އަންދަލުސްއިން "އަސްމަތީގައި ޙައްޖަށް!"

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
މެއި 18, 2026

އަންދަލުސްގެ މުސްލިމް ތިން ރަހުމަތްތެރިން ކަމަށްވާ ޢަބުދުލްޤާދިރު ހަރުކާސީ، ޢަބުދު الله ހަނާންޑޭޒް އަދި ޠާރިޤު ރޮޑްރިގޭޒް ވަނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކާ، ސްޕެއިން ނުވަތަ އަލް އަންދަލުސް އިން މައްކާއަށް، އަސްމަތީގައި 8،000 ކިލޯމީޓަރުގެ އާދަޔާ ޚިލާފު ދިގު ދަތުރެއް ފުރިހަމަކޮށްފައެވެ. އެތިން ރަޙުމަތްތެރިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރީ 1446 ވަނަ އަހަރުއެވެ.

އެމީހުން ދަތުރަށް ފުރީ، 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، އަންދަލުސްގެ ދެކުނުގައި އޮންނަ އަލް މޮނާސްޓަރ މިސްކިތުންނެވެ. އެމީހުންގެ ދަތުރުގައި 2025 ވަނަ އަހަރުގެ މެއި މަހު ސަޢޫދީ ޢަރަބިއްޔާއަށް ވާސިލުވުމުގެ ކުރިން ފަރަންސޭސިވިލާތާއި، އިޓަލީވިލާތާއި، ސްލޮވޭނިއާއާއި، ކްރޮއޭޝިއާއާއި، ބޮސްނިއާއާއި، ސާބިއާއާއި، ތުރުކިޔޭއާއި، ސީރިއާއާއި، އަދި ޖޯޑަން ހިމެނޭގޮތަށް 11 ޤައުމެއް ހުރަސްކޮށް ދަތުރު ކޮށްފައިވެއެވެ.

އެ ތިން އެކުވެރިން، އެ ދަތުރު ފުރިހަމަކުރީ 35 އަހަރު ކުރިން އެމީހުން އިސްލާމްވުމަށް ފަހު ވެފައިވާ ވަޢުދެއް ފުއްދުމަށެވެ. އެއީ މީގެ 500 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން، އަންދަލުސްގެ މުސްލިމުން ބޭނުންކުރި ޤަދީމީ ޙައްޖު މަގުގައި ދަތުރުކޮށް، އެ މަގުގެ ހަނދާންތައް އަލުން ދިރުވައި އާލާކުރުމެވެ. އެމީހުންނާއެކު އެމީހުންގެ ހަތަރުވަނަ އެކުވެރިއެއް ކަމަށްވާ ބުޝެއިބް ޖަދީލްވެސް އެމީހުންނަށް އެހީތެރިވުމަށްޓަކާ ވެހިކަލެއްގައި ދަތުރު ކުރިއެވެ.

އެމީހުންގެ ޙައްޖު ދަތުރު ވަނީ ދުނިޔޭގެ ނިއުސް މީޑިއާތަކުން ވަރަށް ބޮޑަށް ކަވަރުކޮށް، ޑޮކިއުމެންޓް ކޮށްފައެވެ. އޭގެ ތެރޭގައި ބީ.ބީ.ސީ ވޯލްޑް ސާވިސްއާއި، އަރަބް ނިއުސް ހިމެނެއެވެ. އެ ޗެނެލްތަކުން ރަސްމީ ވީޑިއޯ ފީޗާތައް ވެސް ދުރަށް ދައްކާފައިވެއެވެ.

ތަފާތު ބިންމަލަތަކާއި، އާދަޔާ ޚިލާފު މޫސުމީ ޙާލަތްތައް ދައްކުވައިދޭ ވީޑިއޯތައް އެމީހުން ދިޔައީ، އިޖުތިމާޢީ މަންސަތަކުގައި އެމީހުންގެ ފޮލޯވަރުންނާ ހިއްސާ ކުރަމުންނެވެ.

”އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި އޮތީ ޤައުމުތަކުގެ ސަރަޙައްދީ ރޮނގު ހުރަސްކުރުމެވެ. ބައެއް ޤައުމުތަކުގެ ސަރަޙައްދީ ރޮނގު ހުރަސްކުރަން އުނދަގޫވި އެއް ސަބަބަކަށްވީ، އަހަކީ މިހާރު ދަތުރުފަތުރު ކުރުމުގެ ވަސީލަތެއްގެ ގޮތުގައި ނުބެލެވޭތީއެވެ. އެހެންކަމުން ކޮންމެ ޤައުމަކަށް ވެސް ދިރޭތަކެތީގެ ގޮތުގައި އަސްތައް ’އިމްޕޯޓް‘ ކުރަން ޖެހުނެވެ. އެކަމަކު، الحمد لله! މިހާތަނަށް ހުރިހާ ކަރުދާސްތަކެއް ފުރިހަމަ ކުރެވިއްޖެ.“ ހަނާންޑޭޒް ބުންޏެވެ.

”އަސްމަތީގައި ޙައްޖަށް“ އެ ޝިޢާރުގެ ދަށުން ފެށި ދަތުރުގައި، މުސްލިމުންނާއި، ޣައިރު މުސްލިމުންވެސް، އެމީހުންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައިވެއެވެ. ހަނާންޑޭޒް އިތުރަށް ބުނިގޮތުގައި، ”އަހުރެމެން ދިޔަ ކޮންމެ ތާކުންވެސް ދެއަތް ހުޅުވާލައިގެން އަހުރެމެން ބަލައިގަތެވެ. ކޮންމެ ޤައުމަކުން ވެސް ބެލީ، ކުރިން ދިޔަ ޤައުމުން ކީ މަރުޙަބާއަށް ވުރެ ކޮންމެވެސް ގޮތަކުން ތަފާތު މަރުޙަބާއެއް ކިޔުމަށެވެ. މާޝާ الله!“

”މުސްލިމް ގައުމުތަކުގައި ވިޔަސް ނުވަތަ ޣައިރު މުސްލިމް ގައުމުތަކުގައި ވިޔަސް ޤަބޫލުކުރަންދަތި މެހެމާންދާރީއެއް އަދާކޮށްފައިވެއެވެ. އެމީހުންގެ ގެތަކަށް އަހުރެމެންނަށް ދަޢުވަތުދީ، އަހުރެމެންނާއެކު ކެއުން ޙިއްސާ ކޮށްފައިވެއެވެ. އަހުރެމެންގެ ވާހަކަތައް އަޑުއަހައި، އިސްލާމްދީނާ ބެހޭ ގޮތުން މާނަވީ ވާހަކަތަކެއް ދެކެވުނެވެ.“

”މުސްލިމް ޤައުމުތަކުން އަހުރެމެންނަށް ތަޖުރިބާ ކުރެވުނު މެހުމާންދާރީ ވަކިން ބޮޑެވެ. އަހުރެމެންގެ އުއްމަތުގެ ތެރޭގައި އޮތް އެއްބައިވަންތަކަމުގެ ފުން އިހުސާސް ވަރަށް ރަނގަޅަށް ދައްކުވައިދިނެވެ. އިސްލާމީ އެ ރިވެތި ރޫޙު، ތުރުކީއާއި ސީރިއާގެ ފަހުގެ ވީޑިއޯތަކުން ވަރަށް ސާފުކޮށް ފެންނާނެއެވެ.“

އެމީހުން ދަތުރަށް ނުކުތީ ކުޑަ ފައިސާކޮޅަކާ އެކުގައެވެ. ނަމަވެސް، ދަތުރުގެ ތަފާތު ޚަރަދުތައް ހަމަޖެއްސުމަށް، ދަތުރުކުރި މަގުމަތީގައި ދިމާވި މަޙައްލީ ނުވަތަ ލޯކަލް މުސްލިމުންގެ އެހީތެރިކަން ވަރަށްބޮޑަށް ލިބުނެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *