ރާއްޖޭގައި ގައުމީދުވަސް ފުރަތަމަ ފާހަގަކުރިކަމަށްވަނީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ. އެއީ 4 ފެބްރުއަރީ 1946 ކަމަށް ތާރީޚުލިޔުއްވާ ބޭފުޅުން ވިދާޅުވެފައިވެއެވެ. އޭގެ ކުރިން ޤައުމީ ދުވަހުގެ ނަމުގައި ވަކި ދުވަހެއް ދިވެހީން ފާހަގަ ކޮށްފައި ނުވާކަމަށް ވެއެވެ.
ޕޯޗުގީޒުން ރާއްޖެއަށް އަތްގަދަކޮށް ވެރިކަން ކޮށްފައިވަނީ 15 އަހަރާއި 6 މަސް ދުވަހަށް ކަމަށްވެއެވެ. އެފަހުން އެވެރިންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވީ، 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ވިލޭރޭ ކަމަށް ތާރީޚީ އިލްމުވެރިން ވިދާޅުވެފައިވެއެވެ.
މިކަމަށް ﷲ މެދުވެރިކުރެއްވީ އުތީމު، އަލްޚަތީބު ޙުސައިން ތަކުރުފާނުގެ އަދި އައިމިނާގެ ދަރިކަލުން އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ.
ގައުމީ ދުވަސް ކޮންއަހަރަކު ރާއްޖޭގައި ފާހަގަކުރަނީ ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ. އޭގެ ބޭނުމަކީ ބޮޑުތަކުރުފާނާއި، އަލީ ތަކުރުފާނާއި، ހަސަންތަކުރުފާނާއި، ދެހާޖީންނާއި، ދަންޑަހެލުގެ ހިތްވަރުގަދަ އެހަނގުރާމަ މަތީން ހަނދާންކޮށް ހިތްވަރު ލިބިގަތުން ކަމަށްވެދާނެއެވެ.
އެއީ އެދުވަސްވަރެވެ. އެދުވަސްވަރު ޕޯޗުގީޒުން ރާއްޖެ އަތުލައިގަތް ގޮތަށް އަތުލަން ބަޔަކު މަސައްކަތް ނުކުރާނޭކަމަށް ހީވިޔަސް އެފަދަ ކަމަކަށް ދިވެހީން އަބަދުވެސް ތައްޔާރަށް ތިބުމުގެ މުހިންމުކަން މިޒިކުރާއިން ބުނެދެއެވެ. މިޒިކުރާގެ ހަގީގީ ބޭނުމަކަށްވާނީ ބޭރުގެ އެފަދަ ފަރާތްތަކަށް ފުރުސަތު ނުދިނުމެވެ. ރާއްޖެ ދިފާއުކުރުމުގައި ހޭލާ ތިބުމުގެ މުހިންމު ކަމެވެ.






