އަލްޕް އަރުސަލާންގެ ފުރިހަމަ ނަންފުޅަކީ މުޙައްމަދު އަލްޕް އަރުސްލާން ބިން ދާއޫދު ޖުޣުރީއެވެ. އެއީ ސަލްޖޫޤީ ދައުލަތުގެ ދެވަނަ ރަސްގެފާނެވެ. އޭނާއަކީ ސަލްޖޫޤީ ސުލާލަތާއި، ސަލްޖޫޤީ އަމްބަރާޠޫރިއްޔަތުގެ ނަން، އެފަރާތަކަށް ނިސްބަތްވާ، ސަލްޖޫޤީ ދައުލަތުގެ ބާނީ ސަލްޖޫޤުގެ ކާފަދަރިކަލެކެވެ. އޭނާގެ ރަސްކަން 1063 ވަނަ އަހަރުން ފެށިގެން 1072 ވަނަ އަހަރު އަވަހާރަކޮށްލުމާ ހަމައަށް ދެމިއޮތެވެ.
އަލްޕް އަރުސަލާން ވަނީ ދެކުނާއި، އިރުމައްޗާއި، ހުޅަނގު އުތުރުގެ ވާދަވެރިން ބަލިކުރައްވައި، ސަލްޖޫޤީ ދައުލަތް ވަރަށް ބޮޑަށް ފުޅާކުރައްވައި، އޭނާގެ ބާރު ގަދަކުރައްވާފައެވެ. މީލާދީން 1071 ވަނަ އަހަރު ހިނގި މަލާޒުކަރުދު ނުވަތަ މަންޒިކަރޓް ހަނގުރާމައިގައި ބައިޒަންޠީނުންގެ މައްޗަށް އޭނާ ހޯއްދެވި ކާމިޔާބީގެ ސަބަބުން އަނަޓޯލިއާގައި ތުރުކީންނަށް ވަޒަންވެރިވުމުގެ ފުރުސަތު ލިބުނެވެ. އޭނާގެ އަސްކަރީ ކާމިޔާބީތަކުގެ ސަބަބުން ތުރުކީ ބަހުން އޭނާގެ ނަންފުޅަކަށް ”އަލްޕު އަރުސަލާން“ އޭ މުޚާޠަބު ކުރެވެއެވެ. އޭގެ މާނައަކީ ސިންގާއެއް ފަދަ ބަޠަލެވެ.
އެމެރިކާގެ ތާރީޚު ޢިލްމުވެރިޔާ އަދި ފަލްސަފާވެރިޔާ ވިލް ޑޫރަން ލިޔުއްވާ ގޮތުގައި، މީލާދީން 1071 ވަނަ އަހަރު ސެލްޖޫގީ ސުލްޠާން އަލްޕް އަރުސަލާން (1063-1072) އާއި ރޫމީ ރަސްގެފާނު މައިކަލް ހަތްވަނަ (1067-1078) އާއި ދެމެދު ކޮންމެވެސް ކަމަކާ މެދު ޚިޔާލުތަފާތުވެ، އެންމެފަހުން އެކަން ބޮޑުވެ، ހަނގުރާމައާ ހިސާބަށް ޙާލަތު ގޯސްވެގެން ދިޔައެވެ.
ރަސްގެފާނު މައިކަލް 100،000 ހަނގުރާމަވެރިންނާއެކު ނުކުމެވަޑައިގަތެވެ. ސުލްޠާން އަލްޕް އަރުސަލާންގެ އަރިހުގައި ތިއްބެވީ އެންމެ 15،000 ހަނގުރާމަ ވެރިންނެވެ. އެހެންކަމުން އަލްޕް އަރުސަލާން ސުލްހައިގެ މެސެޖެއް ރޫމީ ރަސްގެފާނު މައިކަލްއަށް ފޮނުއްވިއެވެ. އެކަމަކު، ރޫމީ ރަސްގެފާނު މައިކަލް އެކަމާ ދެކޮޅު ހައްދަވައި، ހަނގުރާމަ ފެއްޓެވިއެވެ.
އެންމެފަހުން، ހަނގުރާމަ ނިމުނުއިރު، ރޫމީ ރަސްގެފާނު މައިކަލްގެ އެ ބިޔަ ލަޝްކަރު ބަލިވެ، ރަަސްގެފާނު މައިކަލް އަސީރު ކުރެވުނެވެ. އަދި އަލްޕް އަރުސަލާންގެ ކުރިފުޅު މައްޗަށް މައިކަލް ގެންނަވާ އޭނާއާ ސުވާލު ކުރެއްވިއެވެ. ”އަހުރެން އަސީރުކުރެވި ކަލޭގެ ކުރިމައްޗަށް މިގޮތަށް ހުށަހެޅުނުނަމަ، އަހުރެންނާ މެދު ކަލޭ ކަންތައް ކުރާނީ ކިހިނެތް ހެއްޔެވެ؟“
މައިކަލް ވިދާޅުވިއެވެ. ”އަހުރެން ޗާބޫކަކުން ތަޅައި، ކަލޭގެ ހަންގަނޑު ނޮޅައިލީމުހެވެ.“
އަލްޕް އަރުސަލާން ވިދާޅުވިއެވެ. ”ތިޔައީ މުސްލިމަކާއި ނަސްރާނީއަކާ ދެމެދު ހުރި ފަރަޤެވެ.“
އެއަށްފަހު، ރަސްގެފާނު މައިކަލްއަށް ވަރަށް ކަމޭހިއްތަވާ، އެތައް ހަދިޔާއަކާ އެކު، އޭނާގެ ރަސްކަން އަނބުރާ އޭނާއަށް ދެއްވަވައި، ވަރަށް ޤަދަރާއި އިޙުތިރާމާއެކު އޭނާ ފޮނުއްވާ ލެއްވިއެވެ.
މަސްދަރު: ދަ ބެނެވެލަންސް އޮފް އިސްލާމް އޮން ޔޫރަޕް، ޞ. 129






