10 ވަނަ ޤަރުނުގެ ތެރޭގައި، ބަދަވީންގެ މީހަކު، އޭނާގެ ޖަމަލު ގެއްލިގެން، އެ ޖަމަލު ހޯދުމަށްޓަކާ ސަހަރާގެ ތެރެއަށް ނުކުމެ އުޅުނެވެ. އެކަމަކު، ޖަމަލުގެ ބަދަލުގައި އޭނައަށް ފެނުނު އަގުބޮޑު ތަނަކީ، އެތަނެއް ހޯދުމަށްޓަކާ އެތައް ޤަރުނެއް ވަންދެން މީހުން މަސައްކަތް ކުރަމުން އައި ތަނެކެވެ. ރަނުގެ ގަނޑުވަރުތަކާއި، ރިހީގެ ފާރުތަކާއި، ޖަވާހިރާއި، ޔާޤޫތާއި، އަލިމަހާއި، ޒަބަރުޖުދާއި، އަދި އަގުބޮޑު ގަހަނާއިން ފުރާލެވިފައިވާ މަގުތަކާއި، ގޯޅިތައް ހިމެނޭ ސަހަރެކެވެ. އެ ސަހަރުގައި، އެއްވެސް އިންސާނަކު ނޫޅެއެވެ. އެއްވެސް އަޑެއް ބަޑެއް، އަދި މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ފާރަވެރިންނެއްވެސް ނެތެވެ.
ތާރީޚު ޢިލްމުވެރިއެއް ކަމަށްވާ، އަލް ޙަސަން އަލް ހަމްދާނީ ލިޔުއްވާފައިވާ ގޮތުގައި، އެ ސަހަރަކީ ”އިރަމް“ އެވެ. އާދެ، ޢާދުބާގައިގެ މީހުންގެ ގެއްލުނު ސަހަރެވެ. ކީރިތި ޤުރުއާނުގައި، އެ ސަހަރުގެ ވާހަކަ ޒިކުރު ކުރައްވާފައިވަނީ ”އިރަމް“ ގެ ނަމުންނެވެ. ފަޖުރު ސޫރަތުގެ 7 ވަނަ އާޔަތާއި، އަދި 8 ވަނަ އާޔަތުގައި، މާތް الله ވަޙީކުރައްވާފައިވެއެވެ.
إِرَمَ ذَاتِ الْعِمَادِ (٧) ٱلَّتِى لَمْ يُخْلَقْ مِثْلُهَا فِى ٱلْبِلَـٰدِ (٨)
މާނައީ: ”އެއީ ތަނބުތަކުގެ ވެރި އިރަމް، އޭ ކިއުނު ރަށުގެ އަހުލުވެރިންނެވެ.(٧) އެ ބިނާތަކަކީ ރަށްތަކުގައި އެފަދަ ބިނާތަކެއް ހެދިފައިނުވާ ފަދަ ބިނާތަކެކެވެ.(٨)“
ޢާދުބާގައިގެ މީހުންގެ މައްޗަށް الله ގެ ޢަޒާބު ކުރިމަތިވެ، ސަހަރާގެ ތެރޭގައި، އެ ސަހަރު ވަޅުލެވި ހަލާކުވެ ދިޔައީ ކަމަށް ބުނެވެއެވެ. އެކަމަކު، އަލްހަމްދާނީ ލިޔުއްވާފައިވާ ގޮތުގައި، ޢަބުދު الله ބިން އަބީ ކިލާބާއޭ ކިޔުނު ބަދަވީންގެ މީހަކު އުޅުނެވެ. ކިލާބާ، އޭނާގެ ޖަމަލު ގެއްލިގެން، އެ ޖަމަލު ހޯދުމަށްޓަކާ ސަހަރާތެރޭގައި އުޅެނިކޮށް، ކުއްލިއަކަށް ސަހަރަކާއި ހިސާބަށް އޭނާއަށް އާދެވެއެވެ. އުސް ފާރުތަކާއި، ވިލާތަކާއި ވާހަކަ ދައްކާ މުންނާރުތަކާއި، ގަނޑުވަރުތައް އޭނާއަށް ފެނުނެވެ. އޭނާ، ފުރަތަމަ ހީކުރީ، އެއީ މީހުން އާބާދުވެފައިވާ ސަހަރެއް ކަމަށެވެ. އެކަމަކު، އޭނާ ސަހަރުގެ ތެރެއަށް ވަނުމުން، އެތާކު އެއްވެސް މީހަކު ނޫޅޭކަން އެނގުނެވެ.
ސަހަރަށް ވަންނަން ހުރި ދޮރުތަކާއި، ގަނޑުވަރުތަކަށް ވަންނަން ހުރި ދޮރުތައް އެހާމެ އުސްވެފައި، ބޮޑެވެ. އޭނާ ބުނެފައިވާ ގޮތުގައި، އެވަރުގެ ކަމެއް އޭނާ ދުވަހަކުވެސް ދެކިފައި ނުވެއެވެ. ރަނާއި، ރިއްސާއި، ޖަވާހިރާއި، އަލިމަހާއި، ޒަބަރުޖުދާއި، ޔާޤޫތާއި، އަދި އަގުބޮޑުވެގެންވާ ގަހަނާތައް ހުރީ މަގުމައްޗަށް އުކާލެވިފައެވެ. އަދި އެ ސަހަރުގައިވާ ގަނޑުވަރުތަކުގެ ދަށުން ކޯރުތައް ދެމިގެން ގޮސްފައިވެއެވެ. ބޮޑެތި މަގުތަކުގައި ހައްދާފައިވާ މޭވާއަޅާ ގަސްގަހުގައި ހުރީ މޭވާ އަޅާ ފުރިފައެވެ. އެކަމަކު، ބިންނާނެ މީހަކު ނެތެވެ. ބައެއް ޢިމާރާތްތަކުގެ ފާރުތައް، ރާނާފައި ހުރީ ރަނާއި، ރިހީގެ ގަލުންނެވެ.
ޢަބުދު الله ބިން އަބީ ކިލާބާ ބުނެފައިވެއެވެ. ”އަހުރެންނަށް ހީވީ، އެއީ އާޚިރަތުގައި ދެއްވާނެ ކަމަށް ވަޢުދުކުރައްވާފައިވާ ސުވަރުގެ ކަމަށެވެ. އެކަމަކު، އެ ސަހަރަށް ބަލާލުމުން ހީވަނީ، އެއީ އެންމެ ރެއަކުން ފަޅުކޮށްފައިވާ ސަހަރެއް ހެންނެވެ.“ އަދި، ކުޑައިރުކޮޅެއް ވީތަނާ، އޭނާގެ ހިތަށް ބިރުވެރިކަން ވަދެއްޖެއެވެ. އެހެންކަމުން، އެތަނުން އޭނާގެ އަތުޖެހުނު އެއްޗެއް ނަގައި ރައްކާކޮށްގެން، އެ ސަހަރުން ނުކުމެ ދުއްވައިގަތެވެ. އަދި އޭނާ އުޅޭ ރަށަށް އެނބުރި އައިސް، އޭނާއަށް ފެނުނު ސަހަރުގެ ވާހަކަ މީހުންނަށް ކިޔައިދިނެވެ. އޭނާގެ އަތުގައި ހެކިވެސް ހުއްޓެވެ. އެކަމަކު، މީސްތަކުން އެތަން ހޯދަން ނުކުމެ ހޯދާހޯދާ، އެއްވެސް ތަނެއް އެމީހުންނަކަށް ނުފެނުނެވެ.
ބުނެވޭގޮތުގައި، އެއީ ޝައްދާދު ބިން ޢާދު މިބިންމަތީގައި ބިނާކުރި ސުވަރުގެއެވެ. ޝައްދާދު ބިން ޢާދަކީ، ޢާދުބާގައިގެ މީހުންގެ ވެރިޔާއެވެ. ދެވޭނުދެވޭ ތަނެއް ނޭނގި، ޢަބުދު الله ބިން އަބީ ކިލާބަށް ދެވުނީ، ޢާދުބާގައިގެ މީހުންގެ ސަހަރަށެވެ. އެ ސަހަރަކީ، الله ކޯފާލައްވައި، ހަލާކުކުރައްވައި، ބިމުގެ އަޑިއަށް ގަންބަވައިގަތް ސަހަރެވެ. އެ ބަދަވީންގެ މީހާގެ އިތުރުން، ޞަޙާބީއަކުވެސް އެ ސަހަރު ދެކެ ވަޑައިގަތް ކަމަށް ބުނެވެއެވެ.
ތާރީޚީ މަޞްދަރުތަކަށް ބަލާއިރު، އައް ތަބަރީގެ ތަފުސީރާއި، އަދި އިބުނު ކަޘީރުވެސް އެއްބަސްވާ ގޮތުގައި، ޢާދުބާގައިގެ މީހުން ދިރިއުޅުނީ އަލް އަޙުޤާފު ސަރަޙައްދުގައެވެ. އެއީ ޢަރަބި ޕެނިންސިއުލާގެ ދެކުނުން، ޔަމަނާއި، އޮމާނާ ދެމެދުގައިވާ ސަރަޙައްދެކެވެ. އަދި އެ ސަރަޙައްދުގެ ތެރޭގައި، ރުބުޢުލް ޚާލީއޭ ކިޔުނު ސަހަރާގެ ބައެއްވެސް ހިމެނެއެވެ.






