346 ޓްރިލިއަން ޑޮލަރުގެ ދަރަންޏެވެ. ހާސްނުވާށެވެ. މިއީ ޢާލަމީ މާލީ ނިޒާމު ކަމަށްވާ ބްރެންޓް ވޫޑުސް މާލީ ނިޒާމުގެ ހިމޭން ކުޅިވަރެވެ. އެމެރިކާ އޮތީ 38.9 ޓްރިލިއަން ޑޮލަރުގެ ދަރަންޏެއްގައި ޣަރަޤުވެފައެވެ. ޗައިނާ އޮތީ 18.7 ޓްރިލިއަން ޑޮލަރުގެ ދަރަންޏެއްގެ ތެރޭގައެވެ. ޖަޕާން އޮތީ 12.7 ޓްރިލިއަން ޑޮލަރުގެ ދަރަނީގެ ދަންތުރައެއްގައި ޖެހިފައެވެ. އިނގިރޭސިވިލާތް އޮތީ 4.1 ޓްރިލިއަން ޑޮލަރުގެ ދަރަންޏެއްގެ ތެރޭގައެވެ. އިންޑިއާ އޮތީ 3.4 ޓްރިލިއަން ޑޮލަރުގެ ދަރަންޏެއްގެ ތެރޭގައެވެ. ވިލާތުގެ އެންމެ ބޮޑު ތިން ޤައުމުކަމަށްވާ ފަރަންސޭސިވިލާތާއި، އިޓަލީވިލާތާއި، އަދި ޖަރުމަނުވިލާތުގެ ޖުމްލަ ދަރަންޏަކީ 6.5 ޓްރިލިއަން ޑޮލަރެވެ. ކެނެޑާގެ ޖުމްލަ ދަރަނި އޮތީ 1.85 ޓްރިލިއަން ޑޮލަރުގައެވެ. އަދި ބްރެޒިލްގެ ދަރަނީގެ ނިސްބަތަކީ 1.8 ޓްރިލިއަން ޑޮލަރެވެ.
އަދި، މުޅި ދުނިޔޭގެ ޖުމްލަ ދަރަނީގެ މިންވަރަކީ 346 ޓްރިލިއަން ޑޮލަރެވެ. މިއީ ހަމައެކަނި ޢަދަދެއް ނުވަތަ ނަންބަރެއް ނޫނެވެ. މިއީ މީގެ ކުރިން އިންސާނީ ތާރީޚު ދުވަހަކުވެސް ދެކިފައިނުވާ އަދި ތަޖުރިބާކޮށްފައި ނުވާ ބޮޑު މާލީ ބުރައެކެވެ.
މިއީ ތިބާގެ ވުޖޫދު ތެޅިގަންނާނެ ޙަޤީޤަތެކެވެ. އެއީ 346 ޓްރިލިއަން ޑޮލަރެވެ. އެކަމަކު، އެ ޢަދަދަކީ، ދުނިޔޭގެ ދާޚިލީ އިޤުތިޞާދީ އުފެއްދުންތެރިކަން ނުވަތަ ހަތަވިވަރު، ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ) ތިން ގުނަ އިތުރު ޢަދަދެކެވެ. މާނައަކީ، މުޅި ދުނިޔެއިން ތިން އަހަރު ދުވަހު އެއްވެސް އެއްޗެއް ނުކައި، ނުބޮއި ތިބުމެވެ. އެއްވެސް އެއްޗެއް ނުއުފެއްދުމެވެ. އެއްވެސް ޚަރަދެއް ނުކުރުމެވެ. އޭރުން އެ ބިޔަ، ބޮޑު ދަރަނި ދެއްކިދާނެ ކަން ނޭނގެއެވެ.
އަސްލު ސުވާލަކީ، އަދި މިހާތަނަށް އެއްވެސް މީހަކު ނުކުރާ ސުވާލެކެވެ. އެންމެން، އާދެ ދުނިޔޭގެ ހުރިހާ ޤައުމުތައް ދަރަނިވެރި ވެއްޖެނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އޭރުން، ލޯނު ދޭނީ ކާކު ހެއްޔެވެ؟ ދުނިޔޭގެ ޤައުމުތައް 346 ޓްރިލިއަން ޑޮލަރުން ދަރަނިވެރި ވެފައިވާއިރު، ކޮންމެވެސް މީހެއްގެ އަތުގައި 346 ޓްރިލިއަން ޑޮލަރުގެ މުދާ ނުވަތަ އެސެޓްސް ހުންނާނެއެވެ.
އެއީ ކާކު ހެއްޔެވެ؟ އެ ކުޅިގަނޑަކީ އާދައިގެ ކުޅިގަނޑެއް ނޫނެވެ. އެއީ ބާރާއި ބެހޭ ކުޅިގަނޑެކެވެ. އަހުރެމެންނަށް ދަސްކޮށް ދީފައިވަނީ ދަރަންޏަކީ އާދައިގެ ކަމެއް ކަމުގައެވެ. ބޭންކުން ނުވަތަ މާލީ އިދާރާއަކުން ދަރަންޏަށް ފައިސާ ނަގާށެވެ. އަދި ފަހުން ސޫދު ނުވަތަ އިންޓަރެސްޓާއެކު، އަނބުރާ ދައްކާށެވެ. އެހިސާބުން މައްސަލަ ނިމުނީއެވެ.
އެކަމަކު، ޙަޤީޤަތަކީ މުޅިން ތަފާތު އެއްޗެކެވެ؟ މި ޒަމާނުގެ ރައުސްމާލީ ނިޒާމުގައި، ހަމައެކަނި ދަރަނި ނަގަނީއެއް ނޫނެވެ. ދަރަނި އުފައްދަނީއެވެ. ދަރަނި ނަގަން މަޖުބޫރު ކުރުވަނީއެވެ. ދަރަންޏާ ނުލައި ނޫޅެވޭ ވަރު ކޮށްލަނީއެވެ. އެވަގުތު ކޮޅަކީ ފައިސާ ވިއްސާ ނުވަތަ އުފައްދާ ވަގުތުކޮޅެވެ.
ޙުކޫމަތަކުން ނުވަތަ ސަރުކާރަކުން ދަރަނި ނަގާއިރު، މާލީ އިދާރާތަކުން ހަމައެކަނި ލޯނުގެ ގޮތުގައި ފައިސާ ދެނީއެއް ނޫނެވެ. ފައިސާ އުފައްދަނީއެވެ. އެންމެ ކްލިކެވެ. އެންމެ އެންޓްރީއެކެވެ. އަދި، އެ ޙުކޫމަތެއްގެ އެކައުންޓަށް ބިލިއަން ޑޮލަރު ޖަމާކުރެވެއެވެ. އެކަމަކު، އެހިސާބުން އަސްލު ކުޅިވަރު ފެށެއެވެ. އަދި ފައިސާ ވިހަން ފަށައެވެ. އެގޮތުން، ސޫދު ނުވަތަ އިންޓަރެސްޓް ނަގަން ފެށެއެވެ.
އަދި އެ ސޫދަކީ، އެއްގޮތަކަށްވެސް އުފެދޭ އެއްޗެއް ނޫނެވެ. އެއީ، ހިސާބުން ޖަހައިލެވޭ މަޅިއެކެވެ. މިސާލަކަށް، ސަރުކާރަކުން 5 އިންސައްތަ ސޫދުގައި އަނބުރާ ދައްކާގޮތަށް ދަރަންޏަށް ނެގީ 1 ޓްރިލިއަން ޑޮލަރެވެ. އޭގެމާނައަކީ، 1 ޓްރިލިއަން ޑޮލަރުގެ ދަރަނީގެ ސޫދުގެ ގޮތުގައި، ކޮންމެ އަހަރަކު 50 ބިލިއަން ޑޮލަރު ދައްކަން ޖެހުމެވެ.
އެކަމަކު، ނިޒާމުން ފެންނަން އޮތީ 1 ޓްރިލިއަން ޑޮލަރުގެ ދަރަންޏެކެވެ. އެހެންވީމަ ކޮންމެ އަހަރަކު ސޫދުގެ ގޮތުގައި ދައްކާ 50 ބިލިއަން ޑޮލަރު ހޯދާނީ ކޮންތާކުން ހެއްޔެވެ؟ އެކަމުގައި އޮތީ ދެގޮތެކެވެ. އެއްގޮތަކީ އިތުރަށް ދަރަނި ނެގުމެވެ. ދެވަނަ ގޮތަކީ އާންމުންގެ އަތުން އިތުރަށް ޓެކްސް ނެގުމެވެ. އެހިސާބުންވެސް ދަރަނީގެ ކަންތައްތައް ނިމުނީކީއެއް ނޫނެވެ. ދަރަނި ދާނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން، ބޮޑުވަމުންނެވެ.
އެއީ ދުނިޔޭގެ ބްރެންޓަން ވުޑުސް މާލީ ނިޒާމުގެ އަސްލު ސިއްރެވެ. އެއީ އޮޅުމެއް ނޫނެވެ. އެއީ އެ ނިޒާމު ފަރުމާކޮށްފައިވާ ގޮތެވެ. އެ ނިޒާމުގައި ދަރަނި އަބަދުވެސް ދާނީ އިތުރުވަމުންނެވެ. ސޫދަކަށް ދުވަހަކުވެސް ނިމުމެއް ނާންނާނެއެވެ. އަދި ދަރަނީދޭ ފަރާތުގެ މުއްސަނދިކަން ދާނީ އެއްދުވަހުން އަނެއް ދުވަހަށް މައްޗަށެވެ.
އެހެންވީމާ، މި ހުރިހާ ފައިސާތަކެއް ދަނީ ކޮންތާކަށް ހެއްޔެވެ؟ ޖަވާބަކީ އެހާ ސާދާ ޖަވާބެއް ނޫނެވެ. އެކަމަކު، ޖަވާބު ވަރަށް ސާފެވެ. އެ ފައިސާތައް ދަނީ މަރުކަޒީ ބޭންކުތަކަށާއި، ވުނައިގެ ބޮޑެތި އިދާރާތަކަށާއި، ބޭރުގެ ސަރުކާރުތަކަށާއި، އަދި އިންތިހާއަށް މުއްސަނދި ފަރުދުންގެ އެކައުންޓްތަކަށެވެ. އެކަމަކު، މީގެ އެންމެ ނުރައްކާތެރި ބަޔަކީ މަރުކަޒީ ބޭންކުތަކެވެ. ގިނަމީހުން ހީކުރަނީ ދުނިޔޭގެ ޤައުމުތަކުގެ މަރުކަޒީ ބޭންކުތަކަކީ ސަރުކާރުގެ އިދާރާތަކެއް ކަމުގައެވެ. ހަޤީޤަތުގައި އެއީ މުޅިން ރައްޔިތުންގެ މިލްކުވެރި އިދާރާތަކެއް ނޫނެވެ.
އެއީ، ދުނިޔޭގެ މާލީ ނިޒާމުގެ ތެރޭގައި ހިމެނޭ އިބުރާޒެއް ނުވަތަ ޓޫލްއެކެވެ. ސަރުކާރުތަކުން ދަރަނި ނަގައެވެ. ބޭންކުތަކުން ފައިސާ އުފައްދައެވެ. އަދި، ރައްޔިތުން ސޫދު ދައްކައެވެ. އަދި ފައިދާ މައްޗަށް ދެއެވެ. އެއީ، ހިމޭން ކަމާއެކު ބަދަލުކުރާ ބަދަލުކުރުމެކެވެ. އެއީ، ހަނގުރާމައެއް ނޫނެވެ. އެއީ ވައްކަމެއްވެސް ނޫނެވެ. އެއީ، ހިމޭން ނިޒާމެކެވެ. އެ ނިޒާމުގައި، ގިނަ މީހުން ނުވަތަ މެޖޯރިޓީއަކީ ދަރަނިވެރިންނެވެ. މަދު ބަޔަކީ ނުވަތަ މައިނޯރިޓީއަކީ މިލްކުވެރިންނެވެ.
ދުނިޔޭގެ ޤައުމުތަކުގެ ދަރަނީގެ 80 އިންސައްތައަށް ވުރެ ބޮޑުބައެއްގެ މިލްކުވެރި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ބޮޑެތި މަހުޖަނުންނާއި، ހެޖް ފަންޑުތަކާއި، އަދި ބޮޑެތި ކޯޕަރޭޝަންތަކެވެ. މާނައަކީ ދަރަނި ދޫކޮށްގެން ސޫދުގެ ގޮތުގައި ފައިސާ ހޯދައިގެން މުއްސަނދި ވަނީ އެފަރާތްތަކެވެ. އޭގެތެރޭގައި، ރޮތުސްޗައިލްޑް، ރޮކްފެލާރސް، ބްލެކްރޮކް، ވެންގާޑު، ސްޓޭޓް ސްޓްރީޓް ގްލޯބަލް އެޑްވައިޒަރސް، ބްރިޖުވޯޓަރ އެސޯސިއޭޓްސް، މޭން ގުރޫޕް އަދި އެލިއޮޓް އިންވެސްޓްމަންޓް މެނޭޖްމަންޓް ހިމެނެއެވެ.
މީގެ ނަތީޖާއަކީ ކޮބާ ހެއްޔެވެ؟ ދުނިޔޭގައި މިހާރު ޤާއިމުކޮށްފައިވާ މާލީ ނިޒާމުން، މުޠާލިބާކުރަނީ ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ދަރަންޏަށެވެ. ސޫދު އުފެއްދުމަކާއި ނުލައި، ސޫދު ނަގައެވެ. އަދި ތަވާޒުނު ގެއްލުވާލައެވެ. އެކަމަކު، އެ ނިޒާމެއް ތާއަބަދަކު ދެމިގެނެއް ނުދާނެއެވެ.
ދެންއޮތީ، އެންމެ ފަހު ސުވާލެވެ. ޙަޤީޤަތަށް ވުރެ ދަރަނި ބޮޑުވެ، އެއާއި އެއްވަރަށް ފައިސާ ލިބުން ހުއްޓިއްޖެއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ދުނިޔޭގެ މާލީ ނިޒާމު އަމިއްލައަށް ރޫޅިގެން ހިނގައި ދާނެ ހެއްޔެވެ؟ ނުވަތަ ފަޅައިގެން ހިނގައިދާނެ ހެއްޔެވެ؟
މި ރިބަވީ ނިޒާމަށް އޮތް ޙައްލަކީ ސީނުކަރައާއި، ރޫސީވިލާތުގައި އާންމުވެފައިވާ އިޝްތިރާކިއްޔަތާއި، އަދި ދުނިޔޭގައި އާންމުވެފައިވާ ރައުސްމާލިއްޔަތެއްވެސް ނޫނެވެ. ޙައްލަކީ ހަމައެކަނި ރިބާއާއި، ނާޖާއިޒު ފައިދާއިން އެއްކިބާވެފައިވާ، އަދި ތަވާޒުނު ހިފެހެއްޓިފައިވާ އިސްލާމްދީނުގެ އިޤުތިޞާދީ ނިޒާމެވެ.






