އެއީ ރޭގަނޑެއްގެ އިރާކޮޅުގެ ވަގުތެވެ. ހިމޭން މާހައުލުން އިވެމުންދަނީ އެކިމީހުންގެ ކެކުޅުމުގެ އަޑެވެ. ރުއިމާއި ގިސްލުމުގެ އަޑެވެ. އަޅާވޭނަށް އެކި މީހުންނަށް ކެތްކުރެވެނީ އެކި މިންވަރަށެވެ. އެކިމީހުން ކިޔަނީ އެކި އެއްޗިއްސެވެ. ބައެއްމީހުން ހެޔޮ ދުއާއެވެ. ތަސްބީހަތަކާއި ޒިކުރުތަކެވެ. އަނެއް ބަޔަކު އަޑުން އަޑުނަގާ ރޮނީއެވެ. ދެން ދުވަހަކުވެސް މިފަދަ ދެވަނަ ވޭނެއް ހަޔާތުގައި އަޅާކަށް ބޭނުމެއް ނޫނޭ ކިޔަމުންނެވެ.
އަހަރެންވެސް އޮތީ އެތަނުން އެނދެއްގައެވެ. ދުނިޔެއާ ހަނގުރާމަކުރާ ހާލުގައެވެ. ކެތްތެރިވެގެން ހެޔޮ ދުއާ ކޮށްލަކޮށްލައެވެ. އަޅާވޭނުން ކެތް ނުވެވިގެން ބައެއް ފަހަރުފަހަރު ”ހާދަ ތަދެކޭ މިވަނީ“ ބުނެލެވެއެވެ. މަރަށް ތައްޔާރުވެގެން އޮތްއިރު އަހަރެންގެ ހުވަފެންތަކުގެ ”ހުޅުކޮޅު“ ލޮލުގެ ކުރިމަތީގައި ހެލިލަހެލިލާ ހުއްޓެވެ. ރިއްސަނީ ވަކިތަނަކަށް ނޫނެވެ. ބަނޑަށެވެ. ބުރަކައްޓާއެކު އުނަގަނޑަށެވެ. ހަމައަށް އޮށޯވެލައިފިއްޔާ ހޮޑުލެވެއެވެ. ގައިގެ ވަރުދިޔައީ ދެރަވަމުންނެވެ. ލޮލުގެ ފެނުން ފަނޑުވަމުން ދާވަރަކަށް އަހަރެން އަޒުމް ވަރުގަދަކުރަން މަސައްކަތް ފެށީމެވެ. ކުރުނބާ ގެނެސްދިނުމަށް އެދުނީމެވެ. ކުރުނބައަކަށްފަހު ކުރުނބައެއް ބޮމުން ހުސްކުރަމުންދިޔައީމެވެ.
އަހަރެން ބޭނުންވީ ހިތްވަރު އެލުވާނުލުމަށެވެ. މިފާއިތުވި ނުމަހާއި ދިހަ ދުވަސްވަންދެން އެހެން މައިންނާއި އަހަރެން ހިތްވަރުކުރި ފަދައިންނެވެ. އެންމެ ހިނދުކޮޅަކުވެސް ނާ އުންމީދެއްނުވަމެވެ. ހެއްދެވި ފަރާތް އަބަދުވެސް އެކުގައި ވާކަމަށް ޔަގީން ކުރަމުން ކެތްކުރީމެވެ. އަޅާ ވޭންދިޔައީ ގަދަވަމުންނެވެ. ކެކުޅުން ދިޔައީ ބޮޑުވަމުންނެވެ. ގަޑީގެ ސިކުންތު ކަށި ހިނގާ މިންވަރު ވެސް އަހަންނަށް ލަސްވިއެވެ. ވަގުތު އައިސް ޖެހޭނީ ކޮންއިރަކު ބާވައެވެ؟
