ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ އަވަހާރަކޮށްލުމަށް ސީއައިއޭ އިން ވާގި ލިބިގެން ކުރި މަސައްކަތް ނާކާމިޔާބުކޮށްފައިވާ ކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ޑިއޯސްޑާޑޯ ކަބެލޯ ވިދާޅުވީ މިކާ ގުޅިގެން އެމެރިކާގެ ސިފައިންގެ ބަޔަކާއި، އެގައުމުގެ އިތުރު ތިންމީހަކާއ، ސްޕެއިންގެ ދެ މީހަކާއި، ޗެކް ޖުމްހޫރިއްޔާގެ ތިން މީހަކު ބަންދުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ބަންދުކުރި މީހުންގެ އަތުން ސިފައިން ގެންގުޅުމަށް ޚާއްޞަ އެތައް ސަތޭކަ ބަޑިއާއި ވަޒަން އަތުލައިގެންފައިވާ ކަމަށެވެ.
ޖުލައި މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި މަޑޫރޯ ތިން ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވީ %52 ވޯޓާއެކުގައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރުން ވޯޓު އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.
އޭގެ ފަހުން އެމެރިކާ، އީޔޫ، ލެޓިން އެމެރިކާގެ ގިނަ ޤައުމުތަކާއި ޖީ7 އިން ވަނީ މަޑޫރޯ އަކީ އިންތިޚާބުވެފައިވާ ރައީސްގެ ގޮތުގައި ބަލައިގަތުމަށް ދެކޮޅު ހަދާފައެވެ.
ވެނެޒުއެލާގެ ވެރިރަށް ކަރަކަސް އިން ވަނީ ވޮޝިންޓަން އިން ބަޣާވާތެއް ކުރަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށްފަ އެވެ. ހޮނިހިރު ދުވަހު ބްރޯޑްކާސްޓަރު ޓެލެސޫރާ އަށް ދެއްވި އިންޓަރވިއުގައި ކެބެލޯ ބުނީ އަފްޣާނިސްތާނާއި އިރާޤުގައި މިޝަންތައް ހިންގައިގެން މެޑެލް ދީފައިވާ އެމެރިކާގެ ނޭވީ ސީލް ގެ މެމްބަރެއް ކަމަށްވާ ވިލްބަޓް ކަސްޓަނޭޑާ ކިޔާ އެމެރިކާގެ ރައްޔިތަކީ ބަޣާވާތް ގެނައުމަށް އިސްކޮށް ހުރި ލީޑަރު ކަމަށެވެ. އޭނާ ހައްޔަރުކުރީ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ތަރުޖަމާނަކު ވަނީ މިމީހާގެ ވަނަވަރު މީޑިއާއަށް ކަށަވަރުކޮށްދީފައެވެ. އަދި ވެނެޒުއެލާގައި އެމެރިކާގެ ގިނަ ރައްޔިތުންތަކެއް ހިފަހައްޓާފައިވާ ކަމަށާއި އޭގެ ތެރޭގައި ސިފައިންގެ އޮފިސަރުން ހިމެނޭ ކަމަށް ބުނެފައެވެ.






