އިންތިޒާރު (ހަތްވަނަ ބައި)

ޝިޔާމާ އަޙްމަދު (ސިޔައްތަ)
ޖޫން 24, 2026

އެހިނދު ސާއިދު އަވަސްވެގަތީ އެތަނުން ދުރަށް ދިޔުމަށެވެ. ސާއިދު ހިނގައިގަތުމަށް އެޅި ފިޔަވަޅު ކުއްލިޔަކަށް ހުއްޓުނީ މަޑުމައިތިރި އަޑަކުން ސާރާ ކޮށްލި ސުވާލުންނެވެ. ”ދަނީތަ؟“ އާނއެކެވެ. ސާރާއާއި ދުރުގައި ހުރެގެން އޭނާއާއި ވާހަކަ ދެއްކުމުގެ ހިތްވަރު ސާއިދުއަށް ލިބުނެއް ކަމަކު، ކުރިމައްޗަށް އައިސް ހުއްޓުމުން ނުލިބޭނެކަން ސާއިދުއަށް ކުރިންވެސް އެނގެއެވެ. ކަންވީވެސް އެހެންނެވެ. އެގޮތުން މިއަދު ސާއިދު ހިމެނިގެން އެދަނީ ފިނޑިންގެ ލިސްޓުގައެވެ. އެހެނީ ސާރާގެ އެ ކުޑަކުޑަ ސުވާލަށް ޖަވާބެއް ދިނުމުގެ ހިތްވަރެއްވެސް ސާއިދުއަކަށް ނުލިބުނެވެ. އެހެނެއްކަމަކު، މަޑުމައިތިރި ކަމާއިއެކީ ސާރާއާއި ދިމާއަށް ބަލައިލުމާއިއެކު އޭނާގެ ބައްޕައާއި ދިމާއަށް ސާއިދު ބަލައިލިއެވެ. ހަމައެއާއިއެކު، އެތަނުން ދުރަށް ޖެހިލުމަށް އިތުރު ވަޤުތެއްވެސް ނުނެގިއެވެ. އެހެންނަމަވެސް ސާރާއާއި ހަތަރުކަޅި ހަމަކޮށްނުލާ ދިޔުމަކީ ސާއިދުއަށް ކުރެވޭ ވަރުގެ ކަމަކަށް ނުވިއެވެ. ހަމައެހެންމެ ސާއިދުގެ އެ ބަލައިލުމުގައިވާ މާނަވެސް ސާރާއަށް ވިސްނުނު ކަހަލައެވެ. ސާއިދުގެ އެ ބެލުމުގައިވާ އޯގާތެރި ކަމެވެ. އެހެންމީހުންގެ ކުރިމަތީގައި އޭނާގެ އަގު ހިފެހެއްޓުމުގެ ޢަޒުމެވެ. އޭނާގެ ބައްޕައަށްޓަކާ ކުރި އިހުތިރާމެވެ. އެހުރިހާ އެއްޗެއްވެސް ސާރާއަށް ވިސްނުނު ކަހަލައެވެ. އެހެނީ އެއަށްފަހު ސާއިދުއާއި  އިތުރު އެއްވެސް ސުވާލެއް ކުރާކަށް ސާރާވެސް އެވަޤުތަކު ގަސްތެއް ނުކުރިއެވެ. ސާއިދު މަޑުމަޑުން ހިނގާލާފައި ގޮސް ހުއްޓުނީ އޭނާގެ މަންމަ ކައިރިއަށެވެ. އޭރުވެސް ސާއިދުގެ ބައްޕަވެސް އެތަނުގައި އިށީންދެލައިގެން އިނެވެ. ސާއިދު އެހިސާބަށް ހުއްޓުމުން ބައްޕަ، ސާއިދުއާއި ދިމާއަށް ބަލައިލިއެވެ. ހަމަ އެހެންމެ ސާރާއާއި ދިމާއަށްވެސް ހަމައެފަދައިން ބަލައިލިއެވެ. އެވަޤުތު އިތުރު އެއްޗެއް ނުބުންޏެއް ކަމަކު، ލައްކަ ވާހަކަ ދައްކަން ބޭނުންވާކަން ސާއިދުއަށް ދޭހަވިއެވެ. އެހިނދު އިސްދަށަށް ޖަހާލުން ފިޔަވާ އިތުރު އެއްވެސް ކަމެއް ސާއިދުއަކަށް ނުކުރެވުނެވެ.

