މާލެ އަތޮޅު ގިރިފުށްޓަކީ ސިފައިންނަށް ޒަމާނީ އަސްކަރީ ތަމްރީނުތައް މަރުކަޒީ ފެންވަރުގައި ދޭންފެށި ފުރަތަމަ އަސްކަރީ ބޫޓް ކޭމްޕެވެ. އޭގެ ކުރިން ދޫނިދޫއާއި ވިލިގިލީގައި ސިފައިން ބަޑިމުބާރާތް ބާއްވައި ސިފައިންނަށް ”ސިފަކަން“ ނުވަތަ ޕެރޭޑު ދަސްކޮށްދީ ހެދިއެވެ. ނަމަވެސް ދިވެހި ސިފައިންނަށް މި ޒަމާނުގެ އަސްކަރީ ތަމްރީނުތައް ދޭން އެންމެ ފުރަތަމަ ބިނާކުރި އަސްކަރީ މަރުކަޒަކަށް ވެގެން ދިޔައީ މާލެ އަތޮޅު ގިރިފުށްޓެވެ. އެއީ ކުރިން ސަރުކާރުން ވަރުވާއަށް ދޫކުރަމުން ގެންދެވި ފަޅުރަށެކެވެ.
ސިފައިންނަށް ތަމްރީނުދޭ ރަށެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން ސިފައިންނަށް ގިރިފުށި ދެއްވީ 1979 ވަނަ އަހަރުގެ އެޕްރީލްމަހުގެ 1 ވަނަ ދުވަހުއެވެ. މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީއާ ގިރިފުށި ހަވާލު ކުރެއްވުމުން އެ ރަށް ބެލެހެއްޓުމަށްޓަކައި އެ ރަށުގެ ރަށްވެރިއެއްގެ ގޮތުން ބޭކަލަކު ހަމަޖެއްސެވިއެވެ. އެއީ ހއ.ދިއްދޫ، ސްޕޮޓްލައިޓް މުޙައްމަދު އާދަމެވެ.
ގިރިފުށްޓަށް ސިފައިން ގޮސް އެންމެ ފުރަތަމަ ކުރި މަސައްކަތަކީ ރަށް ދިއްލުމާއި ބަޑިފަސްގަޑު (ރޭންޖު) ހެދުމުގެ މަސައްކަތެވެ. އެއަށްފަހު ބޭނުންވާ އިމާރާތްތައް ގިރިފުށީގައި ކުރަންފެށިއެވެ. ގިރިފުށީގައި ބަޑިޖެހޭވަރަށް ބަޑިފަސްގަނޑު ހެދުމަށްފަހު 1982 ވަނަ އަހަރުގެ ސިފައިންގެ ބަޑި މުބާރާތް އެރަށުގައި ބޭއްވިއެވެ. އޭރުވެސް އެ ރަށް އަސްކަރީ ތަމްތީނު މަރުކަޒަކަށް ހެދުމުގެ ބުރަ މަސައްކަތް ކުރިއަށް ދިޔައެވެ.
ގިރިފުށީގައި ރާނާ ސަރަހައްދުތަކަށް ވެލި ގެންދިއުމާއި މަސައްކަތްކުރާ ސަރަހައްދަށް ސިމެންތި ޖަމާ ކުރުމުގެ މަސައްކަތް ކުރީ ސިފައިންނެވެ. އޭރު އެންމެ ބޮޑު ކަމަކަށްވީ މަސައްކަތު މީހުންނަށް ބޭނުންވާ ބޯފެން ހިންމަފުށްޓާއި ހުރާއިން ގެނައުމެވެ. އެ މަސައްކަތް ވެސް ކުރީ ސިފައިންނެވެ. މި މަސައްކަތްތައް ކުރީ ގިރިފުށްޓަށް ފޮނުވާފައި ތިބޭ ސިފައިންނެވެ.
ގިރިފުށި ބިނާކުރަމުން ދިޔައީ އެ ޒަމާނުގައި ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް އަލަށް އަސްކަރިއްޔާއަށް ވަންނަ ރެކްރޫޓުންނަށް އަސާސީ އަސްކަރީ ތަމްރީނުތައް ދޭ މަރުކަޒެއްގެ ގޮތުގައެވެ. ނުވަތަ އަސްކަރީ ބޫޓް ކޭމްޕެއްގެ ގޮތުގައެވެ. ސިފައިންގެ ތަމްރީނުތަކަށް ބޭނުންވާނޭ އިމާރާތްތަކާއި ވަސީލަތްތައް ހެދުމަށްފަހު ”ގިރިފުށީ ޓްރޭނިންގ ކޭމްޕް“ ހުޅުވީ 1986 ޖޫން 6ވަނަ ދުވަހުއެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން މިލިޓަރީ ޓްރޭނިންގ ސެކްޝަން އުފެދުމާ ގުޅިގެން ގިރިފުށި ޓްރޭނިންގ ކޭމްޕުގެ ނަން ”ގިރިފުށި ޓްރޭނިންގ ސެންޓަރ“ގެ ނަމަށް ބަދަލުކުރެއްވިއެވެ. ތަމްރީނު މަރުކަޒެއްގެ ގޮތުގައި ގިރުފުށީ ޓްރޭނިންގ ސެންޓަރު ތަރައްޤީކޮށް، ތަމްރީނާ ބެހޭ އެންމެހައި ކަންތައްތައް ކުރިއަށް ގެންދިޔައީ އޭރުގެ މޭޖަރ މުޙައްމަދު ޒާހިރުގެ ބެއްލެވުމުގެ ދަށުންނެވެ. ޓްރޭނިންގ ސެކްޝަން ގެ ފުރަތަމަ ކޮމާންޑިންގ އޮފިސަރަކީ ވެސް އެ މަނިކުފާނެވެ. އެއީ ފަހުން ނިޝާން އަސްކަރީގެ ވެރިޔާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޒާހިރެވެ.
ގިރިފުށި އަސްކަރީ ތަމްރީނު މަރުކަޒަކަށް ބަދަލުކުރުމަށްފަހު އެންމެ ފުރަތަމަ ހިންގީ ސިފައިންގެ އަސާސީ ތަމްރީނު ކޯހެކެވެ. މި ކޯހުން 1 ވަނަ ޙާޞިލުކުރީ ޕްރައިވެޓް މުޙައްމަދު ޖަމީލު (އޭދަފުށި) އެވެ. 2 ވަނަ ޙާޞިލުކުރީ ޕްރައިވެޓް ޢަބުދުލްމަންނާނު (ކެލާ) އެވެ. 3 ވަނަ ޙާޞިލުކުރީ ޕްރައިވެޓް މުޙައްމަދު ޢަލީއެވެ. މި ބެޗުގައި 16 ސިފައިން ބައިވެރިވެ ތަމްރީނު ހެދިއެވެ. މި ބެޗުގެ މުދައްރިބުން (އިންސްޓްރަކްޓަރުން) ގެ ގޮތުގައި މަސައްކަތް ކުރެއްވީ ނިޝާން އަސްކަރީގެ ވެރިޔާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލާއި، ކާނަލް (ރިޓަޔަރޑް) އާދަމް މުޙައްމަދު މަނިކު (ބިލާލް) އާއި، އޭރުގެ ލެފްޓިނަންޓް އަމީން ފައިޞަލާއި، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޝަރީފް (ދޮންނަ) އަދި ބަނޑިދޫ އަބުދުއްރަޙީމެވެ. 1988ޢުދުވާނީ ހަމަލާގައި ޝަހީދުވި ތ. ދިޔަމިގިލީ ޝަހީދު ކޯޕްރަލް މުޙައްމަދު ޙަސަނަކީ މި ބެޗުގައި ތަމްރީނު ހެއްދެވި ބޭކަލެކެވެ.
ސިފައިންގޭގައި ހިންގި ދެވަނަ ޓާސްކް ފޯސް ޓްރޭނިންގ ބެޗު ވެސް 1986 ވަނަ އަހަރު ހިންގީ ގިރިފުށީގައެވެ. މި މިބެޗުގައި ތަމްރީނު ކުރެވުނީ 16 ސިފައިންނެވެ. 1988 ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ޝަހީދު ކޯޕްރަލް ޙުސައިން އާދަމާއި ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހައިރަކީ މި ކޯހުގައި ތަމްރީނު ހެއްދެވި ދެ ބޭކަލުންނެވެ.






