ރޭންކުން ސާޖަންޓް ފަސްޓް ކްލާހަށް މަޤާމުގެ ކުރިއެރުން ދެއްވައި، ސިފައިންގެ ރަސްމީ ޢިއްޒަތުގައި ޖަނާޒާ ވަނީ ބާއްވަވާފައެވެ. މި ޖަނާޒާގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު އޮނަރަބަލް ޙަސަން ރަޝިދާއި، ދައުލަތުގެ ވަޒީރުންނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މާލޭގައި ތިއްބެވި ސިފައިންގެ ތެރެއިން ޑިއުޓީތަކުގައި ތިއްބެވި ސިފައިން ފިޔަވައި ހުރިހާ ސިފައިންނާއި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ލޮބުވެތި ޢާއިލާގެ މެންބަރުންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން މި ޖަނާޒާގައި ބައިވެރިވެލެއްވިއެވެ.

ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ އަސްކަރީ މަތިވެރި ޚިދުމަތްތަކަކީ ހުރިހާ ސިފައިން ވެސް ފަޚުރުވެރިވާ މަތިވެރި ޤައުމީ ޚިދުމަތެކެވެ. މާތްﷲ، ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ މަތިވެރި، އަގުހުރި އަސްކަރީ ޚިދުމަތުގައި ބަރަކާތްލައްވާށިއެވެ. އަދި އޭނާގެ ފުރާނައަށް ރަޙުމަތްލައްވައި، ޝަހީދެއްގެ މަތިވެރި ދަރަޖަ ލިބިގެންވާ ސުވަރުގެވަންތަވެރީންގެ ތެރޭގައި ލައްވާށިއެވެ. އަދި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ލޮބުވެތި ޢާއިލާއަށް ކެތްތެރިކަން ދެއްވައި ހެޔޮގޮތްތައް މިންވަރުކޮށްދެއްވާށިއެވެ. އާމީން.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *