ރަތްކުލައިގެ ހެދުމުގައި ޕަރީއެއް ފަދައިން ނަލަ ހެދިލައިގެން ހުރި ޝާޔާގެ މޫނަށް އިރުއިރުކޮޅާ ނިޝާން ބަލާލައެވެ. ކުލަކުލައިގެ ބޮކިތައް ދިއްލާފައިވާ އެ އަލިކަމުގެ ތެރެއިން ޝާޔާގެ ރީތި ދޮން މޫނު ނިޝާނަށް ހަމަ އެހާ ތަފާތީހެއްޔެވެ؟
”މިރޭ ހާދަރީއްޗޭ، އަހަރެން މޮޔަވެދާނެ!“
މީހުން މަދުވެލި ގަޑިއެއްގައި ޝާޔާގެ ކަންފަތް ދޮށަށް ގުދުވެލަމުން ނިޝާން ބުނެލިއެވެ. ޝާޔާލަދުރަކި ގޮތަކަށް ނިޝާނަށް ބަލައިލަމުން ހިނިތުންވެލިއެވެ. އެ ހިނިތުންވުމުގައި ވަނީ ފުންމާނައެކެވެ. އެ ހީލުމުގެ އަސަރަށްޓަކައި ދުނިޔޭގައިވާ ހުރިހާ މާމެލާމެލި ފަރިވެ ފޮޅުނު ފަދައެވެ. އެހާވެސް ފުރިހަމައެވެ. މީހަކަށްފަހު މީހެއް ޕާޓީއަށް އަންނަމުން ދިޔައެވެ. ޝާޔާއާއި ނިޝާނުގެ ހުރިހާ ރަހްމަތްތެރިންނާއި އޮފީސް ކުދިންނެވެ. އާއިލާގެ މީހުންނާއި ގާތްތިމާގެ މީހުންނެވެ. ބާއްޖަވެރި ކައިވެންޏަކަށް އެދެމުން ހެޔޮ ދުޢާގެ ބަސްތައް އޮއްސަމުން ދިޔައެވެ.
ޝާޔާ ހުރީ ކޮޅަށް ހުރެހުރެ ވަރުބަލިވެފައެވެ. ފާއިތުވި ހަފުތާގައި ކައިވެނީގެ ތައްޔާރީތަކުގައި އަރާމެއްނެތި އުޅެފައިވާތީ ވެފައިވާ ވަރުބަލިކަމާވެސް އެކުގައެވެ. ކައިވެނި ޕާޓީ ނިމިގެން ޝާޔާ ދިޔައީ ނިޝާންގެ ގެއަށެވެ. ނިޝާންގެ ކޮޓަރިއަށް ޝާޔާ ފުރަތަމަ ފަހަރު ގެންދިޔައީ ނިޝާންގެ އެ ބާރުގަދަ މުލައްދަނޑިމަތީގައެވެ. އެހާމެ ލޯބިންނެވެ. އުރާލައިގެންނެވެ. ނިޝާންގެ ލޯބިލޯބި އެ ހަރަކާތްތަކުން ޝާޔާގެ ހިތް އުފަލުން ބަންޑުން ކޮށްލިއެވެ. ދުނިޔޭގައިވާ އެންމެ ނަސީބުގަދަ އިންސާނާއަކީ ޝާޔާ ކަމުގައި އޭނާއަށް އިޙްސާސް ކުރެވެމުންދިޔައެވެ. ޝާޔާ ނިޝާން ދެކެވީ ލޯބި ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. ނިޝާން ވެސް ޝާޔާދެކެ ވަރަށް ލޯބިވާ ކަމުގައި ބުނަމުން ދިޔައެވެ.
ނިޝާންއަކީ މާލޭ މީހެކެވެ. މުސްކުޅި މަންމައެއްގެ ހުރި އެންމެ ދޮށީ ދަރިފުޅެވެ. އޭނާގެ ބައްޕަ ވަނީ އޭނާގެ އުމުރުން އެންމެ 8 އަހަރުގައި މިދުނިޔެ ދޫކޮށްފައެވެ. ކައިންވެންޏަށްފަހު މުސްކުޅި މަންމަ ބެލުމާއި ގޭތެރޭގެ ހުރިހާ ކަމެއްގެ ޒިންމާ އުފުލަން ފެށީ ޝާޔާ އެވެ. އޮފީހަށް ދަމުން ގޭތެރެ ސާފުކޮށް ކެއްކުމުގެ ކަންތައްތައް އެއްވެސް ދަތިކަމެއް ނެތި ޝާޔާ ބަލަހައްޓަމުން ދިޔައެވެ.
ދުވަސްކޮޅެއްގެ ފަހުން ނިޝާންގެ އަސްލު ސޫރަ ޝާޔާއަށް ފެންނަން ފެށިއެވެ. ކައިވެނީގެ ކުރީކޮޅު އެހުރި އޮމާން ގޮތް ކެނޑެންފެށިއެވެ. ގިރިޓީގެ އަސަރު އަބަދު ދެމިއެއް ނުހުންނަ ފަދައިންނެވެ. އެންމެފަހުން ނިޝާން ދައްކަމުންދިޔަ ދަޅައިގެ އޮފްކަން ގެއްލުނީއެވެ. ނިޝާންގެ އާދަތައް ބަދަލުވީއެވެ. ކުރިން ޝާޔާއާ އެއްކޮށް ކޮންމެ ރެއަކު ދުއްވާލަން ދިޔަނަމަވެސް ފަހުން ފަހުން ގެއަށް އާދެވެން ފެށީ މެންދަމުން އަލިވެ އެކެއް ޖަހާ ފަހުންނެވެ. އެކަމާ ކަންބޮޑުވެގެން ޝާޔާ އެއްޗެކޭ ބުނެފިނަމަ ލޮލަށް ފެންނައިރަށް ޝަކުވާކުރާ ކަމަށް ބުނަންފެށިއެވެ. އެހެންކަމުން ޝާޔާ އެއްވެސް ޝަކުވާއެއް ނުކޮށް މަޑުމަޑުން އިންނަން ފެށިއެވެ. އެ ހަމަހިމޭން ގޭތެރޭގައި ނިޝާންގެ އެ މުސްކުޅި ބަލި މަންމަ ފިޔަވައި ޝާޔާއާ އަނގައިން ބުނެލާނެ މީހަކު ނެތެވެ. ޝާޔާއަށް ވަރަށް ބޮޑަށް އެކަނިވެރިކަމާއި ފަޅުކަން އިޙްސާސް ވާންފެށިއެވެ.
އަންބަކަށްވާތީ ފިރިމީހާއަށް އެދެވެއެވެ. ދަރިއަކަށް ވެސް އެދެވެން ފަށައިފިއެވެ. އުމުރު ވެސް މައްޗަށްދާތީއެވެ. ފިރިމީހާގެ އުޅުން ވެސް ބަދަލުވެދާނެ ކަމަށް އުންމީދު ކުރެވޭތީއެވެ. އެހެންކަމުން އެއްރޭ ކެއުމުގެ ވަގުތުގައި ޝަޔާ ދަރިއަކު ބޭނުންވާ ވާހަކަ ނުސީދާ ގޮތަކަށް ފިރިމީހާ ގާތުބުނެފިއެވެ. ގޭތެރޭގެ ފަޅުކަމާއި އެކަނިވެރި ކަމުގެ ވާހަކަ ދައްކަމުންނެވެ. ނިޝާން އެކަމާ ކަނޑައެޅިގެން ކުރީ އިންކާރެވެ.
”ކައިވެނީގެ ފުރިހަމަ މޭވާ ލިބުމަށް ނިޝާން ނޭދެނީ ކީއްވެ؟“ ރޮވިފައިވާ އަޑަކުން ޝާޔާއަށް ބުނެވުނެވެ.
”އަދި މާ އަވަހީ، އެނޫނަސް ކިހިނެއް ޚަރަދުތައް ހަމަޖައްސާނީ ވެސް“ ފޫހި އަޑަކުން ނިޝާން އެހެން ބުނެފައި ގެއިން ނިކުމެގެން ދިޔައީއެވެ.
ނިޝާންގެ އޮފީސް މަސައްކަތް ހުންނަގޮތުން ބައެއްފަހަރު ރާއްޖެތެރެއަށް ވެސް ދާން ޖެހެއެވެ. ޝާޔާ އެކަމާ އެއްވެސް ޝަކުވާއެއް ނުކުރެއެވެ. ހިތް ބުރަކަމެއް ނުބާއްވައެވެ. ސަބަބަކީ ފިރިމީހާއަށް ކުރާ އިތުބާރެއްގެ ބޮޑުކަމުންނެވެ. އެއްފަހަރަކު ނިޝާން ރާއްޖެތެރެއަށް ގޮސްފައި އެނބުރި މާލެ އައުމަށްފަހު ވަރަށް ބޮޑަށް ބަދަލުވިއެވެ. ޝާޔާއާމެދު ފަރުވާ ކުޑަކުރަންފެށިއެވެ. ޝާޔާ ބެލީ ހަމަނުޖެހުމެއް އުފެއްދުމަށްވުރެ އޯގާތެރިކަން އިސްކުރާށެވެ. މަޑުމައިތިރިކަން ކުރިއަށް ނެރޭށެވެ. ލޯތްބާއެކު މުއާމަލާތްކޮށްގެން ލޯބިވާ ފިރިމީހާއަށް ވިސްނައިދީގެން ކަންކަން ބަދަލުކޮށްލުމަށެވެ. މަޑުމަޑުން ނިޝާން ޝާޔާއާ ދުރުވާން ފެށިއެވެ. އެކަން ޝާޔާއަށް ވަރަށް ބޮޑަށް އިޙްސާސް ކުރެވެން ފެށިއެވެ.
ފަހަކަށް އައިސް ނިޝާނަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. ޝާޔާ ކައްކާ އެއްޗެހީގެ ރަހަ ނުބައިކަމަށްބުނެ ޝަކުވާ ކުރަންފެށިއެވެ. ކަމުދާގޮތަށް ކުރެވޭ ކަންތަކަށްވުރެ ގިނައީ ކަމުނުދާ ގޮތަށް ކުރެވޭ ކަންކަމަށް ވާން ފަށައިފިއެވެ. ނިޝާންވީ ޝާޔާ ހީކުރިކަހަލަ މީހަކަށްނޫނެވެ. ޝާޔާގެ ހިތަށް އެރިއެވެ. އަހަރެންނަށް ވެސް ޝަކުވާ ކުރެވިދާނެއެވެ. ނިޝާން އަހަރެންނަށް މިހާރު ދެނީ ކޮން ލޯތްބެއް ހެއްޔެވެ؟ އެންމެ ދުވަހަކުވެސް ހިނިތުންވެލާފައި ލޯބިން ވާހަކައެއް ނުދައްކައެވެ. ޝާޔާގެ ހިތުގައި އުފެދިފައިވާ އުދާސްތަކާއި ދުލުކުރީގައިވާ ޝާކުވާގެ ޖުމްލަތައް ނިޝާންގެ ކުރިމަތީގައި ފޮރުވިއެވެ. ނިޝާންގެ ހަރުކަށިކާމާއި ރުޅިގަދަކަން އިޙްސާސް ކުރެވޭތީއެވެ. އެނގޭތީއެވެ. އަނިޔާއެއް ލިބެން ނޭދޭތީއެވެ. އެކަމަކު ޝާޔާގެ އެ ކިޔަމަންތެރިކަމުގެ ނާޖާއިޒް ފައިދާ ނިޝާން އެގެންދިޔައީ ނަގަމުންނެވެ. ނިޝާން ޝާޔާއާމެދު އެގޮތަށް ކަންތައްކުރަނީ ކީއްވެގެންކަން ހުދު ޝާޔާއަކަށް ވެސް ނޭނގެއެވެ.
ނިޝާންގެ މަންމަ ޝާޔާއަށް އަބަދުވެސް ވަރަށް ރަނގަޅެވެ. އެހާމެ ހެޔޮވެސްމެއެވެ. އެކަމަކު މަންމަ ބަލިވެ އުޅެން ފެށުމުން ނިޝާން މަންމަގެ ހާލުވެސް ބަލާނުލާތީ މަންމަ ޝާޔާ ކައިރީގައި އެޝަކުވާ ކުރެއެވެ. ޝާޔާ ނިޝާންގެ ކައިރީގައި މަންމައަށް އެގޮތަށް ކަންތައް ނުކުރުމަށް ބުނުމުން ނިޝާން ރުޅިގަދަވެ ހަމައިން ނެއްޓިއެވެ. ”މަންމަ އާއި އަހަރެންނާ ދޭތެރެއަށް ވަންނަށް ތިޔައީ ކާކު؟“ އެހެން ބުނެފައި ކޮޓަރިން ނިކުމެގެން ދިޔައީއެވެ.
ފަހަކަށް އައިސް މައިދައިތަގެ ޝަކުވާތައް ޝާޔާ ނިޝާންއަކަށް ނީއްވައެވެ. ސަބަބަކީ އެވާހަކަތައް ދެއްކުމުން ނިޝާން ޝާޔާދެކެ ރުޅިއަންނާތީއެވެ. އެހެންކަމުން ދޫހިމޭނުން ބާއްވައިގެން ކެތްތެރިވެގެން ހުންނަނީއެވެ. ނަތީޖާއަކަށްވީ މައިދައިތަވެސް މަޑުމަޑުން ޝާޔާދެކެ ރުޅިއަންނަން ފެށުމެވެ. މައިދައިތަގެ އެހެން ދަރިންގެ ފަރާތުން ލިބެމުންދާ އަޅާލުން ނިޝާންގެ ފަރާތުން ނުލިބުމުން މައިދައިތައަށް ހީކުރެވުނީ އެއީ ޝާޔާގެ ސަބަބުންވާކަމެއް ކަމަށެވެ.
ކައިވެންޏަށް ދެ އަހަރުވީއިރު ޝާޔާއަށް ނިޝާން ހަމަ ރަނގަޅަށްވެސް ދަސްވެއްޖެއެވެ. އެއްރެއަކު ނިޝާންގެ ފޯނަށް އެސް.އެމްއެސްއެއް އައެވެ. އޭރު ނިޝާން ހުރީ ފާހާނައިގައިކަމުން ޝާޔާ އެ އެސް.އެމް.އެސް ކިޔާލިއެވެ. ޝާޔާއަށް ހީވީ ދުނިޔެ އެނބުރިގަތްހެނެވެ. ބުނާނެ ހަމަ އެކައްޗެއްވެސް ނޭނގިފައި ޝާޔާއަށް އިނދެވުނީއެވެ. ނިޝާން ފާހާނާއިން ނިކުމެފައި ޝާޔާއަށް ބަލާލިއެވެ. ވީ ކީއްތޯ ސުވާލުކުރިއެވެ. ޝާޔާ ވިސްނާލިއެވެ. ”އަހަރެން ބުނަންވީ ކީކޭހެއްޔެވެ؟“ ”އަދިވެސް ހިމޭންކަން އިޚްތިޔާރު ކުރަންވީހެއްޔެވެ؟“ އެ ވާހަކަ ނުދައްކަންވީ ސަބަބެއް ޝާޔާއަކަށް ނުވިސްނުނެވެ. ޝާޔާގެ ހިތަށް އެރިއެވެ. ނިޝާން އެހާވަރަށް ބަދަލުވެގެން ދިޔައިރު އޭނާގެ ގާތު އެފަދަ އެއްވެސް ޝަކުވާއެއް ނުކޮށް ލައްކަ ކެތްކުރެވިއްޖެއެވެ. އެކަމަކު ދެނެއް އިތުރަކަށް ކެތެއް ނުކުރެވޭނެއެވެ.
”މެސެޖެއް އައެވެ.“ ފޯނު ނިޝާނަށް ދިއްކޮށްލަމުން ޝާޔާ ބުންޏެވެ.
ކުއްލިއަކަށް ނިޝާން ފޯނާ ދިމާއަށް ޖެހިގަތެވެ. އަވަސްއަވަހަށް މެސެޖް ކިޔާލިއެވެ.
”އެއީ ކާކުހެއްޔެވެ؟“ ޝާޔާއަށް އަހާލެވުނެވެ.
”ކަލެއަށް ކީއް؟“ ފަރުވާ ކުޑަ އަދި އެހާމެ ހަރުކަށި ރާގަކަށް ނިޝާން ބުނެލިއެވެ.
ޝާޔާ ގާތަށް ހިސާބަކަށް ރުޅިއައެވެ. އެކަމަކު އަމިއްލަ ނަފުސަށް ބާރު ފޯރުވޭތޯ މަސައްކަތް ކުރަމުން ބުނަންފެށިއެވެ.
”ބުނެފައިދާށެވެ. އެއީ ކާކުހެއްޔެވެ؟“
އެނބުރި ބަލައިލަމުން ހަރުކަށި ގޮތަކަށް ނިޝާން ބުނެލިއެވެ. “ އެއީ އަހަރެންގެ ލޯބިވެރިޔާއެވެ.“
ނިޝާން އެއްވެސް ޖެހިލުމެއްނެތި ބުނެލި ޖުމްލައިން ޝާޔާއަށް ވީގޮތެއްވެސް ހުދު ޝާޔާއަކަށް ވެސް ނޭނގުނެވެ. ދެން އިތުރު ޝަކުވާއެއް ކުރާކަށް ބޭނުމެއް ނުވިއެވެ.
އެދުވަހަށްފަހު ނިޝާން ޝާޔާއާ ވާހަކަ ދެއްކުން ހުއްޓާލިއެވެ. ޝާޔާ ފެނުނަސް އެމޫނު އަނެއް ފަރާތަށް އަނބުރާލައެވެ. ޝާޔާއަށް ލިބެންޖެހޭ ފިރިއެއްގެ ލޯބިން ވެސް މަޙްރޫމްކުރިއެވެ. ފިރިޔަކުހުރެ އެ އުފާތަކުން ޝާޔާ ބާކީ ކުރިއެވެ. ޝާޔާ ނިޝާންދެކެ އިންތިހާއަށް ލޯބިވާތީ، އެކަންތައްތައްވީ ޝާޔާއަށް ބަރުދާސްތުކުރަން ދަތި ހިތާމައަކަށެވެ. އޭގެ ސަބަބުން ކެއުމާ އެއްކޮށްދުރުވިއެވެ. ކާންއުޅުނަސް ނުކެވެނީއެވެ. ލޮލަށް ނިދިއަޔަސް އެކަނިވެރި ކަމުގައި ރޯލަ ރޯލާ އޮތުމުގެ ސަބަބުން އަރާމު ނިދިން މަހްރޫމް ވަމުން ދިޔައެވެ. މާގިނަ ދުވަސްތަކެއްނުވެ އެކަންތައް ޝާޔާގެ ހަށިގަނޑުން ފެންނަން ފެށިއެވެ. އެރީތި މަލެއްފަދަ ނާޒުކް ހަށިގަނޑު ހިކި އަނަރޫފަވެ ސިފަ ގެއްލެން ފެށިއެވެ. ހުރިހާ ރައްޓެހިންނާ ތިމާގެ މީހުން ސުވާލުކުރަންފެށިއެވެ. ވަނީ ކިހިނެއްތޯ އަހަން ފެށިއެވެ. ދޭނެ ޖަވާބެއް ދައްކާނެ ވާހަކައެއްވެސް ޝާޔާއަކަށް ނޭނގެއެވެ.
ފަހުން ފަހުން ޝާޔާ ނިޝާންއަށް އާދޭސްކޮށް ސުލްހަވުމަށް އެދެންފެށުމުން ނިޝާން ޝާޔާއަށް އަނިޔާ ކުރަންފެށިއެވެ. ލޯބިވެރިޔާގެ ފަރާތުން ލޯބާއި އަޅާލުން ލިބުމުގެ ބަދަލުގައި ލިބެންފެށި އަނިޔާއަށް އެއްވެސް އަންހެނަކަށް ކެތެއްނުވާނެއެވެ. ކެތްކުރަން ބޭނުންވިޔަސް މެއެވެ. އެކަމަކު އެކަންކަމާ ވެސް ޝާޔާ ކެތްކުރިއެވެ. ނިޝާންގެ ފަރާތުން ލޯތްބަށް އެދި އާދޭސްކުރަމުންދިޔައެވެ.
ފަހަކަށް އައިސް ނިޝާން ޝާޔާއަށް ކުރަމުންދިޔަ އަނިޔާތައް ވަރަށް ބޮޑަށް އިތުރުކުރިއެވެ. އެއްރެއަކު ޝާޔާ އަލުން ލޯބިން އެކުގައި އުޅުމަށް ބުނުމުން ނިޝާން އައި ރުޅީގައި ޝާޔާގެ ބޮލުގެ އިސްތަށިގަނޑުގައި ހިފާ ލުއްކެއް ޖެހުމާއެކު ޝާޔާ ބިމާލާ ޖެހިއެވެ.
ވީ ތަދުން ”އައްދޯތް؟ ތިހެން ނުހަދާ،“ އާދޭހުގެ ރާގެއްގައި ރޮމުން ޝާޔާ ގޮވަމުން ދިޔައެވެ.
ލިބުނު ވޭނާއެކު ވެސް ހިތްވަރުކޮށްފައި ޝާޔާ ވެސް ދުލަށް ބާރުލާފައި ވާހަކަ ދައްކަން ފެށިއެވެ.
”ތިޔަގޮތަށް އަހަރެންނާ ދޭތެރޭ ކަންތައްތައް ކުރާ ސަބަބެއް ބުނެދީފާނަން ހެއްޔެވެ؟“
ނިޝާން ވަރަށް ސާފުކޮށް ބުނެދިނެވެ. މިހާރު އެކުގައި އުޅޭކަށް ބޭނުން ނޫންވާާހަކައެވެ. ޝާޔާގެ ހިތް ކުދިކުދިވިއެވެ. އަޑުން އަޑުނަގާފައި ރޮވެންފެށިއެވެ. ގިސްލެވެން ފެށިއެވެ.
ދެތިން ހެދުމެއް ހިފައިގެން އެގެއިން ޝާޔާ ނިކުތެވެ. އެ އަނިޔާއަށް ކެތްކުރުމަށްވުރެ އެގޮތް ވެސް މާ ރަނގަޅުވާނެތީއެވެ. ދުރުތާ ތިމާގެ ދައްތައެއްގެ ގެއަށް ބަދަލުވިއެވެ. އަންހެނަކަށް ވިޔަސް، ނިކަމެއްޗަކަށްވިޔަސް މިހާލަތުގައި ދެރަވާކަށް އޭނާ ބޭނުމެއް ނުވިއެވެ. ޝާޔާގެ ހިތަށް އެރިއެވެ. މިވަގުތު މަންމަކައިރީގައި ހުރެވުނު ނަމަ ހާދަހާ ރަނގަޅުވީހެވެ. ލޯބިން އަހަރެންގެ ބޮލުގައި ފިރުމަމުން މަންމަ އަހަރެންނަށް ހިތްވަރުދޭނެއެވެ.
ހަމަ އެހިނދު ޝާޔާގެ ހިތަށް އެރިއެވެ. ނަސީބެކެވެ. ރަށުގައި ތިބި އެ މުސްކުޅި މަންމައާއި ބައްޕައަށް އަހަރެންގެ މި ނިކަމެތި ހާލަތު އެނގިއްޖެއްނަމަ ހިތް ހުއްޓިގެން އެމީހުން މަރުވެދާނެއެވެ. އަހަރެންގެ ހާލު އެމީހުންނަށް ސިއްރުކުރާނަމެވެ.
މާގިނަ ދުވަހެއް ނުވަނީސް ކޯޓު މެދުވެރިކޮށް ނިޝާން ޝާޔާ ވަރިކޮށްލައިފިއެވެ. ދެރަވިޔަސް ޝާޔާ ހިތްވަރުކުރިއެވެ. ނިޝާންގެ ހަނދާންތަކާ ދުރުވެވޭތޯ މަސައްކަތް ކުރަން ފެށިއެވެ. ދެވަނަ ހަޔާތެއް ފެށުމަށް ޝާޔާއަށް ރަޙްމަތްތެރިން ހިތްވަރުދެމުން ދިޔައެވެ. އެކަމަކު ޝާޔާގެ އެހާ ހިތްވަރެއް ނެތެވެ. ޝާޔާ ބުނަމުންދިޔައީ ”އެފަދަ ހަނގުރާމައެއް ކުރާނެ ހިތްވަރެއް ދެނެއް ނެތްކަމުގައެވެ.“
ދުވަސްތައް ހިތާމައިގެ ފަރުދާއަކަށް ވެއްޖެއެވެ. މާޒީގެ ހިތި ހަނދާންތަކުން ޝާޔާއަށް ލިބުނު ޒަހަމްތަކަށް މަޑުމަޑުން ވަގުތު ފަރުވާ ހޯދައިދެމުން ދިޔައެވެ. މާލެ ދޫކޮށް ޝާޔާގެ ދިރިއުޅުން ހުޅުމާލޭގެ ހިތްފަސޭހަ މާހައުލަށް ބަދަލުކޮށްލައިފިއެވެ. ވަޒީފާ އަދާކުރާ އޮފީސް ވެސް ބަދަލުކޮށްލައިފިއެވެ. ހަޔާތުގެ ގިނަ ކަންކަން ބަދަލުކުރެވޭތޯ ހިތްވަރާއެކު ކުރި މަސައްކަތަށް މަޑުމަޑުން ކާމިޔާބު ލިބެންފެށިއެވެ.
އެއްދުވަހެއްގެ ހަވީރެވެ. ޝާޔާހުރީ އޭނާ ދިރިއުޅޭ ފްލެޓްގެ ބެލްކަނިން ބޭރު ބަލާށެވެ. އެވަގުތު އޭނާގެ ފޯނަށް މެސެޖެއް އައެވެ. އޭގައި ވެއެވެ. ”ތިޔަ ހިތުގައި ޖާގައެއްވާނަމަ، އިންތިޒާރުގައި ހުރީމެވެ.“ ޝާޔާ ވަރަށް ހައިރާންވިއެވެ. އެކަމަކު އެއްވެސް ޖަވާބެއް އެ މެސެޖަކަށް ޝާޔާ ނުދިނެވެ. ކޮންމެ ދުވަހަކު ވެސް އެމެސެޖް ތަކުރާރުކޮށް އާދެއެވެ. މެސެޖް ނިންމާލާފައިވަނީ ޝާޔާގެ ޖަވާބަކަށް އިންތިޒާރުކުރާނަމޭ ބުނެފައެވެ. ޝާޔާ އަޅާވެސް ނުލާ ހުރީއެވެ. އެފަދަ ހުށަހެޅުންތައް އެއީ މިހާރު އޭނާގެ ހިތުގައި އެއްވެސް އަގެންހުރި ހުށަހެޅުން ތަކެއް ނޫނެވެ.
އެއްދުވަހަކު ޝާޔާ އޮފީހުން އަންނަނިކޮށް ކުރިމަތިން ސައިކަލެއް އައިސް މަޑުކުރިއެވެ. އެއީ ވިލްދާނެވެ. އެ ރީތި ހަށިގަނޑު މިހާރު އަދި މާ ފުރިހަމައެވެ. ޝާޔާގެ ހިތަށް އެރިއެވެ. އެއީ ޝާޔާގެ ކުރީގެ ރަޙްމަތްތެރިއެކެވެ. އެކަމަކު މިހާރު ހާދަ ތަފާތެވެ. ވިލްދާން ބުނީ އޭނާ އުޅުނީ ރާއްޖެއިން ބޭރުގައި ކިޔަވަން ކަމަށެވެ. ވިލްދާން ފެނުމުން ކޮންމެވެސް ވަރަކަށް ޝާޔާއަށް އުފާވެރިކަމެއް އިޙްސާސް ކުރެވުނެވެ. ބޭއިޚްތިޔާރުގައި ހިނިތުން ވެލާފައި އިސް ޖަހާލެވުނެވެ. ”އަދިވެސް ތިޔަ ހުންނަނީ ހަމަ އެހާ ނަލަކޮށް“ ޝާޔާގެ ބަނިޔާދަން ހަރަކާތްތަކަށް ބަލައިލަމުން ވިލްދާނު ބުނެލިއެވެ. ”ނޫން. ކުޑަކޮށް މިހާރު ފަލަވެއްޖެ!“ އަޅައިގެން ހުރި ޝޯލްގެ އެއްކޮޅުގައި ހިފާ ދެ އިނގިލި ދޭތެރޭ އަނބުރަމުން ރަކިވެފައި ހުރެ ޝާޔާ ޖަވާބު ދިނެވެ. ”ނަންބަރު ވެސް ނުދެމެއްނޫން، ގުޅާފާނެތީތަ؟“ ވިލްދާނު ނުގޮތަކަށް ވާހަކަދައްކައިގެން ޝާޔާގެ ފޯނު ނަންބަރު އަތުޖެހޭތޯ މަސައްކަތް ކުރިއެވެ. ވިލްދާނު ވީމަ ދީފާނަން“ ޝާޔާ ވެސް ބޭނުންވީ ނަންބަރު ދޭށެވެ. ވިލްދާން ޝާޔާގެ ފޯނު ނަންބަރު ނެގިއެވެ. މިސްކޯލެއް ދޭނެ ކަމުގައި ބުނެފައި ދިޔައީއެވެ.
އެރޭގެ އިރާކޮޅު ޝާޔާ ބޭރަށް ދާން ތައްޔާރުވާން ހުއްޓާ ފޯނަށް މިސްކޯލެއް އައެވެ. އެކަމަކު އެއީ ކޮންމެ ދުވަހަކު މެސެޖް އަންނަ ނަމްބަރެވެ. ޝާޔާ ހީކުރީ އެމީހަކު މިހާރު ލަދު ކަނޑާލާފައި މިސްކޯލްދީ ގުޅަންފެށީ ކަމުގައެވެ. ދެ ދުވަހެއް ފަހުން އެ ނަންބަރުން އަނެއްކާ ވެސް ޝާޔާއަށް ގުޅިއެވެ. ނުނަގަން ހުރެފައި ޝާޔާ ފޯނު ނެގިއެވެ. އަޑަކީ ވިލްދާނުގެ އަޑެވެ. ޝާޔާއަށް ފުން ހައިރާން ކަމެއް ލިބުނެވެ. އަނގައިން ބުނަން ނޭނގިފައި އިރުގަނޑަކު ހުރެވުނެވެ. އެ ނަންބަރުން ވިލްދާން އެ ގުޅީ ކީއްވެބާވައޭ ހިތާހިތާ ކިޔާލިއެވެ.
”އަނެއްކާ އަހަރެންނަށް އެ އުދަނގޫ ކުރަނީ ވިލްދާންގެ އެކުވެރިއެއް ބާވައެވެ.“ ޝާޔާގެ ހިތަށް އެރިއެވެ.
ޝާޔާއާ ބައްދަލުކުރަން ވިލްދާން އެދުނެވެ. އެ އެދުމަށް އިންކާރު ކުރާކަށް ޝާޔާގެ ހިތެއްނޭދުނެވެ. ވަގުތުން އެއްބަސް ވިއެވެ.
ޝާޔާ ގޮވައިގެން ވިލްދާނު ދިޔައީ ރެސްޓޯރެންޓަކަށެވެ. ހަމަހިމޭން އަރާމް މާހައުލަކަށެވެ. ޒަމާނީ މޮޑެލްއަށް ފަރުމާކޮށްފައިވާ އެތަނަށް އިތުރު ދިރުމެއް ގެނެސްދެނީ ޖަހާފައި ހުރި މަޑުމަޑު މިއުޒިކެވެ. ވިލްދާން އިނީ ސީދާ ޝާޔާގެ ކުރިމައްޗަށްވާ ގޮތަށެވެ. އެ ރީތި މޫނަށް ބަލާށެވެ. އެރީތި މުށި ކުލިގެ ކަޅިރަވައަށް ވިލްދާނު ބަލަމުންދިޔައިރު، ފިޔާތޮށި ފިނިފެންމަލުގެ ފިޔަ ފަދަ ދެ ތުންފަތް ވިލްދާންގެ ނަޒަރަކުން ހިނދުކޮޅަކަށް ވެސް ނެއްޓިގެން ނުދެއެވެ. އެސްފިޔަވެސް ޖަހާ ނުލައި އެގޮތަށް އިރުކޮޅަކު ބަލަން އިނުމަށްފަހު ވިލްދާނު ވާހަކަ ދައްކަން ފެށިއެވެ.
