ފަރެސްމާތޮޑާ ކައުންސިލަށް ކުރިމަތިލައިފައިވާ މިނިވަން ކެންޑިޑޭޓު މަހުދީ އަހުމަދު )މަހުދީ) ގެ ވިސްނުން މިއޮތީ ދިމާ ހާމައަށް ފެންނާށެވެ. އޭނާގެ ވިސްނުމަކީ ރަށު މީހުންގެ ވިސްނުމެވެ. އޭނާގެ ތަރައްގީގެ ވިސްނުމަކީވެސް އެއީއެވެ. އެހެން ކަމުން ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ތަރައްގީގެ ވިސްނުންހުރި، މިނިވަން އަދި ރަށުވަންތަ މީހަކު ކައުންސިލަށް އިންތިޚާބު ކުރަން ބޭނުން ކަމަށްވާނަމަ މަހުދީއަށް ވޯޓުދިނުމަކީ އޭނާގެ ވަރަށްބޮޑު އެދުމެކެވެ.
މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކީއްވެ؟
މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނުވަތަ އަމިއްލަގޮތުން ފަރެސްމާތޮޑާގެ ކައުންސިލަށް ކުރިމަތިލާން އޭނާ ނިންމީ ވަރަށްބޮޑަށް ވިސްނާފައެވެ. ”ފެށުނީއްސުރެން މިއޮންނަނީ ކޮންމެވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ކައުންސިލެއް. މީގެ ސަބަބުން ރަށަށް އަންނަންޖެހޭ ތަރައްގީ އޭގެ ސްޕީޑުގައި ނާދޭ. މިފެންނަނީ ޕާޓީތަކަށް އަޅުދާސްވެގެން ޕާޓީގެ ސިޔާސަތު އާލާކޮށް ދިރުވަން އުޅޭ މަންޒަރު. އެހެންވުމުން ރައްޔިތުންގެ ފިކުރާއި ވިސްނުމާއި ހިތުގެ އުދާސްތައް ޕާޓީތަކަށް ”އިހުސާސް ކުރެވެނީ“ ކޮންމެވެސް އިންތިޚާބެއް ކައިރިވީމާ. މިއީއެއްނޫން ރައްޔިތުންނާމެދު ކަންކަން ކުރަންޖެހޭނޭ ގޮތަކީ. މިއަށްވުރެ ބޮޑަށް ރައްޔިތުންނަށް އަޅައިލާންޖެހޭ. މިކަން ކުރެވޭނީ އެއްވެސް ޕާޓީއެއްގެ ނުފޫޒު ނުފޯރުވޭނޭ އަޒުމް ވަރުގަދަ ކެންޑިޑޭޓުން ހޮވައިގެން. އެކަން ކުރުމަށް މިނިވަނެއްގެ ގޮތުގައި ކުރިމަތިމިލީ. ގާނޫނީ ޒިންމާއެއް އަދާކުރަން އަންނަ މީހަކު ކޮންމެހެން ނުޖެހޭ ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާން،“ މަހުދީ ބުންޏެވެ.
