ދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމެކެވެ. މި ޖަޒީރާގެ ރަށްތައް ކުރިންސުރެ ގުރޫޕް ކުރެވިފައި ވަނީ ޤުދުރަތީގޮތުން އުފެދިފައިވާ އަތޮޅުތަކެއްގެ މައްޗަށެވެ. ކައިރިކައިރީގައި ހުންނަ ޤުދުރަތީ ބައެއް އަތޮޅުތައް އެއް އަތޮޅެއްގެ ގޮތުގައި ޒަމާނުއްސުރެ ބަލަމުން އައިސްފައިވެއެވެ.
ކުރީ ޒަމާނުގައި ސިޔާސީ އަދި އިދާރީ ނިޒާމު ވެސް ހިންގަމުން އައީ މި ޠަބީޢީ ބައިތައް ނުވަތަ އަތޮޅުތަކުގެ މައްޗަށެވެ. އިދާރީގޮތުން ހިންގުން ފަސޭހަކުރުމަށް ޓަކައި ޤުދުރަތީ އަތޮޅުތައް ބައިކުރެވި، އަތޮޅުތަކުގެ އުތުރުބުރިއާއި ދެކުނުބުރި ކިޔަންފެށީ ޤުދުރަތީ ގޮތުން އަތޮޅުތައް ބެހިފައިވާ ނިޒާމާ އެއްގޮތަށް މި ރާއްޖެ ހިންގަމުން އަންނަތާ އެތައް ޒަމާނެއް ވީ ފަހުންނެވެ.
ދިވެހި ތާރީޚުން ފެންނަން އޮތް އެންމެ ދުވަސްވީ އެއް ރަސްކަލަކީ އިސްދޫ ލޯމާފާނާއި ދަނބިދޫ ލޯމާފާނު ލިޔެވުނު ޒަމާނުގައި ދިވެހިރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި އިންނެވި ސިރީ މަހާބަނަރަ މަހާރަދުން (1121-1142) އެވެ. މިއީ އެ ޒަމާނުގައި ދެކުނު އިންޑިއާގެ ބޮޑު ސަރަޙައްދެއްގައާއި ސްރީލަންކާއާއި އިންޑޮނޭޝިއާއާއި މެލޭޝިއާއާ ހަމައަށް އެބައެއްގެ ނުފޫޒާއި ބާރު ފޯރުވަމުން ދިޔަ ޗޯޅާއިން ހިފައިގެން ތިބި ދިވެހިރާއްޖޭގެ އެންމެ އުތުރުގެ ދެ އަތޮޅު މިނިވަންކޮށްދެއްވި ޤައުމީ ބަޠަލެވެ. އޭރު އަދި ދިވެހިރާއްޖެ އިސްލާމެއް ނުވެއެވެ. ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީންކަމުގައި ކަނޑައެޅުއްވީ ނުވަތަ ދިވެހިރާއްޖެ އިސްލާމްވީ 1153 ވަނަ އަހަރުއެވެ.
ކުރީ ޒަމާނުއްސުރެ ”މަލިކައްޑޫ“ ކިޔަނީ ދިވެހިރާއްޖޭގެ ސަރަޙައްދު ބަޔާންކޮށްދިނުމަށެވެ. އެއީ މަލިކުން ފެށިގެން އައްޑޫއަތޮޅާ ހަމައަށެވެ. މިގޮތަށް ކިޔުނު ޒަމާނުގައި މަލިކަު ބަލަނީ ދިވެހިރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އަތޮޅުކަމުގައެވެ. އޭރު ދިވެހިރާއްޖޭަގައި އޮންނަނީ 14 އަތޮޅެވެ. މި އަތޮޅުތަކަިީ؛-
- މަލިކު އަތޮޅު
- ތިލަދުންމަތި
- މިލަދުންމަޑުވަ
- މާޅޮސް މަޑުވަ
- ފާދޫފަރު
- މަހަލު އަތޮޅު
- އަރިއަދޫ އަތޮޅު
- ފެލިދޫ އަތޮޅު
- މުލަކު އަތޮޅު
- ނިލަންދޫ އަތޮޅު
- ކޮޅުމަޑުވަ
- އިސައްދުންމަތި
- ސުވަދިންމަތި
- އައްޑޫ ފުވައްމުލަކު އަތޮޅު
މި އަތޮޅުތަކުގެ ނަންތަކަށް އެކި ދުވަސްވަރު ކުދިކުދި ބަދަލުތައް އައިސްފައިވެއެވެ. މަޑުވަ ނުވަތަ މަޑުލަ އަކީ އަތޮޅެވެ. މިލަދުންމަޑުވަ އަކީ މިލަދުންމަޑުލެވެ. ނުވަތަ މިލަދުންމަޑުލު އަތޮޅެވެ.
ދިވެހިރާއްޖޭގެ އަތޮޅުތަކަށް ނަން ކިޔާފައި ވަނީ އެ އަތޮޅެއްގައި ހިމެނޭ ފާހަގަ ކުރެވޭފަދަ ރަށަކަށް ނިސްބަތްކޮށެވެ. މިލަދުން މަޑުލު ކިޔަނީ އެ އަތޮޅު މިލަދުއަށް ނިސްބަތްކޮށެވެ. ގަދީމީ ޒަމާނުގައި އަތޮޅުތަކަށް ކިޔަމުން ނަންތަކުގެ ތެރޭގައި ހިމެނޭ ފޭދޫފަރަކީ ފަހުން ފާދިއްޕޮޅެވެ. މަހަލު އަތޮޅަކީ މާލެ އަތޮޅެވެ. އިސައްދުންމައްޗަކީ ހައްދުންމައްޗެވެ. ސުވަދިންމައްޗަކީ ހުވަދު އަތޮޅެވެ. އެ ޒަމާނުގައި އައްޑު އަތޮޅާއި ފުވުއްމުލަކު ބަލަނީ އެއް އަތޮޅެއްގެ ގޮތުގައެވެ