ކުޑައިރުކޮޅެއްފަހުން އެތަނަށް އައި ނަރުސްކުއްޖާ ސާއިދުއަށް ގޮވާލިއެވެ. އަދި ލޯންޗު ތައްޔާރުވުމަށް އަދި ކުޑަ ވަޤުތުކޮޅެއް ނަގާނެ ކަމަށް ބުންޏެވެ. ހަމައެއާއިއެކު، މިހާރު ސާއިދު މަންމަގެ ޙާލަތުވެސް ކުރިޔަށްވުރެ ރަނގަޅު ކަމަށް ބުންޏެވެ. ސާއިދުއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އެހެނީ އޭނާގެ ހުރިހާވެސް ބަޔަކީ، އޭނާގެ މައިންބަފައިންނެވެ. ނިކަމެތި ޢާއިލާއަކަށް ވިޔަސް، އޭނާ ބޮޑުކުރުމުގައި އެ ނިކަމެތި ކަމުގެ އިޙުސާސް ވިޔަކަ ނުދެއެވެ. އެހެނީ އެދެމަފިރިންގެ ފަރާތުން ސާއިދުއަށް ފުރިހަމަ ލޯތްބާއި އަޅާލުން ލިބުނެވެ. ބޭނުންވި ހުރިހާ އެއްޗެއްވެސް ބުނުމަކާއިނުލާ ހޯދައިދިނެވެ. ވީއިރު އޭނާގެ މަންމަ އޭނާއާއި ދުރަށް ދިޔުމަކަށް ނޭދެވޭނެތާއެވެ. އެކަހަލަ ވިސްނުމެއްގައި ސާއިދު ހުއްޓާ، އޭނާގެ ބައްޕަ މަޑުމަޑުން ތެދުވެގެން އައިސް، ނޫންގޮތަކަށް އިޝާރާތް ކޮށްލާފައި އެތަނުން ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ހަމައެއާއިއެކު، ސާއިދުވެސް އޭނާގެ ބައްޕަގެ ފަހަތުން ހިނގައިގަތެވެ. ކިޔަމަންތެރި ދަރިއެއް ފަދައިންނެވެ. ”ބައްޕަޔަށް މި ފެންނަނީ ކޮންކަހަލަ މަންޒަރުތަކެއްތަ؟“ ބައްޕަގެ ސުވާލުން ސާއިދު ކަންބޮޑުވާ ގޮތްވިއެވެ. ”ކޮން.. ކޮން މަންޒަރެއް ބައްޕާ؟“ ވަރަށް ކަންބޮޑުވެ ހުރެ، ސާއިދު އޭނާގެ ބައްޕައާއި ސުވާލު ކޮށްލިއެވެ. ބައްޕައަށް އަނެއްކާ ކޮންގޮތަކަށް ހީވީބާއެވެ؟ ސާރާއާއި ދެމެދުގައި އޮތީ ކޮންމެކަހަލަ ގުޅުމަކަށް ވިޔަސް ހަމަގައިމުވެސް އަދިއެއް ބައްޕައަށް އެކަން އެނގޭކަށް ސާއިދު ބޭނުމެއް ނޫނެވެ. އެހިނދު ސާއިދުގެ ހިތުގައި ޒާތެއްގެ ބިރުވެރިކަމެއްވެސް އުފެދިގެން ދިޔައެވެ. ”ބައްޕަ މިބުނީ ސާރާ ކައިރީގަ، މާގާތުގަ ވާހަކަ ދައްކަން ހުރިތަން ފެނުނީމަ އެވާހަކަ. ސާރާގެ ފަރާތަކުންވެސް އެއްވެސް ކަހަލަ ނުރުހުމެއް ފެންނާކަށް ނެތްވިއްޔަ.“ ބައްޕަގެ ޖަވާބު އަޑު އިވުމާއިއެކު، ސާއިދުއަށް މަޑުމަޑުން އިސްދަށަށް ޖަހާލުން ފިޔަވާ އިތުރު އެއްވެސް ކަމެއް ނުކުރެވުނެވެ. ”ބައްޕަ ތި ހީކުރާ ކަހަލަ އެއްވެސް ކަމެއް ނެތް. އެކަމަކު..“ ”އެކަމަކު ކޯޗެއް؟“ ސާއިދުގެ ދެވަނަ ޖުމުލަ ނުނިމެނީސް ހަސަން ވަޙީދު އަނެއްކާވެސް ސުވާލު ކޮށްލިއެވެ. ސާއިދު ބުނާ އެއްޗެއް ބުނެ ނިމެންދެން ކެތް ނުކުރެވުނު ކަހަލައެވެ. ހަސަން ވަޙީދުގެ އަޑުގައި ނުރުހުމުގެ ރާގު ހުރިކަންވެސް ސާއިދުއަށް ފާހަގަވިއެވެ. އެއީ ސާއިދުގެ ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔަ ސަބަބެކެވެ. ”ބައްޕާ، އަހަރެންނާ ސާރާއަކީ މިހާރު ދެ ރައްޓެހިން.“ ސާއިދު ޖަވާބު ދެމުން ގެންދިޔައިރުވެސް އޭނާއަށް ހުރެވުނީ، އިސްދަށަށް ޖަހައިގެންނެވެ.