އެންމެ ފަހުން އުންމީދުކުރި ވަގުތު އައިސް ޖެހިއްޖެއެވެ. މެންދަމުން އަލިވެ 3 ޖަހާ އެހާކަންހާއިރު އަހަރެންގެ އުންމީދުތައް މާތް ﷲ ގެ ހެޔޮ ރަހްމަތްފުޅާއެކު ފުރިހަމަވެއްޖެއެވެ. ކަރުނަ އަޅަމުން އުފުލި ވޭންތައް ޒާތެއްގެ ޖަޒްބާތަކަށް ބަދަލުވެ ހިތުގައި އުފާވެރި ރާގު ކުޅެމުން ދިޔައެވެ. އެތެރެއަށްލީ ނޭވާ ބޭރަށް ދޫކޮށްލަށް ނޭގިފައި ބަލަހައްޓައިގެން އޮވެވުނެވެ. ހަޔާތުގައި މިފަދަ ދެވަނަ ތަޖުރިބާއެއް ކުރެވިފައި ނެތް އަހަރެންނަށް މިކަންވީ ހަޔާތުގައި ކުރިމަތިވި އެންމެ ބޮޑު ކާމިޔާބީ ކަމުގައެވެ. ހަނގުރާމައެއް ފަތަހަކޮށް އަވަދިވެގެން އަހަރެންގެ ނިތްކުރިން ހިއްލާފައިވާ ދާ ފޮހެލެވުނުކަހަލައެވެ. މާތް ﷲ އަށް ހާސްހާސް ފަށުން ޝުކުރު ކުރީމެވެ. ލެއްވި ރަޙްމަތެއްގެ ބޮޑުކަމުންނެވެ. ދެއްވި ނިއުމަތެއްގެ އަގުބޮޑުކަމުންނެވެ.
ލޮލުގެ މިސްރާބު ހަމަ އެންމެ ހިނދުކޮޅަކަށްވެސް އެހެން ދިމާއަކަށް ކައްސައެއް ނުލައެވެ. ކައިރީގައި ތިބި މީހުންގެ ކޮންމެ ހަރަކާތެއް ސިކުނޑިއަށް ވީޑިއޯ ކުރަމުން ދިޔައިރު އަހަރެން ލޮލުން ކަރުނަތައް އޮހެމުންދިޔައެވެ. ހޮތިކަރުނައެއް ނޫނެވެ. އުފާވެރި ކަމުގެ ކަރުނައެވެ. ރުއްކުރިކޮޅެއްހާ ދޮން ތުއްތު ދަރިފުޅު ގެނެސް އަހަރެންގެ މޭމަތީގައި ބާވައިފިއެވެ. ފުރާނައަށް ދިރުން ލިބުނުކަހަލައެވެ. ހިތަށް ހަމަޖެހުން ލިބުނެވެ. މިއީ ކޮންފަދަ އުފާވެރި އިހުސާސެއްހެއްޔެވެ؟ ކޮންދަ މާތް ގުޅުމެއް ހެއްޔެވެ؟ ކޮންދަ ޖަޒްބާތެއްހެއްޔެވެ؟ އަހަރެންނަށް ދުނިޔޭގެ ހަޤީގީ މީރުކަން ފުރަތަމަ އިޙްސާސް ކުރެވުނުކަހަލައެވެ. މިއީ ހާދަކުރިން ފެށިގެން އަހަރެން ކުރި އުންމީދެކެވެ. ދެކެމުން ދިޔަ އުފާވެރި ހުވަފެނެކެވެ. މިއަދު އެހުވަފެނުގައި ހާގީގީ ކުލަޖެހުނީއެވެ. މިއީ ހާދަ ބުރައަކާއި ތަކުލީފަކަށްފަހު ލިބުނު ހަދިޔާއެކެވެ. މިހަދިޔާ ހާދަހާވާ އަގުބޮޑެވެ.
ތުއްތު ދަރިފުޅު ބުއްބޯން ފެށުމުން މައިވަންތަ ކަމުގެ އިޙްސާސް މުޅި ހަށިގަޑުގައި އުތުރިއެރިއެވެ. އަތުގެ ބީހުމާއި މުލައްދަނޑީގެ ކޮއްޕުމާއި ބަނޑުގެ ސައިޒަށް އައި ބަދަލާއެކު އެޅިވޭންތަކުން އުފެއްދި ހާއްސަ ޖަޒްބާތުގެ ހަޤީޤީ އިޙްސާސް ކުރެވުނެވެ. އެއީ މައިވަންތަ ކަމުގެ ކުލުނާއި އިޙްސާސެވެ.
ލޯބިލޯބި ކުޑަކުޑަ ތުންފަތަށް ގެންނަމުންދާ ލުއި ހަރަކަތަކާއެކު މަންމަގެ ގާތުން ބޮމުން ދިޔައެވެ. ސީދާ އަހަރެންގެ ލޮލަށް ބަލަހައްޓައިގެން އޮވެއެވެ. ކޮންމެވެސް އެއްޗެއް އަހަރެންނަށް ބުނެދޭ ކަހަލައެވެ. މިއައީއެވެ. މަންމަގެ ހުވަފެންތަކުގެ ރާނީ މިއައީއެވެ. މަންމަ އެދޭފަދައިންނެވެ. އެ މައުސޫމު ތުއްތު ދެލޮލަށް ބަލަހައްޓައިގެން އަހަރެންނަށްވެސް އޮވެވުނީއެވެ.
ވިއްސާ ކޮޓަރީގެ ބޭރުގައި ޖަވާބެއްގެ އިންތިޒާރުގައި ތިބި އާއިލާގެ އެންމެންގެ ދިގު އިންތިޒާރަށް ނިމުމެއް ގެނުވި ޖަވާބުން އެ އެންމެން އިންތިހާއަށް އުފާވިއެވެ. އެ ކުޑަކުޑަ ދަރިފުޅު އޭނާގެ ބައްޕަގެ އުނގުގައި ބޭއްވުމާއެކު މުޅިކާއިނާތު މިލްކްވީ ކަމަށް އޭނައަށް އިޙްސާސްވިފަދައެވެ. ބަފައިވަންތަ ކަމުގެ ކުލުނަކީ ވެސް އެހާމެ ލޯބިވެތި ކުލުނެކެވެ.
ލޯބިލޯބި ދަރިފުޅަށް އަހަރެން ދިނީ މާނަ ރީތި މާތް ނަމެކެވެ. ދީނާގެ ނަމުން ނަންކިއީ އަހަރެން ނަމާ ކުޑަކޮށްވެސް ގުޅުވައިގެނެއް ނޫނެވެ. މާނައާއި ނަމުގެ ރީތި ކަމަށް ބަލައިގެންނެވެ. ހަތް ދުވަސްވީ ދުވަހު ނަންކިޔުމުގެ ކަންތައްތައް ނިމުނެވެ. އެދަރިފުޅު މަޑުމަޑުން ބޮޑުވަމުން ހަރަކާތްތައް އިތުރުވަމުން ދިޔައެވެ. އެ ތުއްތު ދެއަތުން އަހަރެންގެ މޫނުގައި ބީހިލައިފިއްޔާ އަހަރެން ވާ އުފަލަކީ ކާކުގެ ކައިރީ ކިހިނަކުން ބުނެދޭނެ އިޙްސާސެއްކަން ޚުދު އަހަރެންނަކަށްވެސް ނޭނގެއެވެ. އެ ތުއްތު އަނގައިން އަޑެއް އިއްވާލިއަސް އެދިމާއަކަށް އަހަރެން ސަމާލުކަންދެމެވެ. އެ ތުއްތު އަޑުން ރޯލިއަސް އެއީ ކޮންބޭނުމަކު ކީއްވެގެންތޯބެލުމަށް އަހަރެން އަވަސްވެ ގަންނަމެވެ. އެ ތުއްތު ތުންފަތުން ހީލައިފިއްޔާ ދުނިޔެ މިލްކުވީހެއް އަހަރެންނަށް ހީވެއެވެ. ކުރަން ހުރި ހުރިހާ މަސައްކަތެއް ބަހައްޓާފައި އެތުއްތު ދަރިފުޅާއެކު ހުރިހާ ވަގުތެއް ހޭދަކުރީމެވެ. ލޯބިންނެވެ. ފިރުމަމުން އެކި ޚިދުމަތުގައެވެ. ހިންދެމިލާނެ ވަގުތެއް ގިނަފަހަރު އޮންނަނީ ނުވެފައެވެ. އަމިއްލަ ނަފުސަށް ވަގުތު ނުދީ ހުރިހާ ވަގުތެއް ޤުރުބާންކުރީ އެ ދަރިފުޅުގެ ހައްޤުގައެވެ.
ދަރިފުޅު ބޮޑުވަމުން ރޫފަ ޖެހެމުން ދިޔައީ ހީވެސް ނުކުރާހާ ހަލުވި މިނެއްގައެވެ. ލައްވާ އަޑުތައް ގިނަވަމުން ދިޔައެވެ. އެންމެ ފަހުން އަހަރެން އަޑު އަހާހިތުން ކެތް މަދުވެފައި ހުރި ޖުމުލަ އެތުއްތު ތުންފަތުން ބުނެ ގޮވާލިއެވެ. ލޯބި އަޑަކުންނެވެ. ”މަންމާއެވެ“ އުފާވިއެވެ. ބުނެދޭންވެސް ނޭނގޭހާ ބޮޑަށެވެ. ބައްޕައާއި މާމައަށް ގޮވާ ހޯދައެވެ. ބީރަށްޓެހިންނާއި ރައްޓެހިން ދެނެގަންނަން ފެށިއެވެ. ބޭނުންވާ ތަކެތި ފެނުމުން އިޝާރާތްކޮށް ހަދާ ފުރޮޅި އިށީދެ ފިރުކެން ފަށައިފިއެވެ. އެންމެ ފަހުން ހިނގަން ފަށައިފިއެވެ. މަޑުމަޑުންނެވެ. ކޮޅަށް ހުރެފައި ވެއްޓިފައި އަނެއްކާ ތެދުވެފައި ހިނގައި ގަންނަމުންނެވެ. ހިތްވަރުގަދަ އެދަރިފުޅު އަހަރުވީއިރު ދުވެހަދާ ބައެއް ވާހަކަ ދައްކަން ފެށިއެވެ. އަހަރެން ހިތް އުފާކުރަމުން ހެއްވަމުންނެވެ.
އެދަރިފުޅު ބޮޑުވަމުން އެހުރިހާ ބަދަލެއް ވެސް އައީ އަހަރެންގެ އުގުގައި އިނދެގެންނެވެ. އަހަރެންގެ ފެންނަ ފަށުގައެވެ. ފަރިތަކޮށް ވާހަކަ ދައްކަން ފެށުމުން އަހަރެން އަދި މާއުފާވިއެވެ. އަހަރެންދެކެ ލޯބިވާ ވާހަކައާއި ބައްޕަދެކެ ލޯބިވާ ވާހަކަ ބުނަން ފެށުމުންނެވެ. އަހަރެން ބުނާއިރަށް މޫނަށް ޕައްޕިދީ ހަދާ އުޅޭތީވެއެވެ. އަހަރެންގެ ބަސް އަހާތީވެއެވެ. ލޯބިލޯބި އެ ވާހަކަތަކުން އަހަރެން އުފާ ހޯދަމުން ދިޔައިރު ދުވަސްތައް ހޭދަވަމުން ދިޔައީ ވައިރޯޅިއެއް ފައިބައިގެންދާހާ ހަލުވިކޮށެވެ. ހުރިހާ ވަގުތެއްގެ ފޫހި ފިލުވުމަކީ އަދި އުފަލަކީ ވެސް އެ ދަރިފުޅެވެ. ގޭތެރޭގައި ހިނދުކޮޅަކަށް ވެސް ދަރިފުޅު ނެތަސް މުޅި ގެ ހީވަނީ ފަޅު ސަހަރާއެއްހެނެވެ.
