އިންޑިއާގެ ޖައްވީ އިގްތިސާދު ސައުރަޔާޅީސް ބިލިއަން ޑޮލަރަށް ތަރައްޤީ ކުރަނީ

އިބްރާހީމްް ސަމީރު
ސެޕްޓެމްބަރ 19, 2024

އިންޑިއާގެ ޖައްވީ އިގްތިސާދު މިހާރު 8.4 ބިލިއަން ޑޮލަރަށް ތަރައްޤީވެފައިވާ އިރު އެގައުމުގެ އަމާޒަކީ، 2033 ވަނަ އަހަރުގެ ނިޔަލަށް ޖައްވީ އިޤްތިޞާދު 44 ބިލިއަން ޑޮލަރަށް ތަރައްޤީ ކުރުމެވެ.

ދުނިޔޭގެ އެކި އޯބިޓްތަކުގައި އިންޑިއާގެ ސެޓެލައިޓްތައް އިތުރުވުމަކީ އަސްކަރީ ޙަރަކާތްތައް މޮނީޓާކޮށް ދުނިޔޭގެ ބިމުގެ ކަންކަން ބެލެހެއްޓުމުގައި އިންޑިއާ ބާރަކަށް ވެގެންދާނެ ކަމެކެވެ. އަދި ސެޓެލައިޓު އުފެއްދިއަސް ޖައްވަށް އެތަކެތި ފޮނުވުމުގެ ޤާބިލުކަންކުޑަ ޤައުމުތަކަށް އިންޑިއާ ވެފައި ވަނީ، އިތުބާރުކުރެވޭ ބައިވެރިއެއްގެ ގޮތުގައި ކަމަށް އިންޑިއާގެ ޖައްވީ އިދާރާ އިސްރޯ އިން ބުނެއެވެ. އެހެންވެ، ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ޖައްވީ ޤާބިލުކަން އިތުރު ކުރުމަށް މިހާރުކުރަމުންދާ މަސައްކަތާއެކު، އިންޑިއާގެ ޖައްވީ ކުޅަދާނަކަން 10 ގުނައަށް އިތުރުކުރުމަށް ރާވާފައިވާ ކަމަށްވެސް އިސްރޯއިން ބުނެއެވެ.

އިންޑިއާއިން ވަނީ 61 ގައުމަކާއި އެތައް ޖައްވީ ދާއިރާއަކާއި ޖަމުއިއްޔާތަކައެކު ޖައްވީ ރޮނގުން އެއްބާރުލުން ދޭ އެއްބަސްވުންތަކުގައި މިދިޔަ ފަސް އަހަރު ތެރޭގައި ސޮއިކޮށްފައެވެ.

”ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ޖިއޯ އިންޓެލިޖެންސް އެއްކުރުމަށް ބޭނުންކުރާ ސެޓެލައިޓްތަކާއެކު، މަދުވެގެން 50 އާއި 70 އާއި ދެމެދުގެ އަދަދަކަށް ސެޓެލައިޓް ފޮނުވާލުމަށް ހަމަޖެހިފައިވޭ،“ އިސްރޯގެ ވެރިޔާ އެސް. ސޯމާނާތު ވިދާޅުވި އެވެ.

އިންޑިއާއިން މިހާރު ވަނީ އިނގިރޭސިވިލާތް، ލަކްޒަމްބަރގް، ލިތުއޭނިއާ، ސްޕެއިން، އިޒްރޭލް، ބްރެޒިލް، ސިންގަޕޫރު އަދި ސްވިޒަލޭންޑް ފަދަ ގައުމުތަކާ އެކު ޖައްވީ ތަފާތު އެއްބަސްވުންތައް ހަދާފައެވެ. އަދި އިންޑިއާއިން ވަނީ، 2019 ވަނަ އަހަރާއި 2024 ވަނަ އަހަރާ ދެމެދު، އެ ޤައުމުތަކުން ހަދާފައިވާ ޖުމްލަ 163 ސެޓެލައިޓް ފޮނުވައި ދީފައެވެ.

މި ލިޔުމާ ގުޅޭ