ދެބަފައިންގެ ވާހަކަ އެހާ ހިސާބަށް ދިޔަތަނާ، ނަރުސް ކުއްޖަކު އައިސް ސާއިދުގެ މަންމަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔުމުގެ ހުރިހާކަމެއް ހަމަޖެހިއްޖެ ކަމަށް ބުންޏެވެ. އެވަޤުތު ދެބަފައިން ދައްކަމުން ގެންދިޔަ ވާހަކަ މެދުކަނޑާލަން މަޖުބޫރު ވީކަހަލައެވެ. އެހެނީ ސާއިދުއަށްވުރެ ކުރިން މަރިޔަމްފުޅާއި ދިމާއަށް ހިނގައިގަތީ ސާއިދުގެ ބައްޕަ ޙަސަން ވަޙީދެވެ. ބައްޕަގެ ފަހަތުން ސާއިދުވެސް ހިނގައިގަތެވެ. އެހެންނަމަވެސް ކުޑަ ވަޤުތުކޮޅަކު އެތަނުގައި އޭނާ މަޑުކޮށްލިއެވެ. ހިނގައިގަންނަމުން ސާއިދުއަށް، ސާރާއާއި ދިމާއަށް ބަލައިލެވުނެވެ. އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އޭރު ސާރާވެސް ހުރީ ސާއިދުއާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އާނއެކެވެ. ދެބަފައިން ދުރުގައި ތިބެގެން ދެއްކި ހުރިހާ ވާހަކަތެކެއް ދައްކަން ތިބި މަންޒަރު ބަލަން އެހުރިހާ ވަޤުތު ސާރާ ދުރުގައި ހުއްޓެވެ. ސާއިދުގެ މޫނުމަތިން ފެންނަން ހުރި ކަންބޮޑުވުމަކީ ސާރާގެ ހިތުގައިވެސް ކަންބޮޑުވުން އިތުރުކުރުވި ސަބަބެކެވެ. ދެމީހުންގެ މެދުގައި ޤާއިމުވެގެންދާ ބަދަހި ގުޅުމުގެ ފަހަތުގައިވާ އަސްލު މަޤްޞަދު ސާއިދުއަށް ނޭންގުނު ކަމުގައިވިޔަސް، އެއްވެސް ޙާލެއްގައި އެގުޅުން ދެން ކެނޑިގެން ދާކަށް ސާއިދު ބޭނުމެއް ނޫނެވެ. އެހެނެއް ކަމަކު، ކުރިޔަށް ދާން ޖެހޭނީ ވަރަށް ބޮޑަށް ވިސްނައިގެންކަންވެސް ސާއިދުއަށް ޤަބޫލުކުރެވެއެވެ. އޭނާގެ މައިންބަފައިންގެ ނުރުހުމުގައި އެކަހަލަ އެއްވެސް ކަމެއް ކުރަން ބޭނުންވާތީއެއް ނޫނެވެ. މި ދަނޑިވަޅަކީ އެފަދަ ކަމަކާމެދު ވިސްނަން އަދި އެހާ ރަނގަޅު ދަނޑިވަޅެއް ނޫންކަންވެސް ވިސްނޭތީވެސް މެއެވެ. ހަމައެއާއިއެކު ސާރާގެ ހިތުގައި މިހާރު އުފެދިފައިވާ ކަންބޮޑުވުމަށް ކުޑަނަމަވެސް ލުޔެއް ލިބޭނެގޮތަކާއިމެދު ސާއިދު ވިސްނާލިއެވެ. އަދި މަޑުމަޑުން ފޯނު ނަގާފައި ސާރާއަށް މެސެޖެއް ކޮށްލިއެވެ. ވަރަށް ސިއްރިއްޔާތުގައެވެ. ”އަހަރެންމެންނަށް ދެވުނީމަ ހަމަޖެހިލައިގެން ގުޅާނަން އިނގޭ.“ ސާއިދުގެ މެސެޖަށް ސާރާ ޖަވާބު ދިނީ، އެންމެ ރަނގަޅުކަމަށް ބުނެއެވެ.