މަގުގައި ހިގާފައި ދާއިރު އެދަރިޅު ހިނގަނީ އަހަރެންގެ ހިތް އެދޭވަރަށްވުރެ މާ މަޑުންނެވެ. އަހަރެންގެ ފަރިތަ ހިނގުމާ އެއްވަރަށް އެދަރިފުޅަކަށް އަދި ނުހިނގޭނެއެވެ. އެކަން ދަނެ އަހަރެންގެ ފިޔަވަޅުތައް އަޅަނީ ހަމައެހާމެ ގާތުގައެވެ. ދަރިފުޅު ފަދައިންނެވެ. އަހަރެން ކިތައްމެ ދޫ ފަރިތައަސް އެދަރިފުޅާ މުހާތަބް ކުރަންޖެހެނީވެސް ތުއްތު ބަހުރުވައިންނެވެ. އެދަރިޅު ފަދައިންނެވެ. ކިތައްމެ މީރު ކާއެއްޗެއް ލިބުނަސް ފުރަތަމަ ހަނދާންވަނީ އެދަރިފުޅުގެ މަތިންނެވެ. އަދި އެދަރިފުޅު ކައި ނިމިގެން ބާކީ ހުރިޔާ ނޫނީ އެ އެއްޗެއް އަރުތެރެއަކަށް ނުދެއެވެ. އެދަރިފުޅު ރީތިކޮށް ނަލަހެދިގެން ހުރިއްޔާ އެއީ އަހަރެންގެ ޒީނަތްތެތެރިކަމެވެ. ކުރިން އަހަރެން ނަލަހެދުނީމެވެ. ރީތިވީމެވެ. ރީތި ތަކެތި ގަތީމެވެ. އެކަމަކު މިހާރު އެތަކެތި ފެންނަނީ އެދަރިފުޅުގެ ސައިޒުންނެވެ. އަހަރެންގެ ރީތިކަމަށްވުރެ އިސްކަންދެވެނީ އެދަރިފުޅުގެ ރީތި ކަމަށެވެ. ކުރިން އަބަދު އަހަރެން ބަލިވެއެވެ. އެންމެ ރެއެއްގެ ނިދިން ބައެއް ގެއްލުނަސް އަނެއް ދުވަހު ބޮލުގެ ރިހުމެއް ނުކެނޑެއެވެ. އެކަމަކު މިހާރު އެދަރިފުޅު ބަލިވެއްޖިއްޔާ އަހަރެންގެ ބަލީގެ މަތިން ހަނދާނެއް ނުވެއެވެ. ރޭގަނޑުގެ ހަތަރުދަމު ހޭލާ އިންނަން ޖެހުނަސް ހުރިހާކަމެއް އަނެއްދުވަހު ފުރިހަމަވެއެވެ. ކުރަން ހުރި މަސައްކަތް ފުނި ޖައްސާކަށް ވަގުތެއް ނެތެވެ.
ބޮޑުވަމުން ދިޔަވަރަކަށް ހެޔޮ ނުބައި ކިޔައިދެމުން ދިޔައީމެވެ. ރީއްޗާއި ހުތުރު، ފިންޏާއި ހޫނު ރަނގަޅާއި ނުބައި ވިސްނައިދެމުން ދިޔައީމެވެ. ދީނާ ވީ އަހަރެން އެދުނު ފަދަ ތޫނު ފިލި ބަސްއަހާ ކުއްޖަކަށެވެ. ތިން އަހަރު ވެގެން އައިއިރު ހުރިހާ ވާހަކައެއް ރަނގަޅަށް ދައްކަން ފެށިއެވެ. ސްކޫލަށް ދާން ފެށުމުން ދީނާއަކީ ކޮންކަހަލަ ކުއްޖެއްކަން ޓީޗަރުން ފާހަގަ ކުރިއެވެ. ބޮޑުވަމުން ދިޔަ ދީނާ ބަސް އެހިއެވެ. ކިޔެވި އެވެ. މަންމައާއި ބައްޕަގެ ހުވަފެންތައް ހަޤީގަތަކަށް ހަދައިދެމުން ދިޔައެވެ.
ފުރާވަރަށް އަރައިގެން ދިޔައިރު ދީނާއަށް އަހަރެން ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. ފިރިހެނުންނާއި އަންހެނުންގެ ތަފާތާއި އެ ދެބައިމީހުންގެ ދެމެދުގައި އޮންނަންވީ ދުރުކަން ކިޔައިދިނީމެވެ. ދީނުގެ ކަންތައްތައް އުގަންނައި ދިނީމެވެ. ދީނާއަކީ ދީނަށް ލޯބިކުރާ ކިޔެވުމަށް ސަމާލްކަންދޭ ކުއްޖެކެވެ. އޯލެވެލް ނަތީޖާ ނިމުނު ދުވަހު އެކަން ދީނާ އެންމެންނަށް ހާމަކޮށްދިނެވެ. ގަދަ ދިހަޔަކުން ޖާގަ ހޯދައިގެން ގްރޭޑް 11 އިން ކިޔަވަން ފެށިއެވެ. ސްކޫލް ނިމުމުން ދީނާ ބޭނުންވީ އިތުރަށް ކިޔެވުމަށް ރާއްޖެއިން ބޭރަށް ދިއުމަށެވެ. އަހަރެންނަށް އަހަރެންނާއި ވަކިން ދީނާ ފޮނުވާނެ ހިތްވަރެއް ނުލިބުނެވެ. އެދަރިފުޅު ވާ ކޮންމެ ތަކެއްގައި އަހަރެން ވުމަށް އެދެވެއެވެ. އެދަރިފުޅާއެކު ދިއިރިއުޅުން މެލޭޝިޔާއަށް ބަދަލުވީމެވެ. ކިޔެވުމަށް ޚަރަދުކުރަނީ ދީނާގެ ބައްޕައަށް ލިބޭ އެއްޗަކުން ކަމުގައިވާތީ، ބައްޕަހުރީ ރާއްޖޭގައެވެ. ދީނާއާއި އަހަރެންނާއި ވަކިން އޭނާއަށް އުޅުންވީ ވަރަށްބޮޑު ވޭނަކަށެވެ. އެކަމަކު އެކަމަށް އިންތިހާއަށް އޭނާ ވެސް ކެތްކުރިއެވެ. ދިގު ތިން އަހަރަށްފަހު ދީނާގެ ކިޔެވުން ނިމުމުން އަހަރެމެން ރާއްޖެ އައީމެވެ. ދީނާ އޮފީހަކަށް ވަތްތާ މާގިނަ ދުވަހެއްނުވެ ކުއްޖަކާ ރައްޓެހިވިއެވެ. އެކަމާ ދުލުން އެއްބަސްވިޔަސް ހިތުން އެކަމާ އެސްބަސްވުން އަހަރެންނަށްވީ ވަރަށް އުދަނގޫ ކަމަކަށެވެ. އެއީ އެއްވެސް މީހެއްގެ ފަރާތުން ދެރައެއް އަނިޔާއެއް އަދި ހިތްދަތިކަމެއް އެދަރިފުޅަށް ލިބުމަށް ނޭދެވޭތީވެއެވެ. އެންމެފަހުން އަހަރެން އުންމީދު ނުކުރި ވަގުތު ހަޔާތުން އައިސް ޖެހުނީއެވެ.
