ނ. ކެނދިކުޅުދޫ އަޙްމަދު އީސާގެ ނަން އަޑުއިވުމާއެކު ފުރަތަމަ ވެސް ހަނދާނަށް އަންނަނީ އެމްޑީޕީއެވެ. އެމްޑީޕީއާއި އީސައާ ގުޅުންބޮޑުކަމުންނެވެ.
އީސައަކީ އެމްޑީޕީ ވުޖޫދުވީއްސުރެން ދެގޮތެއްނުވެ އެޕާޓީގައި ހުންނެވި ވަރުގަދަ ލީޑަރެކެވެ. އޭނާ ވަނީ އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ކެނދިކޮޅުދޫ ދާއިރާއިގެ ރައްޔިތުންގެ މަޖިލީސްގޮނޑި ދެފަހަރެއްގެ މަތީން ކާމިޔާބުކޮށް 10 އަހަރު މަޖިލީހުގައި މަސައްކަތް ކުރައްވައިފައެވެ.
މީގެ އިތުރުން އޭނާ ވަނީ ދެ ފަހަރެއްގެ މަތީން އެމްޑީޕީގެ ކެނދިކުޅުދޫ ދާއިރާގެ ރައީސްކަން ކޮށްފައެވެ. އީސައަކީ ފެށުނީއްސުރެން އެމްޑީޕީގެ އެޑުވައިޒަރީ ކޮމިޓީގެ މެންބަރެކެވެ. އެކޮމިޓީގައި ވެސް އޭނާވަނީ ޕާޓީގެ އިތުބާރު ހޯދައިފައެވެ. މިފަދަ އެތައް ކަމެއްކޮށް އީސަވަނީ ޕާޓީގެ ލީޑަރޝިޕާއި އާންމު މެންބަރުންގެ ލޯތްބާއި އިތުބާރު ހޯދައިފައެވެ.

އީސައަކީ ޕާޓީން އެފަހަރަކު ބޭނުންވާ މަގާމަކަށް ކުޅެވޭނޭ ފެންވަރުހުރި ކުޅަދާނަ ކުޅުންތެރިއެކެވެ. ފޯވާޑަށް ކުޅެއްޖެހިއްޖެނަމަ އެމަގާމަށެވެ. މެދުތެރެއަށް ކުޅެން ވެއްޖެނަމަ އެމަގާމަށެވެ. ދެ އަރިމަތީން ކުޅެން ވެސް އެވަރެއްނެތެވެ. ޑިފެންސަށް ކުޅުމަށްވުރެ އޭނާ އިސްކަންދެނީ އަބަދުވެސް ކުރިއަށްކުޅެ ގޯލު ޖަހާށެވެ. ނަމަވެސް ގޯލް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފި ކަމަށްވާނަމަ އޭނާ ހުންނަ ގޯލަކަށް ލަނޑެއް ވައްދާލުމަކީ ފަސޭހަ ކަމެއްނޫންކަން އޭނާ މިހާރުވެސްދަނީ ސާބިތު ކޮށްދެމުންނެވެ.
މިއީ ކުޅަދާނަ އެކްޓިވިސްޓެކެވެ. ދޫހެލޭ ވާހަކަދެއްކުންތެރިއެކެވެ. ސިޔާސީ ކަނޑުގައި ދެމޭ އޮއިވަރު ނިކަން ރަނގަޅަށް ދަންނަ މާލިމީއެކެވެ. ސިޔާސީ ގަދަކަނޑުގައި ނަގާ ބިޔަ ރާޅުތަކުގެ މަތީން އޮޑިދުއްވަން ދަންނަ ކައްޕިތާނެކެވެ. ދެވިލާގަނޑު ދެމެދުގައި ވެސް މަންޒިލަށް ދެމިގަންނަން ދަންނަ ހުށިޔާރު ސިޔާސީ އެކެވެ.
އީސާގެ ވާހަކަ ދައްކަންޏާ އެވާހަކަތަކެއް ހުހެއް ނުވާނެއެވެ. ސިޔާސީ ދާއިރާއަށްވަނީ މަސައްކަތްތެރީންގެ ހައްގުގައި ވަކާލާތުކޮށް އެމީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތްފެށި ހިސާބުންނެވެ. ސިޔާސީ ހަޔާތްވެސް ފެށީ އެމްޑީޕީންނެވެ.

މި ޚިދުމަތްތެރިޔާގެ ޚިދުމަތް އަދިވެސް އެމްޑީޕީއަށް ބޭނުންވެއެވެ. ޚިދުމަތުގައި ދެމިހުރުމަށްޓަކައި މިހާރު އޭނާވަނީ އައު ކަމަކަށް ފައިނަގާފާއެވެ. އެއީ ޕާޓީގެ މަތިއުތުރު ޕްރޮވިންސްގެ ރައީސް ކަމެވެ. އޭނާ މިހާރުވެސްދަނީ އެމަންޒިލަށް ދަތުރުކުރަމުންނެވެ. އެކަމަށްޓަކައި ދާއިރާގެ މެންބަރުންގެ ތާއީދު އީސަ ބޭނުންވެއެވެ. އެހީތެރިކަން ބޭނުންވެއެވެ. ވޯޓު ބޭނުންވެއެވެ. އެހެން ކަމުން އެތެރޭގެ އިންތިޚާބުގައި އޭނާއަށް އެންމެން ވޯޓުދީ މަތިއުތުރު ޕްރޮވިންސްގެ ރައީސް ކަމަށް އީސަ އިންތިޚާބުކޮށްދިނުމަކީ މެންބަރުން ޕާޓީއަށް ކޮށްދޭ ހެޔޮކަމެއް ކަމުގައިނޫނީ ނުވާނެއެވެ.
އީސަގެ ކެންޕޭން މިހާރުވަނީ މެކުހަށް ނުޖެހިޔަސް އެންމެ މަތީ ހަރުފަތުގައެވެ. އޭނާގެ ޓީމުގެ މަސައްކަތުގެ ސްޕީޑު ބާރެވެ. އީސައަށް އޮތް ތާއީދު ބޮޑެވެ. މިފަދަ މަގާމަކަށް އިންތިޚާބު ކުރަން އީސަ ފަދަ ތަޖުރިބާހުރި މީހަކު އިޚްތިޔާރު ނުކުރަންވީ ކީއްވެހެއްޔެވެ؟ ގޮތް ނިންމާނީ ޕާޓީގެ މެންބަރުންނެވެ. މަތި އުތުރު ޕްރޮވިންސާއި އެމްޑީޕީގެ ކުރިމަގަށް އެންމެ އެކަށީގެންވާނީ ޕާޓީގެ ފަސްމަގުވެސް ދަންނަ އީސަ ފަދަ ލީޑަރެކެވެ.
އެ މަގާމަށް އީސަ ހޮވަންޖެހެނީ ޕާޓީއަށްޓަކައި އޭނާވެފައިވާ ތެދުވެރި ގުރުބާނީގެ ސަބުންނެވެ. ޕާޓީ ވަރުގަދަކޮށް ހައްގުތައް ލިބިގަތުމަށްޓަކައި ކުރި މަސައްކަތުގެ ސަބަބުންނެވެ. އޭނާގެ ސިޔާސީ އަދި އިޖުތިމާއީ ތަޖުރިބާގެ ސަބަބުންނެވެ.

ޕާޓީއާއި މެންބަރުންގެ ހައްގުގައި ކުރި މުޒާހަރާތަކާއި އެއްވުންތަކުގައި އީސައަށް ވަނީ އެތައް ނުރައްކަލަކާ ކުރިމަތިލާން ޖެހިފައެވެ. އެތައް އަނިޔާއެއްވަނީ ލިބިފައެވެ. އެތައް ފަހަރަކު ހުރަގެއަށްލިއެވެ. ބިރުދެއްކިއެވެ. އެހެންނަމަވެސް މިއިން އެއްވެސް ކަމަކުން އީސަ ގުޑައެއް ނުލިޔެއެވެ. ދެންވެސް ގުޑާނުލާނެއެވެ.
އެހާރުވެސް އީސައެހުރީ ރައްޔިތުންގެ މީހެއްގެ ގޮތުގައެވެ. ދެންވެސް ހުންނާނީ ރައްޔިތުންގެ ވަކީލެއްގެ ގޮތުގައި ހައްގުބަސް ބުނާށެވެ.
ރައްޔިތުންގެ ހައްގުގައި އޭނާ ނުކުރާނޭ ކަމެއް ނޯންނާނެއެވެ. އަބަދުވެސް ކަންކަން ރާވާނީ ރައްޔިތުންނަށް އެންމެ ފައިދާހުރިގޮތަށް ކަމަށް އޭނާ ބުންޏެވެ.
އެމްޑީޕީގެ ރަންރީނދޫ ލަޝްކަރުގެތެރޭގައި ހިމެނޭ މި ލީޑަރުގެ ހުރިހާ ފިކުރަކާއި ޚިޔާލެއް ގުޅިފައިވަނީ މި ގައުމުގެ ކުރިއެރުމާއެވެ. ރައްޔިތުންގެ ކުރިމަގާއެވެ. ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަންކަން ބައްޓަންކޮށް، ތަންފީޒު ކުރުމަކީ އޭނާއަށް ލިބޭ އުފަލެކެވެ.
މަޖިލީހުގެ ތަޅުމުގައާއި ކޮމިޓީތަކުގައި އީސަގެ އަޑުވެގެންދިޔައީ އޭރުވެސް ގަދައަޑެކެވެ. އަޑާ އެއްވަރަށް މަސައްކަތް ވެސް ކުރިއެވެ. އީސައަކީ އަދިވެސް އެ އަޑުގެ ވެރިޔާއެވެ. އެ ހިތްވަރުގެދަ ލީޑަރެވެ. އީސަ ބޭނުންވަނީ އޭނާގެ ސިޔާސީ ތަޖުރިބާ ބޭނުންކޮށްގެން ރައްޔިތުންނަށާއި އެމްޑީޕީއަށް ފާގަތިކަމާއި އަމާންކަމުން ފުރިފައިވާ މުސްތަގުބަލެއް ކަށަވަރު ކޮށްދޭށެވެ. އީސަ އެކަން ކުރާނެއެވެ. އެހެންނަމަވެސް ރައްޔިތުންގެ އެހީތެރިކަމާއި މަދަދާ އެކުގައެވެ.
އީސަގެ އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ޕާޓީގެ އުޞޫލުތަކާއި ހަމަތައް ހިފަހައްޓާ މެންބަރެއްގެ ގޮތުގައެވެ. ސިޔާސީ ހަރަކާތްތަކުގައި އޭނާ އެންމެބޮޑަށް އިސްކަންދެނީ އިންސާފަށެވެ.
މަތިއުތުރު ޕްރޮވިންސް ދާއިރާގެ ރައީސް ކަމަށް އޭނާ ކުރިމަތިލީ އެމްޑީޕީ ޕާޓީއެއްގެ ގޮތުގައި ވަރުގަދަކޮށް ލީޑަރޝިޕާ ގުޅިގެން ހަރަކާތްތައް ދިރުވައި، ވަރުގަދަ ކުރުމަށެވެ. އަދި މެންބަރުންގެ އަދަދު އިތުރުކޮށް މި ލަޝްކަރު ވަރުގަދަ ކުރުމަށެވެ. މިކަން އެންމެ އެދެވޭގޮތަށް ކުރުމަށްޓަކައި މަތިއުތުރު ޕްރޮވިންސްގެ ރައީސް ކަމަށް އީސަ ހޮވައިގެންނެވެ.