”އަހަރެންނަށް އެނގޭ ހުރިހާ ކަމެއްވެސް، ހުރިހާ ވާހަކައެއް އަހަރެން އަޑުއެހީން. ނިޝާންގެ އެންމެ ގާތް ރަޙްމަތްތެރިޔާގެ ދުލުން،“
އިސްޖަހާލަމުން ޝާޔާ ބުނެލިއެވެ. ”އެއީ އަހަރެންގެ ހިތި މާޒީ“
”ވަރަށް ދެރަވި އަހަރެންގެ ރަޙްމަތްތެރިއަކަށް ތިޔަފަދަ އަނިޔާތަކެއް ލިބުމުން“ ”ޝާޔާއަކީ ވަރަށް ކެތްތެރި އަންހެނެއް“ ވިލްދާނު އަނެއްކާވެސް ޝާޔާއަށް ތަޢުރީފްގެ ބަސްތައް އޮއްސަންފެށިއެވެ.
”ތިޔަ ކެތްތެރިކަމުގައި އުމުރު ދުއްވާލަނީތަ؟ ނޫނީ މަށާ އިންނާނީތަ؟ މަ ކިހާ ލޯތްބެއް މިވަނީ“ ލާނެތް ރާގެއް އެކުލެވިފައިވީ ނަމަވެސް އެ ހުށަހެޅުމުގައި އަސަރުތަކެއްވާކަން ހާމަވީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ޝާޔާގެ އެ މަޑުމަޑު އޮމާން އަތްތިލަގައި ވިލްދާން ހިފާ ފިތާލުމުންނެވެ. ޝާޔާއަށް ދެލޯ މަރާލެވުނެވެ. ވިލްދާނުގެ އެ ފުން ރީތި ދެލޮލަށް ބަލާކަށް ޝާޔާއަކަށް ނުކެރުނެވެ. މީހަކު ޣަރަގުވެދާހާ ފުން ދެލޮލެވެ. މަސްތުން ފުރިގެންވި މާނަފުން ބަލާލުމެކެވެ.
”ލައްކަ ދުވަހު ފޮރުވިގެން ހުރެ މަށަށް މެސެޖްތައް ކުރެވިއްޖެ އެއްނު، ދެނެއް ނުހުރެވޭނެ،“ ވިލްދާން ލާނެއް ގޮތަކަށް ލޯމަރާލަމުން ބުނެލިއެވެ.
ޝާޔާގެ ހިތަށް އެރިއެވެ. ”އަހަރެން ފިރިހެނަކަށް އިތުބާރު ކުރާނީ ކިހިނެތް ހެއްޔެވެ؟“ ”ލަދުވެތިކަން ފޮރުވަމުން ޝާޔާއަށް ބުނެވުނީ“ އަހަރެން ވިސްނާނަމެވެ.“
އެރޭ އެނބުރި ގެއަށް އައިސް ޝާޔާއަކަށް އެއްގޮތަކަށްވެސް ނުނިދުނެވެ. ހިތަށް ވެރިވަމުންދިޔައީ ވިލްދާނެވެ. އިސްކޮޅުންދިގު ރަތްދޮންކުލައިގެ ފިރިހެންވަންތަ ހަށިގަނޑެވެ. ފަންފަން އިސްތަށިގަނޑާއި ރީތި ފުން ދެ ލޮލެވެ. ވިލްދާނަކީ ވަރަށް ރަނގަޅު ކުއްޖެކެވެ. އާއިލާއެއްގެ ހުރި އެންމެ ހަނގު ކުއްޖާއެވެ. ކިޔަވައިގެން ހުރި ހަރުދަނާ މީހެކެވެ. ވިސްނާ ވިސްނާ ޝާޔާގެ ސިކުނޑި ސުމަކަށް ދިޔައިރުވެސް ޖަވާބަކަށް އައީ އާއެކެވެ.
ޝާޔާއާއި ވިލްދާނު ލޯބީގެ ގޮތުން ގުޅިއްޖެއެވެ. ރަޙްމަތްތެރިންނާއި އާއިލާގެ އެދުމުގެ މަތީންނެވެ. ޝާޔާ ހީކުރިވަރަށްވުރެ ވެސް ބޮޑަށް ވިލްދާން އޯގާތެރިއެވެ. އެހާމެ ހެޔޮވެފައި ރަނގަޅެވެ. ޝާޔާއަށް ޤަދަރުކުރެއެވެ. ލޯބިދެއެވެ. އިހްތިރާމް ކުރެއެވެ. ވިލްދާން ބޭނުންވީ ކައިވެނި އަވަސް ކުރުމަށެވެ. އޭނާގެ އަލަތު ކައިވެނި ކަމަށް ވުމާއެކު، އެ އާއިލާއިން ބޭނުންވީ ކައިވެނީގެ ޕާޓީ ވަރަށް ކުލަގަދަކޮށް ބޭއްވުމަށެވެ.
ޝާޔާ ދިޔައީ ކައިވެނީގެ ހަފްލާއަށް ތައްޔާރުވެ ޒީނަތްތެރިވަމުންނެވެ. އުފަލާއި ހިނިތުންވުމާއެކުއެެވެ. ކުލަކުލައިގެ ރަން އަލިތަކުން ދިއްލިފައިވާ އެ ހަފްލާގައި ޝާޔާ ގޮސް ހުއްޓިލުމާއެކު ވިލްދާން ގުދުވެލާއި ޝާޔާގެ ކަންފަތް ދޮށުގައި ބުނެލި ޖުމުލައިން ޝާޔާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.
”މިރޭ ހާދަރީއްޗޭ، އަހަރެން މޮޔަވެދާނެ!“ ސިއްސައިގެން ގޮސް ޝާޔާއަށް ވިލްދާންގެ މޫނަށް ބަލައިލެވުނެވެ.
މި ޖުމުލަ އިވިފައި އުފާވުމުގެ ބަދަލުގައި ޝާޔާއަށް ދެލޯ ބޮޑުކޮށްގެން ވިލްދާނަށް ބަލަން ހުރެވުނީއެވެ. މީގެ 3 އަހަރު ކުރިން ހަމަ މިފަދަ ރީތި ހެދުމެއްގައި ޝާޔާގެ އަލަތު ކައިވެނީގެ ޕާޓީގައި ހުއްޓިލައިގެން ހުރި ހަނދާން ހިތުގައި އާވިއެވެ. ޝާޔާގެ ހިތަށް އެރިއެވެ. އަހަރެންގެ ތަޤްދީރު ބަދަލުވީއެވެ. އެދުވަހު ނިޝާންގެ ގާތުގައި ހުއްޓަސް، މިއަދު މިހިރީ ވިލްދާންގެ އަނބިމީހާގެ ގޮތުގައި ވިލްދާނުގެ ގާތުގައެވެ.
ޕާޓީ ނިމިގެން ޝާޔާ ދިޔައީ ވިލްދާނުގެ ގެއަށެވެ. ހިތްގައިމު އަރާމް ގެއެކެވެ. އެ ބޮޑު ސިޓީން ރޫމުގައި ތަރުތީބުން އަތުރާފައިވާ ކޮންމެ އެއްޗަކުން ވެސް އެގޭގެ މީހުންގެ ސަދާ ދިރިއުޅުމާ ތަރުތީބުކަން ހާމަކޮށްދެއެވެ. ސިޓީން ރޫމުގެ އެކި ދިމަދިމާއަށް ބަލަން ހުރި ޝާޔާ ސިއްސައިގެން ދިޔައީ ވިލްދާނު އޭނާގެ އަތްދަނޑިމައްޗަށް ނަގާ ޝާޔާ އުރާލުމުންނެވެ. ޝާޔާއަށް ބާރާށް ހަޅޭއްލުމާއެކު ހީގަނެވުނެވެ.
ކައިވެނި ޕާޓީގައި ލިބުނު ހަދިޔާތަކާއި ސިޓީ އުރަތައް ކެނޑުމުގައި، ޖެހިގެން އައި ދުވަހު ވިލްދާނުގެ އާއިލާގެ ބައެއް މެމްބަރުން މަސްޢޫލުވެ ތިއްބެވެ. ޝާޔާގެ ލޮލުގައި އަޅައިގަތީ ޚާއްޞަ ސިޓީ އުރައެކެވެ. އެއީ ޝާޔާގެ އުފަންދުވަހުގެ ސެޓްފިކެޓް ރައްކާކޮށްގެން ގެންގުޅޭ ފިޔާތޮށި ކުލައިގެ ސިޓީ އުރައެވެ. އެ ސިޓީ އުރަ ޝާޔާ ކަނޑާލިއެވެ. އެތެރޭގައި އޮތީ އުފަންދުވަހުގެ ސެޓްފިކެޓާއި، ނިޝާންގެ އަތު އަކުރުން ލިޔެފައިވާ ސިޓީއެކެވެ.
”ލޯބިވާ ޝާޔާއެވެ. ތިޔައީ ކިޔަމަންތެރިކަމުގެ ލާމަސީލު އަންހެނެކެވެ. އަހަރެންގެ ދިރިއުޅުން އަހަރެންގެ އަތްފޯރާ ފަށަށްވުރެ މާދުރަށް ހިނގައްޖެއެވެ. މިއަދު އަހަރެންނަކީ ބޭވަފާތެރި އަންހެނެއްގެ އަނިޔާވެރި ކެހިވެރި ކަމުގައި ޖެހިފައިވާ ނިކަމެތި ފިރިހެނެކެވެ. އަހަރެންނަށް މި ލިބެނީ އަހަރެންގެ ކުށުގެ ސަޒާއެވެ. އަނިޔާވެރި ކަމުގެ ބަދަލެވެ. މިއަދު އަހަރެން ޝާޔާއަށް ބޭނުންވެއެވެ. އެކަމަކު ވަގުތު ފާއިތު ވެފައިވާކަން އަހަރެންނަށް އެނގެއެވެ. ތިޔަފަދަ ދެވަނަ އަންހެނަކު މިދުނިޔޭގައި ނުވާނެކަން އެއީ ޔަގީންކަމެކެވެ. އަހަރެންނަށް ހެޔޮ ހިތަކުން މައާފުކޮށްދޭށެވެ. އޭރުން އަހަރެން އުމުރަށް ޝާޔާއަށް ޝުކުރުވެރިވާނަމެވެ.“
ސިޓީ ކުރުވެފައި ތިލަކަމުގައިވިޔަސް ޝާޔާގެ ހިތަށް ކުރީ ވަރަށް ފުން އަސަރުތަކެކެވެ. ޝާޔާއާއެކު ވިލްދާނު ވެސް އެސިޓީ ކިޔާލިއެވެ. އެކަމަކު ޝާޔާ ހަމަ އެހިނދުކޮޅު އެސިޓީ އަތުތެރެއަށްލާ ބޮނޑި ކޮށްލިއެވެ. ވިލްދާން ހުރީ ޝާޔާއަށް ބަލާށެވެ. ޝާޔާ ވިލްދާންގެ މޭގައި ބޯއަޅާލިއެވެ. ދުވަހަކުވެސް ދެން ނިޝާންގެ އެ އަނިޔާވެރި ދިރިއުޅުމަށް ނުދާނެކަމުގެ ޔަޤީންކަން ދެމުންނެެވެ.