މިއަދު އަހަރެން މިރޮނީ އުފަލަކުންނޫނެވެ. ހަޔާތުގައި އުއްމީދު ނުކޮށްހުރި ހިތާމަވެރި ވަގުތު އައިސް ކުރިމަތި ވުމުންނެވެ. އަހަރެންގެ ދީނާ އަހަރެންގެ ހިމާޔަތުން ބީވާތީއެވެ. އަހަރެން އުނގުން ބީއްވާތީއެވެ. ތުއްތު އިރުން ފެށިގެން ލޯބިން ފުރިފައިވާ މި ފަސްބައި އަދިވެސް މިއޮތީ ދީނއަށްޓަކައި ހަމަ އަދިވެސް އެލޯބިން ފުރިގެންނެވެ. އެދަރިފުޅުގެ ހިތް ފުރި ބަންޑުންވިޔަސް މި ލޯބީގެ އުނގުން ޒައްރެއްގެ މިންވަރުވިޔަސް އުނިވިޔަކަ ނުދޭނަމެވެ. މި މަންމަ އެ ދަރިފުޅުދެކެ އަދިވެސް ނުހަނު ލޯބިވަމެވެ. އެންމެ ތުއްތު ދުވަހު ވީފަދައިންނެވެ. އަދި އެ ލޯތްބަށް ދުވަހަކުވެސް ބަދަލެއް ނާނާނެކަން އެއީ ޔަގީން ކަމެކެވެ. އެދަރިފުޅު އެއީ އަހަރެންގެ ހަޔާތުން ލިބިފައިވާ ހަމަ އެކަނި މުދަލެވެ. އެންމެ އަގުބޮޑު ރައުސްމާލެވެ. އަހަރެންގެ ފުރިހަމަ މިލްކެކެވެ. އެއްވެސް ނުފޫޒެއް ބާރެއް އެދަރިފުޅަށް އަހަރެން ނޫން އެހެން މީހެއްގެ ފަރާތުން ހިނގާކަށް އަހަރެން ނުމެ އެދެމެވެ. އެކަމަކު އެއީ އަބަދުވެސް ދުނިޔޭގެ ކަން ހިނގާ އާދައެވެ. އަހަރެންގެ މައިން ބަފައިންގެ ލޯ ތެއްމާލާފައި އެހެން މީހެއްގެ އަމުރުވެރިކަމުގެ ދަށަށް އަހަރެން ދިޔަ ދުވަސް ފަދައިންނެވެ. ގަބޫލުކުރަން ދަތި މިހަޤީޤަތާ އަހަރެންވެސް ޖެހޭނީ ހަމަ ކުރިމަތި ލާށެވެ.
ބުނަން ބޭނުންވިއެވެ. ދީނާއެވެ. މަންމަގެ އުނގުން ފައިބައިގެން ތިދަނީ މަންމައަށް ކޮންކަމެއް ނުކޮށްދެވިގެން ހެއްޔެވެ؟ މަންމަ ދަރިފުޅަށްޓަކައި ނުއުފުއްލަނީ، ކޮށްނުދެނީ ކޮންކަމެއްހެއްޔެވެ؟ މަންމަ އަބަދުވެސް ދަރިފުޅުދެކެ ލޯބި ވާނަމެވެ. ކިތައްމެ ދުރަށް ދިޔަސް މި މަންމަ ދަރިފުޅުގެ މަތިން ހިނދުކޮޅަކަށްވެސް ހަނދާނެއް ނުނެތޭނެއެވެ.
ކައިވެނީގެ ކަންތައްތައް ދީނާއަށްޓަކައި ވަރަށް ފުރިހަމައަށް އަހަރެން ކޮށްދިނީމެވެ. ހިނިތުންވެ ހުރެގެންނެވެ. އަހަރެން ސިއްރުކުރަމުންދިޔަ އުދާސްތައް ދީނާއަކަށް ސިއްރެއް ނުވިއެވެ. ދެއަތުން އަހަރެންގެ މޫނުގައި ހިފާލަމުން އޭނާއާ ދިމާއަށް އަނބުރާލިއެވެ. މަންމަ ތިހާ ދެރަވަންޏާ އަހަރެން ކައިވެންޏެއް ނުކުރާނަމެވެ. ނަޒާންގެ މައިން ބަފައިން ކިތައްމެ އެދުނަސް އެގެއަކަށްވެސް ނުދާނަމެވެ. އަދިވެސް މަންމަގެ ތުއްތު ކުއްޖަކަށްވެގެން މީގޭގައި ހުރެފާނަމެވެ. ގަދަކަމުން އަހަރެން ހިނިތުން ވެލެވީމެވެ. ދަރިފުޅާއެވެ. ކައިވެންޏަކީ ކުރަން ވާޖިބު ކަމެކެވެ. މަންމަގެ ހިތުގައިވާ ލޯބި ތާއަބަދަށް ދެމި އޮންނާނެއެވެ. ކުރާ ކައިވެންޏަކުން އުޅޭ ގެއަކުން އެލޯތްބަކަށް ބަދަލެއް ނާނާނެވެ. އެއަށްވުރެ އެ ލޯބީގެ ހައިބަތު މާވަފުރިހަމައެވެ. ހިއްވަރުކުރަމުން އަހަރެން ބުނީމެވެ.
ތެދެކެވެ. އެދަރިފުޅު ތުއްތުއިރު އެލޯބި ހަރަކާތްތަކުން އަހަރެންގެ ހަޔާތަށް އުފާ ހޯދައިދިނެވެ. އުނގު ފަޅުފިލުވައި ދިނެވެ. ކަންތައްތައް ކުރަން އެނގެން ފެށުމުން އަހަރެންނަށް އެކިއެކި ކަންތައްތައް ކޮށްދީ އަތްގާތްކޮށްދޭން ފެށިއެވެ. ފުރާވަރަށް އަރައިގެން އައިއިރު އަހަރެން ބަލިވުމުން އެހީވެދީ ބޭސްކާންދީ ފައި މޮޑެދީ ފިރުމައިދީ ހެދިއެވެ. ކިޔަވައި ނިމުނުއިރު އަހަރެންނަށް ހޯދައިނުދީ އޮތީ ކޮން ރީތި ނަމެއްހެއްޔެވެ؟ އެދަރިފުޅު އަހަރެންނާއި އެކުގައިވުން އެއީ އަހަރެންނަށް ލިބުނު އުފަލެކެވެ. އޭގެ ބަދަލަކަށް ދުވަހަކު ނޭދެވޭހާ ބޮޑު އުފަލެކެވެ.
މިއަދު މަންމަ މިއޮތީ އެވެ. ތުއްތު ކުއްޖަކު ފަދައިންނެވެ. މީހެއްގެ އެހީތެރިކަން ނުލިބުނިއްޔާ ކާއެއްޗެއްވެސް ނުދިރޭ ހާލުގައެވެ. ތެދުވެ ނޫޅެވޭފަދަ ބަލިހާލުގައެވެ. އެކަނި ނޫޅެވޭ ހާލު އައިސް ޖެހިފައެވެ. ދީނާގެ ބައްޕަވެސް މިދުނިޔެ ދޫކޮށް ހިނގައްޖެއެވެ. އަހަރެންގެ އެކަނިވެރި ދިރިއުޅުމަށް ދީނާ ނޫން ހުރީ ކާކު ހެއްޔެވެ؟
އަހަރެންގެ ލޯބިވާ ދަރިފުޅަށް އެކަން އެނގެއެވެ. މަންމަގެ މައިވަންތަ އިޙްސާސް ދެނެގަތެވެ. ވަޒީފާއިން ނޯޕޭލީވް ނަގައިގެން އެ ހުރީ އަހަރެންގެ ގާތުގައެވެ. ފިރިމީހާގެ ގެއިން އަހަރެންގެ ގެއަށް ބަދަލުވިއެވެ. އަހަރެންގެ އެކަނިވެރިކަން ފިލުވައި ދިނުމަށް އަބަދުމެ އަހަރެންނާއެކު ވަގުތު ހޭދަކުރެއެވެ. އަހަރެންނަށް އޯގާތެރިވެދީ ކާންދީ ފެންވަރުވަދީ ކޮށް ނުދެނީ ކޮން ކަމެއްހެއްޔެވެ؟ ތުއްތުއިރު ދީނާއަށް ބޭނުންވި ހުރިހާ ކަމެއް މިދެއަތުން ކޮށްދިންގޮތަށް މިއަދު ދީނާ އެހުރީ އެގޮތުގައެވެ. އަހަރެން ބޭނުންވާ ހުރިހާ ކަމެއް އެދަނީ ކޮށްދެމުންނެވެ. ހިތް ބުރަކަމެއް ހިތް ބަރު ކަމެއް ނުބާވައެވެ. އެކަން އޭނާގެ ބަސްމަގުން އަހަރެންނަށް ހާމަކޮށްދެއެވެ. އަހަރެންނަށް ދީނާއަށް ދެވުނީ ރަނގަޅު ތަރުބިއްޔަތެކެވެ. އޭގެ ފުރިހަމަ މީރުރަހަ މިއަދު އަހަރެންނަށް އިޙްސާސް ކުރެވެމުން މިދަނީއެވެ.
- ނިމުނީ