މަންމަ ގޮވައިގެން ލޯންޗު ނައްޓާލިތާ ވިއްސަކަށް މިނެޓުގެ ތެރޭގައި އަތޮޅު ހޮސްޕިޓަލް ހުންނަ ރަށަށް ދެވިއްޖެއެވެ. ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދެއްކުމުގެ ކަންކަންވެސް ހަމަޖެހި، ހުރިހާ ޓެސްޓުތަކެއްވެސް ވަރަށް އަވަހަށް ހަދާ ނިމިއްޖެއެވެ. ރަށުންވެސް ބުނި ފަދައިން ސާއިދުގެ މަންމަ، މަރިޔަމްފުޅަށް ޖެހުނީ ސްޓްރޯކެކެވެ. އެހެންނަމަވެސް މާބޮޑަށް ކަންބޮޑުވާންޖެހޭ ހިސާބަކަށް އެއްވެސް ކަމެއް ނުދެއެވެ. އެހެނީ ފުރިހަމަ ފަރުވާ ލިބިއްޖެނަމަ މަރިޔަމްފުޅު ވަރަށް އަވަހަށް ހަމައަކަށް އެޅޭނެކަމަށް ޑޮކްޓަރު ބުނުއްވިއެވެ. ދެބަފައިންނަށްވެސް ހަމަޖެހުމުގެ ނާވާއެއް ލެވުނީ އެހިސާބުންނެވެ. މަރިޔަމްފުޅުގެ ޙާލަތު މިހާރު ރަނގަޅު ކަމުގައި ވީނަމަވެސް އަދި އިތުރަށް ބަލަން ހުރި ބައެއް ކަންކަން ހުރީތީ، ދެދުވަހެއްވަރު ހޮސްޕިޓަލުގައި އެނދުމަތި ކުރަންޖެހޭނެ ކަމަށް ޑޮކްޓަރ ލަފާދެއްވިއެވެ. އެހެންކަމުން އެހުރިހާ ކަމެއް ނިންމާލުމަށްފަހު ސާއިދު ދިޔައީ ސައިތައްޓެއް ބޯލުމުގެ ބޭނުމުގައި ހޮސްޕިޓަލުން ބޭރަށެވެ. އޭނާގެ ބައްޕަ ބޭނުންވީ އިހަށް ކުޑައިރުކޮޅަކު މަރިޔަމްފުޅު ކައިރީގައި މަޑުކޮށްލާށެވެ. ސާއިދު އެގޮތަށް އެއްބަސްވީ ސާރާއަށް ގުޅާލަން ބުނެވިފައި އޮތުމާއިވެސް އެކުގައެވެ. އެހެނީ އޭނާގެ ބައްޕައާއި ދުރަށް ޖެހިލައިގެން ނޫނީ ހަމަޖެހިލައިގެން އެކަން ނުކުރެވޭނެކަން ސާއިދުއަށް އެނގެއެވެ. މަޑުމަޑުން ހިނގާލާފައި ގޮސް ހޮސްޕިޓަލުގެ ގޯތި ތެރޭގައި ހަދާފައިވާ، ކުޑާ ޕާކެއްގެ ގޮނޑިއެއްގައި ސާއިދު އިށީންދެލިއެވެ. ޖީބުން މޯބައިލް ފޯނު ނަގާ، ވަރަށް ޖެހިލުންވެ އިނދެ ސާރާއަށް ގުޅާލިއެވެ. އެހެނީ މިއީ ސާއިދު އިސްވެ ސާރާއަށް ގުޅާ ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން ފޯނުގެ ރަނގަބީލުގެ އަޑު، ސާއިދުގެ ކަންފަތުގައި ޖެހުނެއްކަމަކު، އެއަޑަށް ސާރާ އިޖާބައެއް ނުދިނެވެ. އެހެނީ ފޯނުގެ އަޑު ކެނޑުނުއިރުވެސް ސާރާ ފޯނެއް ނުނެގިއެވެ. ސާއިދުގެ ހިތަށް ވެރިވީ ބުނެދޭން ނޭންގޭ ކަހަލަ މާޔޫސްކަމެކެވެ. އާނއެކެވެ. އޭނާގެ މަންމަގެ ބަލިޙާލާއިމެދު ކަންބޮޑުވެ ހުރެ ރަށުން ފުރައިގެން އައެއްކަމަކު، ބަދަހިވަމުންދާ ސާރާގެ ގުޅުމަށް ހީނަރުކަމެއް އައުމަކަށްވެސް ސާއިދު ނޭދެއެވެ. އެހެނީ އެއީ އެތައް އަހަރުތަކެއްގެ އިންތިޒާރެކެވެ. އަދި އަދަށް ދާންދެންވެސް ސާއިދު އެއަންނަނީ ސާރާއަށްޓަކާ އިންތިޒާރު ކުރަމުންނެވެ. އުންމީދުގެ ހުޅުކޮޅު މިހާރު އެހުރީ ދިއްލިފައެވެ. ވީއިރުއެހުޅުކޮޅުގެ އަލިން އޭނާގެ ޙަޔާތަށް އުޖާލާކަމެއް ނުލިބި،  ނިވިއްޖެނަމަ، ސާއިދުގެ މުޅި ހަޔާތަށް އަނދިރިކަން ވެރިވާނެކަމަށް އޭނާއަށް ޤަބޫލުކުރެވެއެވެ. ކޮންމެއަކަސް މާޔޫސްވެފައިވާ ހިތަކައިގެން އޭނާގެ މަންމަ ކައިރިޔަށް ދިޔުމަށް ހިނގައިގަތެވެ. އެވަޤުތު ސާއިދު ކުއްލިޔަކަށް ސިއްސައިގެން ދިޔައީ ޖީބުގައި އޮތް ފޯނުގެ ރަނގަބީލުގެ އަޑަށެވެ. އަވަސްއަވަހަށް ތެޅިގެންފައި ފޯނު ނަގާ އޭގެ ސްކްރީނަށް ބަލައިލިއެވެ. އޭނާގެ މޭ ބާރަށް ތެޅެން ފެށިއެވެ. ސާރާ މިއޮއް ގުޅަނީއެވެ. ސާއިދު އަނެއްކާވެސް ގޮސް އިށީންދެލީ އޭނާ ކުރިންވެސް އިށީންދެގެން އިން ގޮނޑީގައެވެ. ހަމަޖެހިލުމުގެ ބޭނުމުގައިވެސް މެއެވެ. ތުރުތުރުއަޅަމުން ދިޔަ އަތުން އެފޯނަށް އިޖާބަށް ދިނުމަށްޓަކާ، ފިތާލިއެވެ. ސާއިދުއަށް އެއްވެސް އެއްޗެކޭ ނުބުނެވި އުޅެނިކޮން، އަނެއްކޮޅުން ސާރާ ވާހަކަ ދައްކަން ފެށިއެވެ. ސާރާ ވަރަށް ބޮޑަށް ހިތްއަވަސް ވެފައި ހުރިކަން، އޭނާގެ އަޑު ކަންފަތުގައި ޖެހުމާއިއެކު، ސާއިދުއަށް އެނގިއްޖެއެވެ. ”އޭ ވަރަށްބޮޑަށް ސޮރީ އިނގޭ، ސާއިދު ގުޅިއިރު އަހަރެން އިނީ ބައްޕަ ކައިރީގަ. އެހެންވެގެން އެގަޑީގަ ފޯނު ނުނެގުނީ. ނަސީބަކުން މާގިނައިރު ނުވަނިސް މަންމަ އަތުވެއްޖެ. އެހެންވެ އަވަސް ކޮށްލައިގެން އަހަރެން އެތަނުން ހަމަ ނިކުތުމާއެކީ މިގުޅީ. ދެން ގުޅާއިރު ސާއިދު ބިޒީވެދާނެތީ.“ އެއްނޭވާއިން ހުރިހާ ވާހަކައެއް ބުނެލާ ނިންމާލިއިރު ސާރާއަށް ހުރީ މައިނޭވާ ލެވިލެވިއެވެ. އެހިނދު ސާއިދުގެ ހިތުގައިވާ ނުތަވަސްކަން އެއްފަހަރުން ފިލައިގެން ދިޔައެވެ. އަދި އިޚްތިޔާރަކާނުލާ ވަރަށް ބާރަށް

ހޭންފެށުނެވެ. އެ ހިނިގަނޑުގެ އަޑު ސާރާގެ ކަންފަތުގައި ޖެހުމާއިއެކީ އޭނާއަށް ކޮންމެވެސް ވަރެއްގެ ލަދުވެތިކަމެއްވެސް އިހުސާސް ކުރެވުނެވެ. އަނެއްކާ އޭނާއަށް ވާހަކަ ދެއްކުނީ ކޮންގޮތަކަށް ބާއެވެ؟ ބުނަން ނުވާއެއްޗެއް ބުނެވުނީބާއެވެ؟ ސާރާ، ހިތާއިހިތުން ސުވާލުކުރަމުން ގެންދިޔައެވެ. ސާއިދުގެ ހިނިގަނޑު މައިތިރި ވުމާއިއެކު، އޭނާއަށްވެސް، ސާރާގެ ޖަވާބަށް އިޖާބަދެވުނު ގޮތާއިމެދު ލަދުވެތިކަން އިހުސާސް ކުރެވުނެވެ. އެހެންނަމަވެސް ސާރާގެ ވާހަކަ ހުރިގޮތުން އެންމެ ކުރީގެ ހަލަބޮލި ސާރާ އޭނާގެ ޚިޔާލަށް އައުމުން އިޚްތިޔާރަކާއި ނުލާ އޭނާގެ ގާތަށް ހިނިއައީ ކަމަށް ސާއިދު ބުންޏެވެ. އަދި އެގޮތަށް ކަންތައް ކުރެވުނީތީ ސާރާގެ ކިބައިން ވަޤުތުން މަޢާފަށް އެދުނެވެ. ”ނޫން، ސާއިދު އަހަރެންނަށް މަޢާފުކުރޭ.“ މިފަހަރު ސާރާގެ އަޑުގައި ހުރީ މޮޅިވެރިކަމެވެ. ”ސާރާ.“ ވަރަށް އޯގާތެރި ގޮތަކަށް ސާއިދު، ސާރާއަށް ގޮވާލިއެވެ. އެ ގޮވާލުމަށް ސާރާ އިޖާބަ ދިނުމުން ސާއިދު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. ”އެއީ އެވަރުގެ ކަމެއް ނޫނޭ. އަހަރެންނަށްވެސް ވިސްނޭ އެކަހަލަ ވަޤުތެއްގަ ސާރާއަށް ކަންތައް ކުރެވޭނީވެސް އެހެންކަން.“ ސާރާގެ އުދާސްކަން ފިލުވައިދެވޭތޯ ސާއިދު މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ސާރާ މަޢާފަށް އެދުނު އަސްލު ސަބަބަކީ އެއީއެއް ނޫނެވެ. ”އަހަރެން ސާއިދުގެ ކިބައިން މަޢާފަށް މިއެދުނީ އެއްގޮތަކަށް ދެންމެގަ ފޯނު ނުނެގިގެންނެއް ނޫން. އެކަމަށްޓަކާވެސް ސޮރީއޭ ބުނެލަން ބޭނުން.“ ”ދެން އެހެންވިއްޔާ ކިހިނެއްވެގެން ތި މަޢާފަށް އެދުނީ؟ އަހަރެންނަކަށް ހިޔެއްނުވޭ ސާރާ އަހަރެންގެ ކިބައިން މަޢާފަށް އެދެންޖެހޭނެ ސަބަބެއް އޮތްހެނެއް.“ ސާއިދު ހުރީ ސުވާލުން ފުރިގެންވާ ފިކުރެއްގެ ތެރޭގައެވެ. ”އަހަރެން ސާއިދުގެ ކިބައިން މަޢާފަށް މި އެދެނީ ވަރަށް ގިނަ ކަންކަމަށް. ސްކޫލު ދައުރުން ފެށިގެންވެސް އަހަރެން ސާއިދާމެދު ކަންތައްތައް ކުރަމުން އައި ކަންކަމަށް. އެކިފަހަރުމަތިން ސާއިދުގެ އަގު ވައްޓާލާ، ލަދުގަންނަވާލަން އަހަރެން ކޮށްފައިވާ ދަށު ދަރަޖައިގެ މަސައްކަތްތަކަށް. މިހެންގޮސް އެތައް ކަމަކަށް.“ ސާރާގެ ވާހަކަތައް އަޑުއިވިފާ، ސާއިދު އަމިއްލަ ނަފުސަށްވެސް ލަދުވެތިކަން އިހުސާސް ކުރެވުނެވެ. އެހެނީ ސާރާގެ ހިތާއި ނަފްސުގައި އުފެދޭ ކޮންމެ އިހުސާސަކީ، ސާއިދުގެވެސް ހިތަށް އަސަރުކުރުވާ ކަމަކަށް ވާތީއެވެ.  ”ސާރާ އެއްގޮތަކަށްވެސް ތިހެން ހީނުކުރޭ. ޙަޤީޤަތަށް ބުނަންޏާ ތިއިން އެއްވެސް ކަމެއް އަހަރެން ހަނދާނެއްވެސް ނެތް. އެއަށްވުރެ މާބޮޑަށް އަހަރެން ސާރާ….“ ސާއިދު އެންމެ ފަހުން ބުނި ޖުމުލަ މެދުކެނޑުނީ ކީއްވެގެން ކަމެއް ސާރާއަކަށް ނޭންގުނެވެ. އެހެންނަމަވެސް އެ ޖުމުލަ ފުރިހަމަކުރި ނަމަ، ސާއިދުގެ ހިތުގައި ސާރާއަށްޓަކާ އޮތް އިހުސާސްތައް ވަރަށް ރަނގަޅަށް އެނގުނީސް ކަމުގައި ސާރާއަށް ޤަބޫލުކުރެވުނެވެ. އެހެންކަމުން ސާއިދުގެ ދުލުން އެޖުމުލަ ފުރިހަމަ ކުރުވަން ސާރާ ބޭނުންވި ކަހަލައެވެ. ”އަހަރެން ސާރާ…!؟ ކިހިނެއްވީ ޖުމުލަ ފުރިހަމަ ނުކުރެވުނީ؟ އަނެއްކާ އަހަރެންގެ ރަޙުމަތްތެރިކަން ސާއިދުއަށް ކަމުނުދަނީތަ؟“ ”ނޫނޭ، އެއްގޮތަކަށްވެސް އެހެންނެއް ނޫން. ސާރާގެ ރަޙުމަތްތެރިކަމަށްވުރެ ބޮޑަށް އަހަރެން ބޭނުންވާނެ އެއްވެސް އެއްޗެއް ނޯންނާނެ. ސާރާ އަހަރެންނާ ހިތުން ރުހުމުން ވާހަކަދައްކާލުންވެސް އެއީ އަހަރެންނަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް. ސާރާއަކަށް ނޭންގޭނެ އަހަރެން މިދުވަސް ދެކެން ބޭނުންވެގެން ދުޢާކުރީ ކިހާ ވަރަކަށް ކަމެއް…“ ސާއިދުގެ ވާހަކަ އެހާ ހިސާބަށް ދިޔައިރު އޭނާގެ އަޑުގައި ހުރި ކުރަކިކަން ސާރާއަށް ފާހަގަ ވިއެވެ. ”ސާއިދު ރޮނީތަ؟“ ސާއިދު ހިންދިރުވާލާފައި އަނެއްކާވެސް އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. ”ވެދާނެ ތަންކޮޅެއް ޖަޒުބާތީ ވެވުނީ ކަމަށް. ދެން އެންމެ ރަނގަޅު ދެމީހުންގެ ވާހަކައިގަ މިހާ ގިނައިރު ވެގެން ދިޔައިރުވެސް އަހަރެން އަދިވެސް ސާރާގެ ބައްޕަގެ ޙާލު އަހައެއް ނުލަންދޯ. ކޮބާ މިހާރު ބައްޕަ ކިހިނެއްތަ؟