ރައްޔިތުންނަށް ކޯއްޗެއް؟
މަހުދީ ބުނީ ލާމަރުކަޒީ ގާނޫނުގައި ކައުންސިލްތަކަށް ލާޒިމްކޮށްފައިވާ ކަންކަން ކޮށްގެން އެކަނި ޚިދުމަތް ދެވުނީ ކަމަށް ނުބެލެވޭނޭ ކަމަށެވެ. އެއީ ކޮންމެ ބަޔަކު ކައުންސިލަށް އަޔަސް ކުރަންޖެހޭނޭ ކަމެއް ކަމަށް އޭނާ ބުންޏެވެ. އޭގެ އިތުރުން ރައްޔިންނާ ގާތުން މަސައްކަތް ކުރަންޖެހެއެވެ. ކަންކަން އަމިއްލައަށް ބަލައި ދިރާސާ ކުރަންޖެހެއެވެ. ”ކައުންސިލަރުންނޭ ކިޔަސް އެއީ ރައްޔިތުންގެ ކަންކަން ބަލައި ރައްޔިތުންނަށް ދިމާވާ ދަތިކަން ފިލުވައި ޚިދުމަތްދޭން އަންނަ ބައެއް. އެމީހުންގެ ބޮލުގައި އެޅިފައިވަނީ ވަރަށްބޮޑު ހައްގެއް. އެހައްގު އަދާކުރުމަކީ ވާޖިބެއް. ރައްޔިތުންނަށް ވެރިކަމެއް ކޮށްދޭން އަނަން ބަޔަކު ވާންޖެހޭނީ އެއްވެސް ކަމެއް އިސްތިސްނާނުވެ ހުރިހާ ޝަކުވާއެއް އަޑުއަހައި އެއަށް ހައްލު ހޯދައިދޭންޖެހޭނޭ ބަޔަކަށް. ނުވަތަ މަގުދައްކައިދޭނޭ ބަޔަކަށް. ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓޭ އިދިކޮޅު ކެންޑިޑޭޓޭ ކިޔައިގެން މިފަތުރަނީ މުޅިން ހޮޅިވާހަކަ،“ އޭނާ ބުންޏެވެ.
ތައުލީމް
މުޖުތަމައެއް ކުރިއަރައިދާނީ އިލްމާއި ހިލްމު ލިބިފައިވާ ބަޔަކު އެ މުޖުތަމައެއްގައި ގާއިމްވެ ތިބެގެންނެވެ. އެކަން ކުރުމަށް ރަށުގެ ތައުލީމީ ފެންވަރު ރަނގަޅު ކުރަންޖެހޭ ކަމަށް މަހުދީ ބުންޏެވެ. ސްކޫލުން ފެށިގެން އެންމެހާ ރައްޔިތުންނަށް އުނގެނުމުގެ ފުރުސަތު ފުޅާކޮށް އޮންނަން ޖެހެއެވެ. ”މިއީ އިލްމީ ޒަމާން. މިއީ ތައުލީމީ ޒަމާން. މިޒަމާނަށް ހޭލުތެރިވާންޖެހޭ. ޓެކްނޮލޮޖީ ފުޅާވެ އެއާ ނުލައި ނޫޅެވޭ ހިސާބަށް މިހާރުވަނީ ކުރިއަރާފައި. އެހެން ކަމުން ރަށުގެ ތައުލީމީ ހާލަތު ރަނގަޅުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. އެކަން ކުރުމަށް އަޅުގަނޑު އިސްވެހުރެ މަސައްކަތް ކުރާނަން. ގޮތްތަކެއް ހޯދާނަން އިރާދަކުރެއްވިއްޔާ،“
މަސްވެރީން
މަސްވެރިކަމަކީ ފަރެސްމާތޮޑާއަށް އެންމެގިނަ ފައިސާ ވަންނަ ވަސީލަތެވެ. އެރުގެ ގިނަ ފިރިހެނުންގެ މައިގަނޑު މަސައްކަތަކީ އެއީއެވެ. އެހެން ކަމުން އެމީހުންނާ ގާތް ގުޅުމެއް ބާއްވައި އެމީހުންނަށް ދިމާވާ މައްސަލަތައް ދުވަހުން ދުވަހަށް ބެލޭނޭ ގޮތެއް އޮތުމަކީ ވަރަށްމުހިންމު ކަމެއް ކަމަށް މަހުދީ ބުންޏެވެ. މަސްވެރީންނާއި އޮޑިވެރީންގެ ޝަކުވާތައް އަޑުއަހައި ކައުންސިލް ފެންވަރުގައި ހައްލު ކުރެވެންހުންނަ ކަންކަން ހައްލުކޮށްދިނުމަށް މަސައްކަތް ކުރާނޭ ކަމަށް އޭނާ ބުންޏެވެ. ކައުންސިލަށްވުރެ މަތީން ނިންމަންޖެހޭ ކަންކަން ނިންމުމަށް ވަގުތުން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ހައްލު ކޮށްދޭން މަސައްކަތް ކުރާނޭ ކަމުގެ ޔަގީންކަން އޭނާދިނެވެ.
މީގެ އިތުރުން ޒުވާނުން މަސްވެރިކަމަށް ނެރެ އެސިނާއަތް ފަރެސްމާތޮޑާގައި ވަރުގަދަކުރަން އިންތިހާއަށް މަސައްކަތް ކުރުމަކީ ވާޖިބެއް ކަމަށް ދެކޭނޭ ކަމަށް ވެސް ބުންޏެވެ. ބައެއް މަސްވެރިން މިހާރުވެސް ބުނަމުންދަނީ ޒުވާން މަސްވެރިން މިހާރު މަދުވަމުން އަންނަ ކަމަށެވެ. އެހެން ވަނީ މަސްވެރިކަމުން މިހާރު ލިބޭ އާމްދަނީ މަދުވުން ކަމަށް އޭނާ ދެކެއެވެ. ”ހިންމަތާއި، މިންނަތުން ކަންކަން ކާމިޔާބުވާނީ. މަސްވެރިކަމަށް ޒުވާނުން ނެރުމަށް އެމީހުންނަށް ހިތްވަރުދީ އަލުން އެރަށުގައި އެދާއިރާ ވަރުގަދަކޮށް ޝައުގުވެރި ޒުވާނުން ނެރުމަށް އިންތިހާއަށް މަސައްކަތްކުރާނަން އިންޝާ ﷲ،“ އޭނާ ބުންޏެވެ.
އެރަށު އައިސް ޕްލާންޓު މިހާރުވަނީ ހުއްޓިފައެވެ. މަސްވެރިންނަށް އެރަށުން އައިސްއެއް ނުލިބެއެވެ. އެކަމާ މަސްވެރިންގެ ޝަކުވާ ބޮޑެވެ. އެއީ ކޮންމެހެން ހައްލު ކުރަންޖެހޭނޭ މައްސަލައެކެވެ. އެތަނުގެ ޚިދުމަތް ހުއްޓުނު ސަބަބު ހޯދައިބަލައި އެ ޚިދުމަތް އަލުން ފެށުމަށް މަސައްކަތް ކުރާނޭ ކަމަށްވެސް އޭނާ ބުންޏެވެ. އަދި ރަށުން ދާއިމީކޮށް ތެޔޮލިބޭނޭ އިންތިޒާމެއް ހަމަޖައްސައިދިނުމަށް މަސައްކަތްކުރާނޭ ކަމަށް ވެސް ބުންޏެވެ.
ލޭންޑްޔޫސް ޕްލޭން
ރަށުގައި މިހާރުއޮތް ޕްލޭން ދިރާސާކޮށް އިސްލާހު ކުރަންޖެހޭ ކަމަށްވާނަމަ އެކަން ކުރަން މަސައްކަތް ކުރާނޭ ކަމަށް އޭނާ ބުންޏެވެ. އަދި ރަށުގެ ބިމުކުލި ކަނޑައަޅައި އާންމުކުރާނޭ ކަމަށް ވެސް ބުންޏެވެ. އެއީ ބަންޑާރަ ބިން ވިއްކައިގެން ކައުންސިލަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ މަގުސަދުގައި ކުރާނޭކަމެއް ކަމަށް އޭނާބުންޏެވެ. މީގެ އިތުރުން ރަށުން މިހާރު ދޫކޮށްފައިވާ ގޯތިތަކާ ބެހޭގޮތުން ރައްޔިތުން ހުށަހަޅާފައިވާ ޝަކުވާތައް ބަލައި އެކަންކަން އިސްލާހު ކުރުމަށް މަސައްކަތް ކުރާނޭ ކަމަށް ވެސް ބުންޏެވެ.
މިއީ މައިގަނޑުގޮތެއްގައި އޭނާ ކައުންސިލަށް އައިސް ކުރާނޭ ކަންކަމެވެ. ޖުމްލަކޮށް ރަށުގެ ހުރިހާކަމެއް ތަރުތީބުކޮށް ގުޅި ލާމެހިފައިވާ އުފާވެރި މުޖުތަމައެއް ބިނާކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަކީ އޭނާގެ މަގުސަދެކެވެ. ރަށުވަންތަ ރަށު ވިސްނުމެވެ.






