ހަނގުރާމަތަކުން ކާމިޔާބު ލިބެނީ ހަމައެކަނި ޒަމާނީ ހަތިޔާރު ހުރެގެން ނޫންކަމަށް އީރާނުގެ އައިއާރުޖީސީން ބުނެފިއެވެ.
އައިއާރުޖީސީގެ ތަރުޖަމާނު ބްރިގޭޑިއަރޖެނެރަލް ހުސައުން މޮހެއްބީ ވިދާޅުވީ ޒަމާނީ ހަތިޔާރުތަކުގެ ބަދަލުގައި ދީނީ ޢަޤީދާތަކާއި ރޫޙާނިއްޔަތުގެ ސަބަބުން ވަރުގަދަ އަސްކަރީ ބާރުތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ހިތްވަރު ލިބޭކަމަށެވެ.
ހަމައެކަނި ޒަމާނީ ހަތިޔާރުތަކަށް ބަރޯސާވި މީހުން ވަނީ ރޫހާނީ އަދި ފިކުރީ ބާރު ލިބިފައިވާ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަކޮށް ނާކާމިޔާބު ވެފައިކަން ތާރީޚުން ފެންނަ ކަމަށެވެ.
އިރާނުގެ ސިފައިންނާއި އެހެން ޤައުމުތަކުގެ ސިފައިންގެ ތަފާތަކީ އައިޑެންޓިޓީއާއި ރޫޙާނީ ބާރާއި އިސްލާމީ އަގީދާގެ ސަބަބުން ހަނގުރާމަ ކުރުމުގެ ހިތްވަރާއި އެ ޤާބިލުކަން ލިބިގެންދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާއިން އެގައުމުގެ އެންމެ ފަހުގެ ސާމާނު ހަނގުރާމައިގެ މައިދާނަށް ނެރުނަސް ”އަޅުގަނޑުމެންގެ ރޫޙާނީ ބާރުގެ ސަބަބުން އެމީހުންނާ ކުރިމަތިލާން ފަސްނުޖެހޭ،“ ކަމަށް އޭނާ ވިދާޅުވިއެވެ.