“ ސާއިދުގެ އަސްލު މަޤްޞަދަކީ އޭނާ އަމިއްލައަށް ބޭޒާރު ނުވުންކަން ސާރާއަށް އެނގުނެވެ. އެހެންކަމުން ސާއިދު ކުރި ސުވާލުގެ ޖަވާބު ސާރާ ދިނީ ލުއިލުއި ހިނިތުން ވުމަކާއި އެކީގައެވެ. ”ބައްޕަ މިހާރު ވަރަށްބޮޑުތަން ރަނގަޅު. ހަވީރު ވާންވާއިރަށް ގެއަށްވެސް ފޮނުވާލާނެ ކަމަށް ޑޮކްޓަރު ބުނުއްވި. ސާއިދު މަންމަ މިހާރު ކިހިނެއްތަ؟ ހުރިހާ ޓެސްޓުތަކެއް ހެދިއްޖެތަ؟“ ސާއިދު ކޮންމެވެސް ވަރަކަށް ހަމަޖެހިލާފާއި ސާރާ ކުރި ސުވާލަށް ޖަވާބު ދިނެވެ. އޭނާގެ ދުލުން ބޭއިޚްތިޔާރުގައި ބޭރުވި ޖުމުލައަށް މާބޮޑު ބާރެއް ސާރާ ނޭޅުން އެއީ އޭނާ ބޭޒާރުނުވެ ސަލާމަތްވި ކަމެއްކަމަށްވެސް ދެކިގެންނެވެ. ”އާން، މިހާރު ގާތްގަނޑަކަށް ހުރިހާ ޓެސްޓުތަކެއްވެސް ހަދާ ނިމިއްޖެ. ރަށުންވެސް ބުނިހެން މިނީ ސްޓްރޯކެއް ޖެހިފަ ހުރީ. އަލަޙަމްދުﷲ މާބޮޑުކަމެއް ފެންނާކަށް ނެތޯ.“ ”އަލްހަމްދުﷲ“ ސާރާވެސް ހިތުގެ އަޑިން ﷲއަށް ޙަމްދު ކުރިއެވެ.

ވާހަކައިގެ މިސްރާބު ބަދަލުވެ ތަފާތު އެކި ވާހަކަ ދެއްކުމަށްފަހު، ސާއިދުގެ ބައްޕަ އޭނާއަށް އިންތިޒާރު ކުރާނެކަމަށް ބުނެ، ސާއިދު ފޯނު ބޭއްވިއެވެ. އެހެންނަމަވެސް ފުރިހަމަ ހިތްހަމަ ޖެހުމާއި އެކުގައެވެ. ލިބުނު އުފަލާއި ހިތްހަމަ ޖެހުމާއިއެކު ސާއިދު ދިޔައީ އޭނާގެ މަންމަ އެނދުމަތި ކޮށްފައި އޮތް ވޯޑަށެވެ. އޭނާ ގޮސް ވަނުމުން ސައި ބޮއެފިންތޯ އޭނާގެ ބައްޕަ ސުވާލުކުރިއެވެ. އެހެންނަމަވެސް އެސުވާލަށް ދޭނެ ޖަވާބެއް ސާއިދުއަކަށް

ނުވިސްނުނެވެ. އެހެނީ އޭނާ ހުރީ އެކަން ހަނދާން ނެތިފައެވެ. ބުނާނެ އެއްޗެއް ނޭންގިގެން ރައްޓެއްސެއްގެ ފޯނެއް އައުމުން އޭނާއާއި ވާހަކަދައްކާ ނިމުމުން އަވަހަށް ވޯޑަށް އައީކަމަށް ސާއިދު އެނާގެ ބައްޕަ ގާތުގައި ބުންޏެވެ. އެހެންނަމަވެސް ބައްޕަ ވާނީ ބައްޕައަށްތާއެވެ. އެހެނީ ސާއިދު ދިން ޖަވާބުގައިވާ ފޮރުވިފައިވާ ސިއްރު ވަރަށް ފަސޭހައިން ޙަސަން ވަޙީދަށް ފާހަގަވިއެވެ. ”ތިބުނާ ރައްޓެއްސަކީ ސާރާ ދޯ.“ ޙަސަން ވަޙީދުގެ އެ ސުވާލުން ސާއިދު ހައިރާންވާ ގޮތްވިއެވެ. އަދި ވަޤުތުން އޭނާގެ ބައްޕައާއި ދިމާއަށް ބަލައިލިއެވެ. ދޭނެ ޖަވާބެއްވެސް ނޭންގުނީތީއެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *