ކުރިންވެސް ހުންނެވީ ރައީސް މުޙައްމަދު ނަޝީދާއެކުގައި ކަމަށާއި ދެންވެސް ހުންނަވާނީ އެމަނިކުފާނާއެކުގައި ކަމަށް އެމްޑީޕީގެ ފައުންޑަރ މެންބަރެއް ކަމަށްވާ އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމަށް ވާދަކުރައްވަމުން ގެންދަވާ ރައީސް ނަޝީދަށް ތާއީދު ކުރައްވާކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައްޕެވަނީ ރައީސް ނަޝީދާއެކު ކުރިން ކުރައްވާފައިވާ މަސައްކަތްތަކާ ގުޅޭ ފޮޓޯތަކެއް ވެސް ހިމަނުއްވައިފައެވެ.
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް އެ މަގާމުން އިސްތިއުފާ ދެއްވުމުން އެމަގާމަށް ކުރިމަތިލައްވާނޭ ކަމަށް ސައްޕެ ކުރިން ވިދާޅުވެ އެކަމަށް ކެންޕޭން ވެސް ކުރެއްވިއެވެ. އެހެންނަމަވެސް ރައީސް ނަޝީދު އެމަގާމަށް ވާދަކުރައްވަން ނިންމެވުމުން ސައްޕެވަނީ ރައީސް ނަޝީދަށް ތާއީދު ކުރައްވަން ފަށްޓަވައިފައެވެ.
ސައްޕެގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ އޭނާގެ އިތުރުން އެމްޑީޕީގެ ފައުންޑަރެއް ކަމަށްވާ ދ. ރިޔާޒުވެސް ހުންނެވީ ރައީސް ނަޝީދާ އެކުގައި ކަމަށެވެ. ”އެމްޑީޕީގެ ފައުންޑަރ މެންބަރުން ކަމުގައިވާ ދާލު ރިޔާޒާއި މީމު ސައްޕެ މިއަދުވެސް ރައީސް ނަޝީދާ އެކު ! މީލައްކަވަހަކަ،“ އޭނާ ވިދާޅުވެފައިވެއެވެ. ޗެއަރޕާސަން ކަމަށް ރައީސް ނަޝީދާ ވާދަކުރައްވަނީ މީކާއީލް ނަސީމެވެ.





